ތިން މެޗުންވެސް މޮޅުވެ, ޖޯލިބީން ސެމީއަށް

643

ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ, އެއްވަނަ ޓީމްގެ ގޮތުގައި ޖޯލި ބީން އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ. ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޖޯލި ބީން ސެމީފައިނަލް ޔަގީން ކުރީ ގްރޫޕް އޭގެ ފަހު މެޗުގައި އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގާ ރިސޯރޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅޭ ޖޯލިބީން މެޗުގެ ސެޓްތައް ގެންދިޔައީ 25-08, 25-17, 25-25 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީން ބޮޑުފުށީގެ ސާޖިދު ރަޝީދު އެވެ.

މެޗުން މާމުނަގާ ބަލިވުމުން, ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލްގެ ޖާގަ ލިބުނީ ކުޑަފުއްޓަށެވެ. އެޓީމް ގްރޫޕް ސްޓޭޖްގައި ބަލިވީ ހަމައެކަނި ޖޯލިބީން އަތުންނެވެ. އެއީވެސް ވާދަވެރި މެޗަކަށްފަހު 3-2 ސެޓުންނެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ވާދަކުރާނީ ޖޯލި މޯލްޑިވްސް އާއި ރީތިފަރެވެ.

މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކުގެ މެދުގައި މީދޫގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގައި 8 ރިސޯރޓުން ވާދަކުރެއެވެ.