ތޮއްޑޫ އިސް ރަށްވެއްސެއްގެ އުދާސް!

548

އއ.ތޮއްޑޫއަށް ފައިބައިގެން ރަށުތެރެއަށް ހިނގައިގަންނަން ބެލިރިއު މައިމަގުގެ ކަންމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ހަރުކުލައިގެ ހައެއްކަ ފިރިހެނުން އެކިކަހަލަ ވާހަކައިގައި ތިއްބެވެ. އާދައިގެ މަތީން އެމީހުންނާ ކައިރިވެލާ ހާލުއަހުވާލު އޮޅުންފިލުވާލީމެވެ. ހާލު ރަނގަޅު ކަމަށް އެންމެންވެސް ބުންޏެވެ. އެކަމަކު ގައުމުގެ ކަންކަމާމެދު ނުތަނަވަސް ވާހަކަތަކެއް ދައްކާތީ އިތުރަށް އެމީހުންނާ ބައިވެރިވެލާ ސުވާލުކޮށްލުމުން އުދާސްތައް ބޭރުކުރަން ފެށިއެވެ. ވާހަކަ ފެށީ 63 އަހަރުގެ ހުސެން މަނިކެވެ.

ތޮއްޑޫގެ އިސް ރަށްވެއްސެއް ކަމަސްވާ އަބްދުއްރަހުމާނު ޖޯލިފަތީގައި މަޑުކޮށްަލައިގެން:

އުދާސްތައް ބޭރުކުރަން ފެށުމުން މައިކް ޖަހާލިޔަސް އެންމެ ރަނގަޅުތޯ ސުވާލުކުރުމުން ފިސާރި އަވަހަށް ބުނީ ތިމަންނާމެން ތައްޔާރު ކަމަށެވެ. އެކަމަކު މިކަހަލަ ވާހަކަ މީޑިޔާތަކުން ނުގެނެސްދޭނެ ކަމަށާއި, މީޑިޔާތައްވެސް އޮންނަނީ ގަނެފައި ކަމަށް އެތަނުން އެކަކު ބުންޏެވެ.

މައިކް ޖަހާ ކެމެރާ ރެކޯޑަށް ލުމާއެކު އަނެއްކާވެސް ހާލު އަހާލީމެވެ. ހާލު ރަނގަޅޭ ބުނުމުން ހަގީގަތުގައިވެސް ހާލު ރަނގަޅީތޯ, ނޫނީ ހަމަ އަނގަމަތީ ޖަވާބެއް ދިނީތޯ ސުވަލުކޮށްލީމެވެ. އަދި ގައުމުގެ ކަންކަމާއި, އާއިލާގެ ކަންކަންވެސް ރަނގަޅުތޯ ސުވާލުކޮށްލަން ބޭރުކޮށްލެވުނީ ސުވާލުގެ އެއްބައެވެ.

“އުހުނ ގައުމުގެ ހާލަތު ރަނގަޅެއްނޫން. މިއީ އަރިއަތޮޅު ބޮޑުތޮއްޑޫ, ފަތުރުވެރިކަމުގެ ދާއިރާއިން ވަރަށް ކުރިއަށްދާ ރަށެއް. މިއޮތީ ތޮއްޑޫގެ މަގުތައް (ފެންހެދިފައިވާ މަގުތަކަށް އަތުން އިޝާރާތްކޮށް) ފުރަތަމަ ފަތުރުވެރިން އައިސް ފުންމާލާތަން. މަގުތައް ޒަމާނީ ފެންވަރަކަށް ހަދާށޭ ކިޔާފަ އާސަރުކާރުން ތިރީހަކަށް, ސާޅީހަކަށް މީހުންނަށް މުސާރަދޭ. އެހެންނަމަވެސް މަސައްކަތެއް ނުދޭ ކުރިއަކަށް”

އެވާހަކަ ދައްކަމުން ދިޔައިރު ބަގީއެއްގައި ފެންގަނޑު ތެރޭން ފަތުރުވެރިންނާއެކު ދިޔަ ބަގީއަކަށް އިޝާރާތްކޮށް ބުނީ މިއީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ އެއް ރަށުގެ ހާލަތު ކަމަށެވެ. ތަފްސީލް ދެމުން އޭނާ ބުނީ މަގު ހެދުމުގެ މަސައްކަތް ކުރަން ގެނައި އެއްޗިހި އެހުރީ ( ފަހަތަށް އިޝާރާތް ކުރަމުން ) ކަމަށާއި, މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އާސަރުކާރުން ރަށުގައި ފަށަން އުޅޭ ހަމައެކަނި މަޝްރޫއަކީވެސް އެއީ ކަމަށް ބުނެ, ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައީ މިދިޔަ ސަރުކާރުން ކުރި މަސައްކަތާ ހަމައަށެވެ. އޭނާ ބުނީ ކުރީ ސަރުކާރުން ފާހާނާ ހޮޅި އަޅާ, އިންޖީނުގެ ހަދާ ކޭބަލް އަޅައިފި ކަމަށެވެ. ސްކޫލްގެ ބޮޑު އިމާރާތެއްވެސް ނިންމާ, ތޮއްޑޫ ބަނދަރުވެސް ހަދައިފި ކަމަށެވެ. ކުރިން އޮތް ބަނދަރު ތޮއްޑޫގައި ވަނީ މިދިޔަ ސަރުކާރުން ބޮޑުކޮށްދީފައެވެ.

ގައުމުގެ ސިޔާސީ ކަންކަމާ ގުޅޭގޮތުންވެސް އޭނާ ވާހަކަ ދެއްކިއެވެ. އެކަމަކު އެވާހަކަތައް ރެކޯޑް ކުރާކަށް ބޭނުމެއް ނުވިއެވެ, ބުނީ ރެކޯޑްކޮށްގެން ދައްކަން ބޭނުންވަނީ ރަށުގެ ވާހަކަތައް ކަމަށެވެ. ރަށުގައި ހައްލުކުރަން ހުރި ކަންކަމުގެ ވާހަކަތައް ކަމަށެވެ.

“އަހަރެމެން ބޭނުންވަނީ އަހަރެމެން ރަށަށް ރަނގަޅު ގޮތެއްވާން” އޭނާ ވާހަކަ ނިންމާލީ ރަށާމެދު އޮތް އުއްމީދު ފާޅުކުރަމުންނެވެ. ވީޑިއޯ އިންޓަރވިއު މަތީގައި އެވަނީ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.