ރ.މީދޫ އެކުވެރި ކްލަބުން އެރަށުގައި ކުރިއަށްގެންދާ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ތިންވަނަ ކުޑަފުށި މޯލްޑިވްސް ހޯދައިފި އެވެ.
ކުޑަފުށި މޯލްޑިވްސް ތިންވަނަ ހޯދީ ސެމީފައިނަލް މެޗުން ބަލިވި ދެޓީމް އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ހެރިޓެންސް އާރަށާ ވާދަކޮށް, ކުޑަފުށިން ސެޓްތައް ގެންދިޔައީ ފަސޭހަކަމާއެކު އެވެ. އެއީ 25-16, 25-12 އަދި 25-18 ނެވެ. ތިންވަނަ ސެޓްގައި ހެރިޓެންސް އާރަށުން ދެ ޕޮއިންޓްގެ ލީޑެއް ނެގުން ފިޔަވާ މުޅި މެޗުގައިވެސް ކުޑަފުށިން ކުޅުނީ ލީޑްގައި އޮވެއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ ރޯޝަން އުދަޔަންގާ އެވެ. ކުޑަފުށްޓަކީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ޓީމެވެ.
މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ޖޯލިބީން އާއި ޖޯލި މޯލްޑިވްސް އެވެ. ފައިނަލް މެޗު ކުޅޭނީ ބުދަ ދުވަހުގެ ރެއެވެ. މުބާރާތުގައި 8 ރިސޯރޓުން ވާދަކުރިއެވެ.