ހެރިޓެންސް އާރަށް ސެމީ އަށް

347

އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލުން ހެރިޓެންސް އާރަށް ޖާގަ ޔަގީން ކޮށްފިއެވެ. ހެރިޓެންސް އާރަށް ސެމީފައިނަލްގެ ޖާގަ ޔަގީން ކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

ގްރޫޕް ސްޓޭޖްގައި އާރަށް ކުޅުނު ފަހު މެޗު ކާމިޔާބުކުރީ ރީތިފަރު ރިސޯރޓާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 25-07 ން ފަސޭހައިން އާރަށް ހޯދާފައި ވަނިކޮށް, ދެވަނަ ސެޓް 25-19 ން ރީތިފަރު ރިސޯރޓުން ގެންދިއުމުން މެޗު ވާދަވެރިވެދާނެ ކަމަށް ބެލެވުނެވެ. ނަމަވެސް ޖެހިގެން އައި ދެސެޓް 25-14, 25-21 ން ހޯދާ ހެރިޓެންސް އާރަށް ސެމީފައިނަލްގެ ޖާގައެއް ޔަގީން ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހެރިޓެންސް އާރަށުގެ ޗަމީރާ ޕްރަޝާދު އެވެ. މުބާރާތުގައި ހެރިޓެންސް އާރަށް ބަލިވީ ޖޯލި މޯލްޑިވްސް އަތުންނެވެ. ޖޯލި މޯލްޑިވްސް ވަނީ ގްރޫޕް ބީގައި ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައެވެ.

ގްރޫޕް އޭގައި ކުޑަފުށި މޯލްޑިވްސް ގްރޫޕް ސްޓޭޖް ނިންމާލީ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްގެންނެވެ. ބަލިވީ ފުރަތަމަ މެޗުގައި ޖޯލި ބީން އަތުންނެވެ. ޖެހިގެން އައި ދެ މެޗު ވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތިންވަނަ މެޗު ހޮނިހިރު ދުވަހުގެރޭ ކާމިޔާބުކުރީ މީދުއްޕަރާ ވާދަކޮށެވެ. އެއީ 25-6, 25-12 އަދި 25-16 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަފުށީގެ ދިމުތު ޕްރަސަންނަ އެވެ. މިގްރޫޕްގެ އެއްވަނަ އަދި ދެވަނަ ކަނޑއެޅޭނީ އާދިއްތަ ދުވަހުގެރޭ ޖޯލި ބީން ކުޅޭ ގްރޫޕް ސްޓޭޖްގެ ފަހު މެޗުންނެވެ. ޖޯލި މާމުނަގާއާ އެވެ.

މިއީ ރ.މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓް ތަކުގެ މެދުގައި މީދޫގައި ކުރިއަށް ގެންދާ މުބާރާތެކެވެ.