ށ.އަތޮޅުން ހުނަރުވެރި, ފަންނުވެރި ޒުވާނެއް

2030

ށ.ގޮއިދޫއަށް ކުރި ޒިޔާރަތުގައި ފަންނުވެރި ,ހުނަރުވެރި ޒުވާނަކު ރަށުގައި ހުރިތޯ ސުވާލުކޮށްލުމުން ކައުންސިލް ރައީސް ދައްކާލީ ބަނދަރު ސަރަހައްދުގައި ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ޕާރކްގައި އޮތް ކިނބުލެކެވެ. އެއީ އަސްލު ކިނބުލެއް ނޫނެވެ. ސިމެންތިން އެރަށުގެ ޒުވާން ހުނަރުވެރިއަކު ކޮށްފައިވާ ފަންނުވެރި މަސައްކަތެކެވެ. އެއީ ހުސެއިން ވަހީދެވެ.

ހުސައިން ވަހީދު އާރޓް މަސައްކަތުގައި

ހުސެއިން ވަހީދުގެ ގެއަށް އޭނާއާ ބައްދަލުކޮށްލަން ދިޔައިރު ގޯތިތެރޭގައި ކުޑަމޭޒެއްގައި މަސައްކަތަށް ބޭނުންވާ ސާމާނު އަތުރާލައިގެން ފިހިން ތަފާތު ކުލަތައް ޖައްސާ ހިތްގައިމު މަންޒަރުތަކުގެ ރަސްވީރަށް ބަދަލުކުރަމުން ދިޔައެވެ. އޭނާގެ މަސައްކަތުގެ ފެށުމަކީ މަދަރުސާއެވެ. އާޓްގެ މަސައްކަތްތަކަށް އޭރުވެސް އޭނާ ޝައުގުވެރިއެވެ. އެކަމަކު ހުސެއިން ވަހީދު ބުނީ އޭރު ހަމައެކަނި އިނގެނީ ސްކެޗް ކުރަން ކަމަށެވެ.

އެކަމަކު އޭގެ ފަހުން 2001 ވަނަ އަހަރު ފުނަދޫގައި އޮތް ތަމްރީނެއްގައި ބައިވެރިވެ އާޓްގެ ހުނަރުތައް ހުސެއިން ފައްކާކުރިއެވެ. ޝައުގުވެރިކަން އެތައް ގުނައެއް އިތުރުވިއެވެ. ކުލައިގެ މަސައްކަތްތަކާއި ޕެއިންޓިންގއާއި, ލަކުޑީގެ މަސައްކަތްތަކާއި, ސުވެނިއަރ އެއްޗިހި ތައްޔާރުކުރަން ފެށިއެވެ. އެންމެފަހުން ގޮސް ލިޔެލާޖަހަން ދަސްކޮށް އެމަސައްކަތުގެ ތެރެއަށްެވސް ވަނީއެވެ. ހަމަ ރަނގަޅަށް ފަންނުވެރި މަސައްކަތްތަކުގެ ތެރެއަށް ވަދެ, އެއީ ދިރިއުޅުމުގެ މުހިއްމު އެއްބަޔަށްވެ ނިމުނީއެވެ. އޭގެފަހުން ރަށުގެ ބޮޑަތި މަސައްކަތްތަކުގައި, ބޮޑަތި އިވެންޓްތަކުގައި ބައިވެރިވެ މަސައްކަތްތައް ކުރަން ފެށީއެވެ.

ސިމެންތިން ހުސައިން ވަހީދު ތައްޔާރުކޮށްފައިވާ ކިނބުލެއް

ހުސެއިން ވަހީދުގެ ސިކުނޑިން ނެރުނު އުފެއްދުންތެރި ހިޔާލުތަކުގެ މައްޗަށް ސްޓޭޖް ބެކްރައުންޑްއާއި މޮނިއުމަންޓް ތައްވެސް ތައްޔުރުކުރަން ފެށިއެވެ. ކާށްޓާއި, ފުޅަފި ބޭނުންކޮށްގެން ސުވެނިއަރ ތައްޔާރުކުރަން ފެށީއެވެ. ބިއްލޫރި ހުސް ފުޅި އެއްކޮށް އެއީ ބޭނުންތެރި އެއްޗަކަށް ހެދިއެވެ. ކުދި ދޯނި ފަހަރު ތައްޔާރުކުރުމަކީވެސް މިހާރު ހުސެއިންގެ ޝައުގާއި ފަންނާއިވެސް ގުޅިފައިވާ މަސައްކަތެވެ. ކުދިކުދި ބޯޅައާއި, ޓްރޮފީ ތައްޔާރުކޮށް ހުސެއިންގެ ފަންނުވެރިކަން ޒުވާނުންނާ ހަމައަށް ފަތުރާލީއެވެ. ކެންވަސް ޕެއިންޓިންގެ މަސައްކަތުގައިވެސް ސަޅި މަސައްކަތްތަކެއް ދަނި ކުރަމުންނެވެ. ލައްކަ ގިނަ މަސައްކަތްތައް ޒުވާން ހުނަރުވެރިޔާ މިހާތަނަށް ކޮށް ނިންމައިފިއެވެ.

ރަށުގައި ފާހަގަކުރާ އެކި މުނާސަބަތިތަކަށް ތައްޔާރުކުރާ އެއްޗިހި, ކުރާ މަސައްކަތްތަކަކީ އަގުމަގުކޮށްގެން ކުރާ މަސައްކަތްތަކެއްނޫން. ރަށުލޯބީގައި ކުރެވޭ މަސައްކަތްތަކެއް. ރަށުން ބޭރުންވެސް އޯޑަރ ލިބޭ.

ހުސައިން ވަހީދު/ ފަންނުވެރިއެއް

މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ހުސެއިންއަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އަތޮޅު ގުރުއާން މުބާރާތަކަށް ތައްޔާރުކުރި ވަރަށްބޮޑު ސްޓޭޖް ބެކްރައުންޑެކެވެ. އެއީ ވަރަށްގިނަ ފަރާތްތަކަށް ކަމުދިޔަ ވަރަށް ބޮޑު މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

ހުސައިން ތައްޔާރުކުރި ސްޓޭޖް ބެކްރައުންޑް

މަސައްކަތުގައި ހުސެއިންގެ ދަތުރު އަދި ފެށުނީއެވެ. އެދަތުރުގައި އޭނާ ބަނދަރުކުރަން ބޭނުންވަނީ ރިސޯރޓް މާކެޓްތަކަށެވެ. އަމިއްލަ ސުވެނިއަރ ޝޮޕެއް ހުޅުވައިގެން އަމިއްލަ އުފެއްދުންތަކުން ނަފާ ހޯދުމާއެކު ރާއްޖެ ޕްރޮމޯޓް ކުރުމަކީ ހުސެއިން ވަހީދުގެ އުއްމީދެވެ. މިހާރުވެސް ރަށުންނާއު ރަށުން ބޭރުންވެސް އޯޑަރުތައް ލިބެއެވެ. ރަށްޓެހިންގެ ފަރާތުން ވެސް އޯޑަރުތައް ލިބެއެވެ. އަދި އެހެން ބައެއް މީހުންނަށް ލިބޭ އޯޑަރުތައްވެސް އޭނާއާ ހަމައަށް އާދެއެވެ. ހުސެއިން ހުރީ މަސައްކަތުގައި ކުރިއަށް ދިއުމުގެ އަޒުމާއި ހިތްވަރުގައެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.