އިސްރަށްވެއްސެއްގެ ދުލުން ރ.މީދޫ

701

ބަނދަރަށް ފައިބާއިރު ކުރިމަތިން އޮތް މަގުގެ އެއްފަރާތުގައި ހުރި ފިނި މައިޒާން (ފެރީޓާމިނަލް) ގައި ރަޑުގެ ހަރު މީހުން ތަފާތު ވާހަކަ ތަކުގައި ޝައުގުވެރިކަމާއެކު މަޑުކޮށްލައިގެން ތިބި މަންޒަރު ފެނުމުން އެތެރެއަށް ވަދެ އެމީހުންނާ ބައިވެރިވެލީމެވެ.

ބޮޑަށް ވާހަކަދެއްކީ 67 އަހަރުގެ އަހުމަދު އިބްރާހީމްއެވެ. އެކަމަކު އެހެން މީހުންވެސް ވާހަކައިގަ ބައިވެރިވިއެވެ. އޭނާ ވާހަކަ ފެށީ ރަށުގެ ރައްޔިތުންނަށް ތައުރީފް ކުރަމުންނެވެ. “މިރަށަކީ އަނެއްގޮތަށް ރަނގަޅު ރަށެއް, ގޯސް ރަށެއް ނޫން. ވަރަށް ވައްކަން ނުކުރާނެ, ފަތް ނުބޯނެ ވަރަށް.” އޭނާ ކިޔައިދިނެވެ.

ދެން އަތުން އިޝާރާތްކުރީ އޭނާ އިށިއިނދެ އިން ގޮނޑީގެ ކުރިމަތީގައު ހުރި އަށި މަތީގައި އޮތް ކޮތަޅަކަށެވެ. ބުނީ އެކޮތަޅު އެތާ އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެދާނެ ކަމަށެވެ. އޭނާ ސާބިތުކޮށްދޭން ބޭނުންވީ އެއީ ވައްކަން ނުކުރާ ރައްޔިތެއް ދިރިއުޅޭ ރައްކާތެރި ރަށެއް ކަމެވެ. ކިތަންމެ ދުވަހެއް ވިޔަސް އެކޮތަޅުގެ ވެރި ފަރާތުން އައިސް ގެންދަންދެން އެތަނުގައި އޮންނާނެ ކަމެވެ. އެއީ އެރަށަށް ޒިޔާތަތްކުރި މެހުމާނަކަށް ބޭއްވިފައި އޮތް ކޮތަޅެއް ކަމެއް ނުވަތަ ރަށު މީހެއްގެ ކޮތަޅެއް ކަމެއް ނޭންގެއެވެ.

މީދޫ އަންހެނުން ތަކެއް ފިނިކޮށްލަން މަޑުކޮށްލައިގެން

2300 އާ އާބާދީ ކައިރި ކުރާ ރަށެއްގެ މާހައުލު މިހާވަރަށް ރައްކާތެރި ވުމަކީ ހަގީގަތުގައިވެސް ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ދެން އަހަރެން ސުވާލުކުރީ ރަށުގެ ތަރައްގީއާ މެދުއެވެ. ސަރުކާރުތަކުން ރަށް ތަރައްގީކޮށްދޭތޯއެވެ. ތަރައްގީގެ ކަންކަން ހުރި މިންވަރާމެދު ހިތްހަމަ ޖެހޭތޯއެވެ.

ޔާމީނު ކުރި, އެވަރުގެ ވެރިއެއް މިރަށަކަށް ނާދޭ. މިހާރަކު ނުކުރެ އެއްކަމެއްވެސް.

އޭނާގެ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ފަޅު ކުޑަވުމެވެ. ފަޅު މާކުޑައީއެވެ. މީދޫއަކީ އޮޑިދޯނިފަހަރު ގިނަ ރަށެކެވެ. ކައިރި ރިސޯރޓްތަކުގައި އެރަށުގެ ދޯނިފަހަރު ގިނައެވެ. އެދޯނިފަހަރު އަޅާފައި އޮންނަނީ މީދޫ ފަޅުގައެވެ. އެހެންކަމުން އިރުއޮއްސޭއިރު ފަޅު އޮންނަނީ ފުރިފައެވެ.

ރިޕޯރޓާ ގުޅޭ ވީޑިއޯ

ދެންއޮތީ ރަށުގެ ދެއަވަށުގެ ދެ ޖަމްއިއްޔާގެ ވާދަވެރިކަމެވެ. ހަގީގަތުގައި އެވާދަވެރިކަމުގެ ތެރެއިން ރަށަށް މީހުން ޒިޔާރަތްކުރަން ސަބަބުތަކެއް މެދުވެރި ކުރުވައެވެ. ދެޖަމްއިއްޔާއިންވެސް ކަންކަން ކުރުން ‘ކޮލިޓީ’ ވީމައެވެ. ކުޅިވަރެއް ވިޔަސް މުބާރާތެއް ވިޔަސް މެއެވެ.

ޒުވާބުވެސް ކޮށްލާނެ ބައެއް ފަހަރު (ދެޖަމްއިއްޔާ). އެމަންޒަރެއް ރަށުން ބޭރުން އަންނަ މީހުނަކަށް ނުފެންނާނެ. އެއީ ވާދަވެރިކަން.

ހުރިހާ ވާހަކައަކަށް ފަހުވެސް އަހުމަދު އިބްރާހީމް ހިތާރޫހުން އެއްބަސްވީ ކަމަކީ މީދޫއަކީ ތަރައްގީ ރަށެއް ކަމެވެ. އަދި ރަށުގެ ސާފްތާހިރު ކަމެވެ. އޭނާ ދިން ޔަގީން ކަމަކީ ކުޅިވަރު ބަލަން މީދޫ ނޫން ރަށަކަށް ދާން ނުޖެހޭނެ ކަމުގެ ޔަގީންކަމެވެ. ކުޅިވަރު ހަރަކާތަކަށް ނުވަތަ މުބާރާތަކަށް, އީދަކަށް މީދޫއަށް ޒިޔާރަތްކޮށްފި ނަމަ ދެވަނަ ފަހަރު އަންނަން ބޭނުންވާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. އެކަމަށް ދެން ތިބި މީހުންވެސް ބާރުދީ އެއްބަސްވިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.