މޫދާއި ދޮންވެލި ތުނޑިއާއި, އެމާހައުލަށް ބަލާލުމުން ރިސޯރޓެއް ނޫންކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. މޫދާއި ދޮންވެލި ތުނޑިމަތީގައި މިނިވަންކަމާއެކު ފަތުރުވެރިން ހޭދަކުރަމުން އެދަނީ އުފާވެރި ވަގުތުތަކެކެވެ. އެމީހުން ރާއްޖެ އައި ބޭނުން ފުރިހަމައަށް އެބަ ހާސިލްވެއެވެ. މިއީ އއ.ތޮއްޑޫގައި ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދެވެ.

އއ.ތޮއްޑޫއަކީ ގުދުރަތީ ގޮތުން މުއްސަނދި ރަށެކެވެ. އެއް ރަށަކަން ގުދުރަތީ ހިތްހަމަ ޖެހުން ލިއްބައިދޭނެ ރަށެކެވެ. 157 ހެކްޓަރުގެ މިރަށަކީ 2270 މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ރަށުގެ އާބާދީގެ އިތުރުން ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ގިނައެވެ. އެންމެ ފަހުން އާއަހަރާ ދިމާކޮށް ރަށުގައި 1400 އެއްހާ ފަތުރުވެރިން ތިބިކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.
މިރަށުގައި އޮޕަރޭޝަންގައި 62 ގެސްޓް ހައުސް އެބަހުއްޓެވެ. އެއީ ގާތްގަނޑަކަށް 700 އެއްހާ ކޮޓަރިއެވެ. އިމާރާތް ކުރުމުގެ މަރުމުގެ އެކި މަރުހަލާގައި 40 އަށްވުރެ ގިނަ ގެސްޓް ހައުސް އެބަހުއްޓެވެ. އޭގެތެރެއިން ދެބައިކޮޅަ އެއްބައި ތަންތަން މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ބެލެވެއެވެ.

މިރަށުގެ ކޮންމެ ގޭބީސީއަކީ ފަތުރުވެރިކަމާ ގުޅިފައިވާ, ފަތުރުވެރިކަމުން ނަފާ ހޯދާ ގޭބިސީއެކެވެ. ބައެއް ގޭބީސީ ތަކުގެ އެންމެން ޝާމިލްވަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ރަށުގައެވެ.
މިރަށް ޚާއްސައީ ހަމައެކަނި ފަތުރުވެރިންނަކަށް ނޫނެވެ. މިއީ ދިވެހިން ޒިޔާރަތްކޮށްލަންވެސް އެއްވަނައިގެ ރަށެކެވެ. ގެސްޓްހައުސްތަކުގެ އިތުރުން ކެފޭ ރެސްޓޯރަންޓް ތަކުގެ މެނޫއާއި ރަހަތައްވެސް ރަނގަޅެވެ.
