ރިދަން އެކަޑަމީ- އަމާޒަކީ ދެވަނަ ތޮއްޑޫ ނިޒާމަކާއި ޓޫކިލޯއެއް ނެރުން

643

އއ.ތޮއްޑޫ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވިދުންގަދަ ނަންތައް އުފަންކުރުވި އެއް ރަށެވެ. މިހާރު ފެންނަ ޓާފް އެޅި ދަނޑު, ނެތް ދުވަސްވަރެއްގައި ތޮއްޑޫން މާލެ ގޮސް މުޙައްމަދު ނިޒާމް (ތޮއްޑޫ) އާއި, މުހުތާރު ނަސީރު (ޓޫކިލޯ) ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑަތި ކާމިޔާބީތައް ހޯދި އެވެ. އޭގެ ކުރިން އިބްރާހީމް ރަޝީދު (ބޮޑުތޮއްޑޫ) ވެސް ފުޓްބޯޅައިން ތޮއްޑޫގެ ނަން ވިދުވާލި އެވެ. އެކަމަކު އެއީ މިހާރު މާޒީ އެވެ.

ރިދަމް އެކަޑަމީ ކުޅުންތެރިން ޕްރެކްޓިސްގައި

އޭގެފަހުން ތޮއްޑޫން އެފަދަ ތަރިއެއް އަރައިގެން ނުދާކަން ތޮއްޑޫ ރައްޔިތުންވެސް ގަބޫލުކުރެއެވެ. އެކަމަކު އެމީހުންވެސް ގަބޫލުނުކުރަނީ އެއީ އެކަން ވާންޖެހޭނެ ގޮތްކަމެވެ. އެހެންކަމުން އެފަދަ ތަރިންތަކެއް އަލުން ގައުމީ ދަނޑަށް ނެރުމުގެ މަސައްކަތް ތޮއްޑޫ ޒުވާނުންތަކެއް އިސްވެ ފެށިއެވެ. ތޮއްޑޫ ‘ރިދަން’ އެކަޑަމީ ވުޖޫދުވެގެން އައި މައިގަނޑު މަގްސަދަކީ އެއީއެވެ.

އަޅުގަނޑުމެންގެ އެންމެ ބޮޑު މަގްސަދަކަށްވީ އަޅުގަނޑުމެންގެ މިމަސައްކަތުން އަނެއްކާވެސް އެއްކަލަ ލެވެލްގެ, ކުރީގެ ތޮއްޑޫ, ބޮޑުތޮއްޑޫ, ޓޫކިލޯމެން ފެންވަރުގެ ކުޅުންތެރިންތަކެއް އަނެއްކާވެސް ވުޖޫދަށް ނެރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވެސް ވާނެ- ހަސަން ފިރާޒު/ އެކަޑަމީ ހެޑް ކޯޗު

އެމަސައްކަތް ރިދަމް އެކަޑަމީން ފެށީ ހަމައެކަނި ފުޓްބޯޅައަށް ފޯކަސް ކުރުމުގެ ބަދަލުގައި ކުޅިވަރުގެ ރަނގަޅު ޖީލެއް ބިނާކޮށް, ތަރިންތަކެއް އުފެއްދުމުގެ ވިސްނުންތަކާއެކު އެވެ. އެގޮތުން ފުޓްބޯޅައާއި ހޭންޑްބޯޅަ އަދި ބެޑްމިންޓަން ހިމެނޭ ގޮތަށް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެކަޑަމީ ވުޖޫދަށް ގެނައެވެ. ފުރަތަމަ އެކަޑަމީ ވުޖޫދުވެގެން އައީ 140 ދަރިވަރުންނާއެކު އެވެ. އެކަމަކު އެކަޑަމީއަށް އަހަރެއް ފުރޭއިރު 189 ދަރިވަރުން އެކަޑަމީން ދަނީ ތަމްރީނު ހޯދަމުންނެވެ.

އެކަޑަމީ ދެކުއްޖަކު ޕްރެކްޓިސްއަށް ރެޑީވަނީ

އެންމެ ގިނަ ކުދިން ތަމްރީނު ހޯދަނީ ތޮއްޑޫގެވެސް އެއްވަނަ ކުޅިވަރު ފުޓްބޯޅައިންނެވެ. ފުޓްބޯޅައިން ހުނަރު ތަރައްޤީކޮށް ތޮއްޑޫ ނިޒާމް ފަދަ ކުޅުންތެރިއަކަށް ވުމަށް 124 ކުދިން ތަމްރީން ހޯދަމުން ދިއުމަކީ ތޮއްޑޫގެ ފުޓްބޯޅައަށް ދޭ އުއްމީދެކެވެ.

ހޭންޑްބޯޅައިގަ 24 ކުދިން އަދި ބެޑްމިންޓަންގައި 41 ދަރިވަރުން ދަނީ ތަމްރީނު ހޯދަމުންނެވެ. ފުޓްބޯޅައިގެ އިތުރުން ބެޑްމިންޓަންގައިވެސް ތޮއްޑޫއަކީ ފާހަގަކުރެވޭ ރަށެކެވެ. އިންޓަރ ސްކޫލް މުބާރާތުގައިވެސް ވިދުން ގަދައެވެ. ހޭންޑްބޯޅައަށް ބަލާއިރު ފެންނަނީ ހުނަރެވެ. ކުރިމަގުގައި ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް ނެރެވޭނެ ކަމުގެ ޔަގީންކަން ރިދަމް އެކަޑަމީ އަށް އެބައޮތެވެ.

ރިދަން އެކަޑަމީގެ މިދަތުރުގެ މިސްރާބު ރަނގަޅެވެ. ލަސްތަކެއް ނުވެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.