ކުލަގަދަ ރަސްމިއްޔާތަކުން އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތް ފަށައިފި

704

އާދަޔާހިލާފް ކުލަގަދަ ރަސްމިއްޔާތަކުން އިތާ އިންޓަރ ރިސޯރޓް ވޮލީ މުބާރާތް މީދޫގައި ފަށައިފި އެވެ. މީދޫ އެކުވެރި ކްލަބުން އެއަތޮޅުގެ ރިސޯރޓްތަކުގެ މެދުގައި ބާއްވާ ދެވަނަ ވޮލީބޯޅަ މުބާރާތް ފައްޓަވައިދެއްވީ ރާއްޖޭގެ ކުޅިވަރު ޝަހުސިއްޔަތު ސައްޔިދު އަލީ އެވެ.

މުބާރާތް ހުޅުވުމުގެ ކުލަގަދަ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ-މީދޫ އެކުވެރި ކްލަބް

ރ.އަތޮޅުގެ 8 ރިސޯރޓުން ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ޖޯލި ބީން އެވެ. ވާދަވެރި ކުޅުމަކަށްފަހު ޖޯލި ބީން މެޗު ކާމިޔާބުކުރީ ކުޑަފުއްޓާ ވާދަކޮށް 3-1 ސެޓުންނެވެ. މެޗުގެ ސެޓްތައް ޖޯލި ބީން ގެންދިޔައީ 25-17, 18-25, 25-21, އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީންގެ ޝެހާން އެވެ. ގްރޫޕް އޭގައި މިދެޓީމްގެ އިތުރުން ހިމެނެނީ މާމުނަގައު, އަދި މީދުއްޕަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރީތިފަރާއި, ފާރަފުއްޓާއި, ޖޯލި މޯލްޑިވްސްއާއި, ހެރިޓަންސް އާރަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން: ފޮޓޯ-މީދޫ އެކުވެރި ކްލަބް

މުބާރާތް ފަށަން މީދޫ އެކުވެރި ކްލަބުން ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. އަދި މިމުބާރާތް ބާއްވަނީ މީދޫ ކައުންސިލުން ތައްޔާރުކުރި ޒަމާނީ ވޮލީ ކޯޓްގައެވެ. މިއީ މިކޯޓްގައި ކުޅުނު ފުރަތަމަ މެޗެވެ. މުބާރާތުގައި ވާދަކުރާ ޓީމްތައް ރަށަށް އައުމުން މަރުހަބާ ކިޔުމާއި ހަމައިން ޓީމްތައް އެނބުރި ދަންދެންވެސް އިންތިޒާމްތައް ފުރިހަމަ މިމުބާރާތުގެ ހުރިހާ ކަމެއްގައިވެސް ހަރަކާތްތެރިވަނީ ޖަމްއިއްޔާގެ މެމްބަރުންނެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.