މިއީ ހދ.ނޭކުރެންދޫ އާއިލާއެއްގެ ވާހަކައެވެ. އާދަމް މުޙައްމަދާއި ފަރީޝާ އިދުރީސްގެ ދެމަފިރިން މިދިޔަ އޭޕްރީލް މަހު ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރަން ދިޔައީ ހައެއްކަ މަސް ދުވަހުގެ މަސައްކަތުންނެވެ. އެހާ އަވަހަށް އެއުއްމީދު ހާސިލްވީ ދަރިންގެވެސް އެހީތެރިކަމާ އެކުއެވެ.

އުމްރާގެ އަޅުކަމަށް ދިޔައީ ދަރިފުޅު އަހުމަދު އަޝްރަފް ގޮވައިގެންނެވެ. މުޅި ދަތުރުގައިވެސް އަޝްރަފް ފެނުނީ މަންމަގެ ޚާއްޞަ އެހީތެރިއެއްގެ ގޮތުގައެވެ. ދިގު ހިނގުންތަކުގައި މަންމަ ގޮނޑީގައި ބައިންދައިގެން މަންމައަށް ފަސޭހަކަން އިހުސާސްކޮށްދިނީ އަޝްރަފް އެވެ. ހޮޓަލުން ގެފުޅަށް ގޮސް އައިސް އުޅުމާއި އަޅުކަމުގެ ބައެއް ވަގުތުގައިވެސް ގޮނޑީގައި މަންމަ ބައިންދައިގެން އަޝްރަފް އުޅުނީ މަންމަގެ ޚިދުމަތުގައެވެ. އަދި އެހެން ބައެއް ދަތުރުތަކާއި ޒިޔާރަތްތަކުގައިވެސް މަންމަގެ އަތުގައި ހިފައިގެން މަންމައާ އެންމެ ކައިރީގައި އަބަދުވެސް ހުރީ ދަރިފުޅު އަޝްރަފެވެ. އެކަން އެމަންމަ އުފަލާއެކު ފާހަގަކުރިއެވެ.
ދަރިފުޅާ އެއްކޮށް އުމްރާއަށް އާދެވުނީމަ ދެން ވަރަށް އުފާވޭދޯ, ދަރިފުޅު އެކަން ކޮށްދިނީމަ ވަރަށް ޝުކުރުވެރިވަން.
ފަރީޝާ އިދުރީސް
ބައްޕަ އާދަމް މުޙައްމަދު އުމްރާގެ އަޅުކަން ފުރިހަމަ ކުރީ އަމިއްލައަށެވެ. މާބޮޑު އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ދަރިއަކު ކައިރީގައި ހުރުމުގެ ހިތްހަމަ ޖެހުން އަބަދުވެސް އޮތެވެ. އަދި އޭނާގެ އަންހެނުންނަށް އެހީތެރިވުމަށް ދަރިފުޅު އަބަދުވެސް ހުރުމުގެ ހިތްހަމަ ޖެހުން ވަކީން ބޮޑެވެ. އުމްރާގެ އަޅުކަމަށް ފުރިއިރު މިއީ އުނދަގޫ އަޅުކަމަކަށް ވެދާނެތޯ އުފެދުނު ސުވާލުތަކަށް ތަސައްލީއެއް ލިބުނު އެއް ސަބަބަކީވެސް ދަރިފުޅު އަބަދުވެސް ކައިރީގައި ހުރުމެވެ.
އައިއިރު ހިތަށްއެރި މިއީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެބާއޭ. އެކަމަކު އިރާދަކުރެއްވީތީ ވަރަށް ފަސޭހަ. ދަރިފުޅު އައިކަމުން މިހާބޮޑު ފަސޭހަތަކެއް ވެގެންދިޔައީ. އާއިލާ މީހުނާ އެކީ އާދެވިގެން ބޮޑަށް ފަސޭހަކަން ލިބިގެންދާނީ. ބައްޔެއް ވިޔަސް އެހެންކަމެއް ދިމާވިޔަސް އެމީހުންގެ އެހީތެރިކަމާއެކީ އެކަން ކުރަން ފަސޭހަވާނެ.
އާދަމް މުހައްމަދު
މީގެއިތުރުން ގްރޫޕްގެ ފަރާތުން ލިބުނު އެހީތެރިކަންވެސް އޭނާ ފާހަގަކުރިއެވެ. ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގައި ތިބީ ވަރަށް އެހީތެރި, ވަރަށް އަހުލާގު ރަނގަޅު ބައެއްގެ ގޮތުގައި އާދަމް މުޙައްމަދު ފާހަގަ ކުރިއެވެ.

ޒުވާން އަޝްރަފަށްވެސް މިއީ އުފާވެރި އިހުސާސެކެވެ. އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ކުރި އުއްމީދު ހާސިލް ވުމާއި, މަންމައާއި ބައްޕަ ގޮވައިގެން އެކުގައި އުމްރާގެ އެންމެހާ ކަންކަން ފުރިހަމަ ކުރެވުމުގެ އިހުސާސެވެ. އަދި މަންމައާއި ބައްޕައަށް އެހީތެރިވެދެވުމުގެ އުފާވެރިކަން ވަކީން ބޮޑެވެ.
އުމްރާ ދަތުރު މިއީ ވަރަށް ކުރިންވެސް ދެކެމުން އައި ހުވަފެނެއް. އަލްހަމްދުالله, މިއަދު މިހުރީ އެބިމުގައި. ވަރަށް އުފާވޭ. އެންމެ އުފާވަނީ މިދަތުރުގައި މަންމައާއި ބައްޕައާ އެކީ ގޮވައިގެން އާދެވުނީމަ, އެއީ ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.
އަހުމަދު އަޝްރަފް
އޭނާގެ އިލްތިމާސްއެއް ވެސް އެބައޮތެވެ. އެއީ އެހާ ދުރަށް މައިންބަފައިން އެކަނި ދޫނުކޮށް ނުލުމެވެ. ކިރިޔާވެސް އެގާބިލްކަން ހުރިނަމަ މައިންބަފައިންނާ އެކުގައި ދިއުމުގެ އިލްތިމާސް އެވެ. އެފަދަ ކޮންމެ ހާލަތެއްގައި ވެސް ދަރިންގެ އެހީތެރިކަން މައިންބަފައިން ބޭނުންވެދާނެ ކަމަށް ޤަބޫލުކުރުމުގެ އިލްތިމާސް އެވެ. މިއީ އަޘްރަފްގެ އަމިއްލަ ތަޖުރިބާއިން އޭނާ ފަދަ ދަރީންނަށް ކުރާ އިލްތިމާސް އެވެ.
