ޗާލު މަތިވެރި އީދަށް ޗާލު ކޮށްލުން!

1101

“މަގޭ ވެށި-ޗާލު މަތިވެރި” ޝިޢާރުގެ ދަށުން ގަވާއިދު ރަށް ސާފްކުރުމުގެ ބޮޑު ހަރަކާތެއް މަތިވެރީގައި ހިންގަމުން އަންނަތާ 9 އަހަރު ވީއެވެ. 2016 ވަނަ އަހަރުން ފެށިގެން ގަވާއިދުން ކޮންމެ އަހަރަކު އެހަރަކާތް ކުރިއަށް ގެންދަނީ ރަށް ހަޑިވެގެން, ސާފް ނުވެގެނެއް ނޫނެވެ. ރަށަކީ އަބަދުވެސް ސާފްތާހިރު ރަށެކެވެ. އެހަރަކާތުގެ ބޭނުމަކީ ހަމައެކަނި ސާފްކޮށްލުމެއް ނުވަތަ ފުޅިއަކާއި ދަޅެއް ނަގާ ޑަސްބިނަށް ލުމެއް ނޫނެވެ.

މަތިވެރި ސާފްކުރަނީ: ފޮޓޯ-ބިލްގްރަފީ

މިއީ ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ބަދަހި ކުރުމުގެ ބޮޑު ހަރަކާތެކެވެ. ރަށުގެ ކްލަބް ޖަމްއިއްޔާތަކާއި, މުއައްސަސާތައް އެކުގައި މަސައްކަތްކުރާ އެރޫހު އުފައްދައިދޭ ހަރަކާތެކެވެ. ހިނގާބުިނގާވެ އުޅެވޭ ހަމަ ކޮންމެ މީހަކުމެ ރަށަށްޓަކައި ކަމެއް ކޮއްދޭ ދުވަހެވެ. މުޅި ރައްޔިތުން އެންމެން އެކުގައި މަސައްކަތް ކުރާ ދުވަހެވެ. ރަށްޔިތުން އެކުގައި ކައިބޮއި ހަދާ ދުވަހެކެވެ. އާހިރު ނަތީޖާއަކީ ރަށް އިތުރަށް ޗާލު ވުމެވެ. ރަށް ސާފްކޮށް ބޭއްވުމުގެ ރޫހެއް އުފެދުމެވެ. އެރޫހު ކުޑަކުދިންގެ ހިތްތަކުގައި އަށަގަތުމެވެ.

މަތިވެރި ރައްޔިތުން ރަށް ސާފްކުރުމުގައި: ފޮޓޯ-ބިލްގްރަފީ

މިއަހަރު ހަރަކާތް ކުރިއަށް ގެންދިޔައީ ގްރޭޓަރ މާލެ ވޭސްޓް އެނަރޖީ ޕްރްޖެކްޓްގެވެސް ތެރެއިންނެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ. ތިމާވެށިގެ ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަސް ނަމަވެސް ޖޫން 8 ވަނަ ދުވަހު ހަރަކާތް ކުރިއަށް ގެންދިޔައީ ތިމާވެށީގެ ދުވަހުގެ ވެސް ހަރަކާތެއްގެ ގޮތުގައެވެ. ވަކީން ޚާއްޞަކޮށް މިހަރަކާތަކީ ބޮޑު އީދަށް ރަށް އިތުރަށް ސާފްކޮށް ޗާލުކުރާ ދުވަހެވެ. މުޅި ރަށުގައި އަތްފުނާއަޅާ ރަށް ސާފްކޮށްލީ ބޮޑު އީދަށެވެ. ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ސާފް, ޗާލު ރަށެއްގެ ގޮތުގައި މަތިވެރި ދެއްކުމަށެވެ. އެހިތްހަމަ ޖެހުން ހޯދައިދިނުމަށެވެ.

ސާފްކުރާ ދުވަހު ރައްުޔިތު އެންމެން ކެއުން ބަނދަރު ސަރަހައްދުގައި އެކުގައި: ފޮޓޯ-ބިލްގްރަފީ

ރަށުގެ ކާބަފައިން ރަށުގެ ރައްޔިތުންނަށް ދަސްކޮށްދިން އެންމެ ރީތި އެއް އާދައަކީ ރަށް ސާފްކޮށް ބޭއްވުން, އިޖުތިމާއީ ސަރަހައްދު ސާފްކޮށް ބެލެހެއްޓުން. މިއީ އަޅުގަނޑުމެން ކާބަފައިން ގެނެސްދީފައިވާ ރިވެތި ނަމޫނާއެއް. އަޅުގަނޑުމެންގެ ކުދިބޮޑު އެންމެ މިކަމުގައި ބައިވެރިވެގެން މިއަދާ ހަމައަށް މިޕްރޮގްރާމް ފުރިހަމަ ޕްރޮގްރާމެއްގެ ގޮތުގައި ދެމިގެން މިއަންނަނީ.

އަހުމަދު އަސްލަމް/ މަތިވެރި ކައުންސިލްގެ ރައީސް

މިއީ އެއިރެއްގައި އޮތް ކައުންސިލަކުން ބޮޑު ސަމާލުކަމެއް ދީގެން މުޅިރަށް އެކަތިގަނޑެއްގެ ގޮތުގައި ބާއްވައިގެން ކުރިއަށްގެންދާ ކާމިޔާބު ޕްރޮގްރާމެކެވެ. ކުރިއަށް އޮތް ބޮޑު އީދުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާތީ އެރޫހުވެސް މަތިވެރީގައ ބޮޑެވެ. ރަށުގެ ގެސްޓްހައުސްތައް މިހާރުވެސް އީދަށް ފުލް ވެއްޖެ އެވެ. ރަށް ސާފްކުރުމުގެ ހަރަކާތާ ގުޅިގެން މަތިވެރީގެ ރައްޔިތުން ބުނަނީ މިއީ އެމީހުންނަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ހަރަކާތެއް ކަމަށެވެ. ކުދިން ބޮޑު އެންމެންގެ ބައިވެރިވުމާއެކު އަންނަ އަހަރުވެސް މިއަހަރަށްވުރެ ފުރިހަމައަށް މިހަރަކާތް ހިންގުމުގެ އަޒުމު މިހާރުވެސް އެބައޮތެވެ. މިއީ މަތިވެރީގެ ޗާލުކަމާ ގުޅިފައިވާ ހަރަކާތެކެވެ. ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.