ރ.މީދޫ އެކުވެރި ކްލަބުން މިދިޔަ 2023 ވަނަ އަހަރު ރަށުގައި ބޭއްވި އިތާ އިންޓަރ ރިސޯރޓް ފުރަތަމަ ވޮލީބޯޅަ މުބާރާތް ކުޅުނީ ވެލި ކޯޓްގައެވެ. ހަ ރިސޯރޓާއެކު ނިންމާލި ކާމިޔާބު މުބާރާތާއެކު ދެވަނަ މުބާރާތް ފަށަން ތައްޔާރު ( 3 އޮގަސްޓް 2024) ގައި ފަށަން ތައްޔާރުވީ އެވެ. ފުރަތަމަ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވުމުގެ ހިތްހަމަޖެހުމާއެކު ދެވަނަ މުބާރާތާ ކުރިމަތިލަނީ އެއަށްވުރެ މާބޮޑު އުފަލަކާއި, ހިތްހަމަޖެހުމެއް އިހުސާސް ކުރަމުންނެވެ.

އިތާ އިންޓަރ ރިސޯރޓް ދެވަނަ ވޮލީބޯޅަ މުބާރާތް މީދޫގައި ކުޅޭނީ ޒަމާނީ ވޮލީ ކޯޓެއްގައެވެ. މީދޫ ކައުންސިލުން ރަށަށް ދިން އަގުބޮޑު ހަދިޔާގެ ބޭނުން ހިފާ ފުރަތަމަ ބަޔަކީ މީދޫ އެކުވެރި ކްލަބެވެ. ނުވަތަ އެކޯޓްގައި ބާއްވާ ފުރަތަމަ މުބާރާތަކީ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތެވެ. މިފަހަރު 8 ޓީމާއެކުގައެވެ. މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ ޒަމާނީ ވޮލީކޯޓެއްގެ ބޭނުމަކީ ރަށުގައި ވޮލީބޯޅައަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް ކުރިމަތިވާކަމުގެ އިހުސާސް ކުރެވުވުމާއެކު, އެފުރުޞަތު ނުދިނުމެވެ. ހަމައެއާއެކު އިތާ އިންޓަރ ރިސޯރޓް ފަދަ ބޮޑު މުބާރާރާތެއް ރަށުގައި ބާއްވާއިރު އެމުބާރާތަށްވެސް ކައުންސިލަށް ދެވޭނެ އެންމެ ބޮޑު ސަޕޯޓަކީ ޒަމާނީ ވޮލީ ކޯޓެއް އެޅުންކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ކައުންސިލުން ވަރަށްބޮޑު ހޭދައެއް ކުރުމާއެކު މިނިސްޓްރީގެ އެހީތެރިކަންވެސް ލިބިގެން ގާއިމްކުރި ވޮލީ ކޯޓެކެވެ.
ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަމަ ވަރަށް ފުރިހަމައަށް މިކޯޓް ނިމިފައި މިއޮތީ. އެންމެބޮޑު މަގުސަދަކީ ވޮލީ ވަޅުޖެހެމުންދާތީ, މިކުޅިވަރު އާލާކޮށް ދިރުވުން.- މީދޫ ކައުންސިލްގެ ރައީސް
ވޮލީ ކޯޓް ތަރައްޤީކޮށްފައި ވަނީ ރޭގަނޑުވެސް ކުޅެވޭ ގޮތަށް, ލައިޓް ޖަހައިގެންނެވެ. އަދި ރޮސްޓްރަމްއާއި ޗޭންޖިންގ ރޫމާއި, ފާޚާނާއާއެކު މިއީ ރަށެދއްގައި ގާއިމްކުރި އެންމެ ފުރިހަމަ އެއް ވޮލީ ކޯޓަށް ވާނެއެވެ. ކޯޓްގައި މިވަގުތަށް މަދުވަނީ ސަޕޯޓަރުންނަށް ޚާއްޞަ ސިޑިބަރިއެވެ. މީދޫ އެކުވެރި ކްލަބްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ދެވަނަ މުބާރާތާ ކުރިމަތިލާއިރު ޒަމާނީ ވޮލީ ކޯޓެއް ލިބުމަކީ މުޅި ކްލަބަށްވެސް ލިބުނު ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ރަށު ކައުންސިލާއި ކުޅިވަރާބެހޭ ވުޒާރާއަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރީފަހަރާ ހިލާފަށް މިފަހަރު މިއޮތީ އަޅުގަނޑުމެންނަށް ކޯޓްގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެފަ. މިދިޔަ އަހަރު މިތާ ކުޅުނީ ވެލިކޯޓެއްގައި, އެހެންނަމަވެސް މިދިޔަ އަހަރުގެ މުބާރާތް ރަނގަޅަށް ކުރިއަށް ގެންދިޔައީމަ ރަށަށްވެސް ވަރަށްބޮޑު ފައިދާތަކެއް ކުރީމަ ކައުންސިލުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު އެއްބާރުލުން ދިން.- މީދޫ އެކުވެރި ކްލަބްގެ ރައީސް
އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތް މީދޫގައި ކުރިއަށްދާނީ އޮގަސްޓް 3-17 އަށެވެ. މިއީ ކުޅިވަރާބެހޭ ވުޒާރާއާއި, ވޮލީބޯޅަ އެސޯސިއޭޝަނާވެސް ކުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.