ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި އޭޕްރީލް 26 ވަނަ ދުވަހު ޑައިރެކްޓް ފްލައިޓެއްގައި އުމްރާގެ އަޅުކަމަށް ފުރީ އޭގެ ކުރިން ދަތުރާ ގުޅިގެން އަޅުކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބިގެންނެވެ. ގްރޫޕްގެ ފަރާތުން އެމައުލޫމާތުތައް ބަރާބަރަށް ހިއްސާ ކުރަމުން ދިޔައެވެ. ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށާއި, ދަތުރުގެ ހުރިހާ ބައިވެރިން އެއްތަނަކަށް ޖަމާކޮށް މައުލޫމާތު ފޯރުކޮށްދީގެންނެވެ. ވީޑިއޯގެ ޒަރީޔާއިން މައުލޫމާތު ހިއްސާކޮށްދީގެންނެވެ.
އިހުރާމް އަޅަން ޖެހޭގޮތް ވީޑިއޯއިން ދެއްކިއެވެ. ވަގުތުން އިހުރާމް އަޅާ ދެފަހަރެއްގެ މަތީން ދެއްކިއެވެ. ޞިއްހީ މައުލޫމާތު ޑޮކްޓަރެއް މެދުވެރިކޮށް ފޯރުކޮށްދިނެވެ. އެމައުލޫމާތު ފޯރުކޮށްދިނީ ދަތުރުގައި ގްރޫޕްގެ ފަރާތުން ގެންދާ ޑޮކްޓަރެވެ. މުޅި ދަތުރުގައިވެސް ޑޮކްޓަރުގެ ޚިދުމަތް އޮތީ ހަމަޖެހިފައެވެ. ދަތުރު ހަމަޖެހިފައިވާ ގޮތާއި ސަމާލުކަން ދޭންވީ ކަންކަންވެސް ބުނެދިނެވެ. ދިމާވެދާނެ ކަންކަން ސަމާލުކަމަށް ގެނައެވެ.

ފުރަން އޮތް ދުވަހުގެ ކުރީ ދުވަހު ލަގެޖާއި އެއަޕޯރޓް ހަވާލުކުރުމުން ފުރަން ގޮސް ޗެކިންގެ އެއްވެސް ކަމެއްގައި އުޅެން ނުޖެހި, ފަސޭހައިން ހުރިހާ ކަމެއް ހަމަޖެހި ދަތުރަށް ފުރީއެވެ. 5 ގަޑިއިރާއި 30 މިނިޓްގެ ދަތުރެކެވެ. ފުރަތަމަ އުމްރާއަށް ނިޔަތް ކިޔަން ޖެހެނީ ފްލައިޓް މަތީގައެވެ. މީގާތާ ހަމަވުމުގެ 30 މިނިޓް ކުރިން ފެށިގެން ކޮންމެ 10 މިނިޓަކުން ނިޔަތް ކިޔާ ވަގުތު ޖެހޭކަން އަންގަމުން ދިޔައެވެ. ވަގުތު ޖެހުމުން ނިޔަތް ކިޔަން ހަމައެކަނި އަންގާލީއެއް ނޫނެވެ. ވަކިވަކިން ކޮނެމް އުމުރާވެރިއަކާ ސުވާލުކޮށް ނިޔަތް ކިޔާފައިވާކަން ކަށަވަރުކުރިއެވެ.
އަމާން ދަތުރަކަށްފަހު ޖިއްދާ އެއަޕޯރޓްގައިވެސް ގިނައިރު މަޑުކުރަން ނުޖެހި ހޮޓަލަށް ދަތުރު ފެށުނެވެ. ހޮޓަލަށް ދަތުރުކުރި ބަހުގައި ސިމްކާޑް ލިބޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ހޮޓަލާ ހަމައަށް ދެވުނުއިރު އިންޓަރނެޓާއި, މޮބައިލް ކަނެކްޝަން ވަނީ ލިބިފައެވެ. ހޮޓަލަށް ދެވުނުއިރު ކޮންމެ މީހަކަށް ހަމަޖެހިފައިވާ ރޫމް ފާހަގަކޮށް, ދޮރުގައި ވަނީ ނަން ޖަހާފައެވެ. އެހެންކަމުން ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެ, ފުރަތަމަ އުމުރާއަށް ދަތުރު ފެށުނެވެ. ދަތުރަށް ފެށުމުގެ ކުރިން ރޭގަނޑުގެ ނާސްތާ ހުރީ ހޮޓަލްގައި ތައްޔާރުކޮށްފައެވެ ދިވެހި ކެއުންތަކުގެ ބޮޑު ބުފޭއެކެވެ. ދަތުރު ނިމެންދެން ހަމަ ކޮންމެ ވަގުތަކުވެސް ކެއުމުގެ ކަންކަން ރަނގަޅަށް އިންތިޒާމް ކުރިއެވެ. ހޮޓަލުން ފައިމަގުގައި ދަތުރަށް ފެށުމުގެ ކުރިން ޝައިހު އަހުމަޒު ފަޒާދު ވަރަށް ތަފްސީލްކޮށް މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ގެފުޅުގެ ސަރަހައްދަށް ވަނުމުގެ ކުރިންވެސް އިރުޝާދުދީ ހަނދާން އާކޮށްދެއްވިއެވެ. އުމުރާގެ އަޅުކަމުގެ ކޮންމެ މަރުހަލާއެއް ކުރިއަށް ދިޔައީ ޝައިހުގެ ފުރިހަމަ އިރުޝާދާއެކުއެވެ. މައްކާގައި ތިބޭ ހޮޓަލާއި ހަރަމްފުޅާއި ދެމެދުގެ ދުރުމިނަކީ ފައިމަގުގައި 7-10 މިނިޓެވެ. މަޑު ހިނގުމެއްގައިވެސް 15 މިނިޓުން ދެވެއެވެ.
ދުވަހެއް މެދަށް ދޫކޮށް ދެން އޮތީ މަދީނާ ދަތުރެވެ. ޓްރެއިންގައި ދާން ބޭނުންވާ ފަރާތްތަކަށް އެއިންތިޒާމްތައް ހަމަޖައްސައި ދިނެވެ. ޓްރެއިންގައި އެދަތުރުގެ ދިގު މިނަކީ ދެގަޑިއިރެވެ. ގިނަ އުމުރާވެރިން ދަތުރުކުރީ ބަހުގައެވެ. ބަހުގައި 7 ގަޑިއެއްހާއިރު ހޭދަވިއެވެ.
މަދީނާ ދަތުރުގައި އެންމެ މުހިއްމު ކަމަކަށް އޮތީ މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރުމެވެ. އެންމެ ޚާއްޞަ ކަމަކީ ރައުޟާއަށް ޒިޔާރަތް ކުރުމެވެ. އެފުރުޞަތު ފަހިވެ, ޚާއްޞަކޮށް މަޣްރިބް ނަމާދު ރައުޟާގައި ކުރުމުގެ ފުރުޞަތު ލިބުން ވެގެން ދިޔައީ އުމްރާވެރިންނަށް އެންމެ ބޮޑު އުފަލެއް ލިބުނު ކަމަކަށެވެ. މަދީނާގައި އުމްރާވެރިން ތިބި ހޮޓަލާއި މަސްޖިދުލް ނަބަވީއާ ދެމެދު ފައިމަގުގައި ދުރުމިނަކީ އެންމެ 5 މިނިޓެވެ.
މަދީނާގައި އުމްރާވެރިން ޒިޔާރަތްކުރި މުހިއްމު އެހެން ތަންތަނަކީ އިސްލާމީ ތާރީޚުގެ ފުރަތަމަ މިސްކިތް ކަމަށްވާ ޤުބާ މިސްކިތާއި, އުހުދު ހަނގުރާމައިގެ މައިދާނެވެ. އޭގެ އިތުރުން ކަދުރު ޕާރކަކަށް ޒިޔާރަތްކުރިއެވެ. ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތުވެސް ލިބުނެވެ.

މަދީނާއިން އެނބުރި މައްކާއަށް އައީ އިހުރާމްގައި ދެވަނަ އުމްރާއަށް ތައްޔާރުވެގެންނެވެ. ދެވަނަ އުމްރާގެ ކަންކަންވެސް ފުރިހަމަކޮށް ނިންމާލީ ހަމަ ކޮންމެ މަރުހަލާއެއްގައި ޝައިހު ފަޒާދުރެ އިރުޝާދު ލިބިގެން, ހަނދާންކޮށްދިނުން ތަކުރާރު ކުރަމުންނެވެ. އޭގެފަހުން ދެން އޮތީ މައްކާ ޒިޔާރަތެވެ. މައްކާ ޒިޔާރަތުގައި އަރަފާތު ބިމަށްގޮސް ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނެވެ. އޭގެއިތުރުން މިނާއާއި, ސައުރު ފަރުބަދަ ސަރަހައްދަށް ޒިޔާރަތް ކުރެވުނެވެ.
އޭގެފަހުން އޮތީ ތާއިފް ދަތުރާއި ތިންވަނަ އުމްރާއެވެ. ފަރުބަދަ މަތީގެ ހިތްގައިމު ރަށް, ތާއިފްގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތް ކުރުމަށްފަހު އެނބުރި އައުމުގެ މަގުމަތީގައި ތާއިފްގެ މީގާތު މިސްކިތަށް މަޑުކޮށް, ތިންވަނަ އުމްރާއަށް ތައްޔާރުވީއެވެ. އެނބުރި އައިސް ތިންވަނަ އުމްރާގެ ކަންކަންވެސް ފުރިހަމަކުރީ އުމްރާވެރިން އެކުގައި ޝައިހު ފަޒާދުއާ އެކުގައެވެ. ނަމަވެސް އަމިއްލައަށް އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ, އަމިއްލައަށް ކުރެވޭނެ ފަރާތްތަކަށް އެފުރުޞަތު އޮތީ ދީފައެވެ.
ދަތުރުގައި ދެން އޮތީ ވިޔަފާރި ދަތުރެވެ. ޖިއްދާއަށް ކުރި ވިޔަފާރި ދަތުރުގައި ވިޔަފާރީގެ މައިސަރަހައްދަށް ޒިޔާރަތްކުރިއެވެ. އަދި މިއުޒިއަމްއަށް ޒިޔާރަތްކޮށް އުމްރާވެރިން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރިއެވެ. ވިޔަފާރީގެ ވަރަށްބޮޑުބައި އެދަތުރުގައި ގިން އުމްރާވެރިން ނިންމިއެވެ.
އެނބުރި މައްކާއަށް އައިސް ހަތަރު ވަނަ އުމްރާއެއްގެ ފުރުޞަތުވެސް ފަހިކޮށްދިނެވެ. ދޮޅު ގަޑިއިރުގެ ދަތުރެއް ކޮށް, ތާއިފްގެ މީގާތު މިސްކިތަށް ގޮސް އުމްރާއަށް ނިޔަތް ގަނެ, އެނބުރި އައިސް ހަތަރުވަނަ އުމްރާ ފުރިހަމަ ކުރުން އޮތީ އަމިއްލައަށް އެކަނި ކުރެވޭ ފަރާތްތައް އެކަނި އަމިއްލައަށް ފުރިހަމަ ކުރާ ގޮތަށެވެ. ނަމަވެސް އަމިއްލައަށް ކުރެވޭނެ ކަމާމެދު ސުވާލު އުފެދޭ ފަރާތްރައް ނުވަތަ ހަރަމްފުޅު ސަރަހައްދުން ގެއްލިދާނެކަމުގެ ބިރު ހީވާ ފަރާތްތަކަށް ޝައިހުއާއެކު އުމްރާގެ ކަންކަން ފުރިހަމަކުރުމުގެ ފުރުޞަތު ފަހިކޮށްދިނެވެ.
ހަތަރުވަނަ އުމްރާއަށްފަހު ބާކީ އޮތް ދޮޅު ދުވަސް ހޭދަކުރީ ހޮޓަލާއި ކައިރިން ވިޔަފާރި ކުރުމުގައެވެ. އުމްރާގެ އަޅުކަމަށް އައީ ނުދަންނަ ބީރަހެއްޓިން ތަކެކެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް އަދި މާލެ އަށް ނިސްބަތްވާ އެކި އުމުރުގެ ތަފާތު މިޒާޖުގެ މީހުންނެވެ. އެނބުރި ދަނީ ގާތް ރަހުމަތްތެރިންގެ ގޮތުގައެވެ. ބައެއް މީހުން އެއްބަނޑުކަމުގެ ގުޅުންތައްވެސް އުފައްދައިގެންނެވެ.

120 މީހުން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު މިހާރު ތައްޔާރުވެގެން ތިބީ އެނބުރި މާލެ ދިއުމަށެވެ. އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ނަސީބު މިންވަރުކޮށްދެއްވި ކަމަށްޓަކައި اللهގެ ހަޏްރަތަށް ހަމްދާއި ޝުކުރު ކުރަމުންނެވެ. ދަތުރުގެ އިންތިޒާމްތަކާއި މެދު ހިތްހަމަ ޖެހިގެންނެވެ. މިލިޔުމާ ގުޅޭ ވީޑިއޯތައް އުމްރާވެރިންގެ އިންޓަރވިއުތަކާއެކު މިރިޕޯރތްގެ އެކި ހިސާބުގައި އެވަނީއެވެ.