ތޮއްޑޫގައި ހުރި ކުޅިވަރުގެ ވަޞީލަތްތައް!

264

އއ.ތޮއްޑޫގެ ނަމާއެކު ހިތަށް އަންނަނީ ފުޓްބޯޅައިގެ ޗެމްޕިއަނުންގެ ނަންތަކެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިންނެވެ. ރާއްޖެއަށް ފުރަތަމަ ރަންތަށި ލިބުނު ރަންގޯލް ޖެހި ކުޅުންތެރިޔާގެ ނަމެވެ.

ތޮއްޑޫގައި މިދިޔަ ސަރުކާރުން ޓާފް އަޅައިގެން ހަދައިދިން ދަނޑު

ޔަގީނުންވެސް ތޮއްޑޫއަކީ ފުޓްބޯޅައިގެ ރަށެކެވެ. ފުޓްބޯޅައިގެ ހުނަރު އޮތް ރަށެކެވެ. ޗެމްޕިއަނުން އުފެއްދި ޗެމްޕިއަނެކެވެ. އެރަށަށް ފުޓްބޯޅަ ދަނޑެއް ބޭނުންވެއެވެ. އެއީ ސުވާލެއް އޮތްކަމެއް ނޫންނެވެ. އިސްކަންދޭ ރަށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިސިޔަ ސަރުކާރުން ތޮއްޑޫގައި ވަނީ ޓާފްއެޅި ބޮޑު ފުޓްބޯޅަ ދަނޑެއް އަޅައިދީފައެވެ. އެދަނޑުގެ ބޭނުން ޒުވާނުންނާއި, ކުޑަކުދިންވެސް އެދަނީ ހިފަމުންނެވެ. އެކަމަކު ހަގީގަތުގައި އެދަނޑު އަދި މުޅިން ނުނިމެއެވެ. ރޮސްޓްރަމް ނިންމައިދޭން ޖެހެއެވެ. ރޭގަނޑު ކުޅެވޭނެ އިންތިޒާމް ހަމަޖައްސަން ލައިޓް ހަރުކުރުން މުހިއްމެވެ. ކުޅިބަލާ މީހުންނަށް ތިބެވޭނެ ސިޑިބަރިއެއްގެ މުހިއްމުކަންވެސް ކުޑައެއް ނޫނެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅިއިރު އޭގެ ދަނޑެއް ތޮއްޑޫއަށްވެސް ލިބުނެވެ. އެކަމަކު އެދަނޑު މިހާރު ވަނީ ވަރަށްބޮޑު މަރާމާތަކަށް ބޭނުންވެފައެވެ. އެއީ މިހާރު ހަވީރު ވަގުތު ފުޓްސަލް ދަނޑެވެ. ރޭގަނޑު ހޭންޑްބޯޅަ ކޯޓެވެ. އެދަނޑު ބޭނުން ކުރަނީ ދެ ކުޅިވަރަށް ބަހާލައިގެންނެވެ. ހޭންޑްބޯޅަ އެކަޑަމީއެއްވެސް އޮތުމާއެކު ހޭންޑްބޯޅަ ކޯޓެއްވެސް ތޮއްޑޫއަށް ބޭނުންވެއެވެ. ފުޓްސަލްއާއި ހޭންޑްބޯޅަ އަށް އެއް ދަނޑެއް ބޭނުން ކުރަން ޖެހުމުގެ އުނދަގޫ ބޮޑެވެ.

ތޮއްޑޫގައި ފުޓްސަލްއާއި ހޭންޑްބޯޅަ ވެސް ކުޅެނީ މިދަނޑުގައި

ތޮއްޑޫ ފިރިހެން ވޮލީބޯޅަ ޓީމަކީ އއ.އަތޮޅުގެ ޗެމްޕިއަނެވެ. ވިދިވިދިގެން ދެ އަހަރު އެތަށި ހޯދައިފިއެވެ. އެހެންވީމާ ތޮއްޑޫ އަކީ ވޮލީބޯޅައިގެވެސް ރަށެކެވެ. ބައެއް ވަގުތު ތަކުގައި އަންހެނުންވެސް ޝައުގުވެރިކަމާއި, ނެޓް ހުރަސްކޮށް އެއް ކޮޅުން އަނެއް ކޮޅަށް ފޯރީގަ ވޮލީބޯޅައިގަ ޝޮޓްތައް ޖަހައެވެ. ތޮއްޑޫގައި އައުޓްޑޯ ޒަމާނީ ވޮލީކޯޓެއް އެބައޮތެވެ. މިދިޔަ އެމްޑީޕީ ސަރުކާރުން ޤާއިމްކުރި ވޮލީކޯޓްގައި ވަނީ ލައިޓްޖަހާ ރޭގަނޑުވެސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ބެޑްމިންޓަންގައިވެސް ތޮއްޑޫއަކީ ޗެމްޕިއަނެކެވެ. އިންޓަރ ސްކޫލް މުބާރާތުގައެވެ. އަދި އަތޮޅު ފެންވަރުގައެވެ. ތޮއްޑޫގެ ކުޅުންތެރިން ގައުމީ ޓީމާ ދިމާއަށްވެސް މިސްރާބު ޖަހައިފިއެވެ. ކުރިން އެހެން ކަމަކަށް ބޭނުންކުރި އިމާރާތެއް ބެޑްމިންޓަން ކޯޓަކަށް ބަދަލުކޮށް އަންނަނީ ބޭނުން ކުރަމުންނެވެ. ބެޑްމިންޓަން އެކަޑަމީއެއްވެސް އޮތުމާއެކު ތޮއްޑޫގެ ބެޑްމިންޓަން ފުޅާކޮށް, ގައުމީ ޓީމަށް ކުޅުންތެރިންތަކެއް ނެރެދިނުމަށް ކުރާ މަސައްކަތަށް ހަގީގަތުގައި ވަސީލަތް އިތުރު ކުރަން ޖެހެއެވެ.

ތޮއްޑޫ ބެޑްމިންޓަން ހޯލްގައި ކުދިން ތަމްރީނު ހަދަނީ

ތޮއްޑޫގެ ވާހަކަ ގެނައުމުގެ މާނައަކީ އެހެން ރަށްރަށް އިސްތިސްނާވުމެއް ނޫނެވެ. އެކި ކުޅިވަރުން އެކި ރަށްރަށަށް އިސްކަން ދީގެން ނަމަވެސް ވަސީލަތްތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމް ކުރަން ޖެހެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.