ކައުންސިލުން ވަރަށްބޮޑަށް އިސްކަންދެން ކައުންސިލުން އަމިއްލައަށް ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭތޯ. ބަޔަކު ޚިދުމަތެއް ދޭނެކަމަށް މަޑެއް ނުކުރާނަން.
އިބްރާހީމް ޝާހިދު / ށ.ގޮއިދޫ ކައުންސިލްގެ ރައީސް
އެމަގަށް ކުރާ މަސައްކަތުގެ މުހިއްމު ފިޔަވަޅުތަކެއް އެޅުމުގެ އަމަލީ މަސައްކަތް ކައުންސިލުން މިހާރުވެސް ފަށައިފިއެވެ. އެންމެ މުހިއްމު އެއްކަމަކީ ކައުންސިލުންގެ 8 ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކެވެ. އެންމެ ޒަމާނީ ފެންވަރަށް ޚަދާ އެއިމާރާތުގެ މަސައްކަތުގައި މިހާރު ވަނީ ފިނިޝިންގ އާ ހަމައަށް އާދެވިފައެވެ. ތަނަށް ބޭނުންވާ ސާމާނުވެސް ވަނީ ރަށަށް ގެނެސްފައެވެ. މިއިމާރާތުގެ މައިގަނޑު ބޭނުމަކީ ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް ގާއިން ކުރުމެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދު ވިދާޅުވީ ކައުންސިލްތައް ހަމައިސްކޮޅަށް ތެދުވާކަމަށް ވާނަމަ ކައުންސިލުންތަކުންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށްޓަކައި އަމިއްލައަށްވެސް އާމްދަނީއެއް ލިބޭނެ ވަސީލަތްތައް ގާއިމްކުރަން ޖެހޭ ކަމަށެވެ. ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހުރިހާކަމެއް ކުރާ ވިސްނުން ގެންގުޅޭނަމަ ރައްޔިތުން ބޭނުންވާ ހުރިހާކަމެއް ހާސިލް ކުރުމުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ގޮއިދޫއަކީ ގިނަބަޔަކު ޒިޔާރަތްކުރާ ރަށެކެވެ. ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ރަނގަޅު އެކޮމަޑޭޝަން ބޭނުންވެއެވެ. ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު ރަށުގައި މަޑުކޮށްލެވޭނެ އިންތިޒާމްތައް ހުރުން މުހިއްމުކަން ކައުންސިލުން ގަބޫލުކުރެއެވެ. ކައުންސިލް އެކޮމަޑޭޝަން ބްލޮކަކީ އެކަމަށްވެސް އޮތް ވަރަށް ރަނގަޅު ހައްލެކެވެ. އެއާއެކު އެތަނުން ރައްޔިތުންނަށްވެސް ބޮޑު ފައިދާއެއް ލިބިގެން ދިއުމަކީ ކައުންސިލަށް އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ.

މީގެއިތުރުން އިންޑޯ ޖިމެއްގެ މަސައްކަތްވެސް ކައުންސިލުން ދަނި ކުރަމުންނެވެ. ޖިމަށް ބޭނުންވާ ސާމާނު މިހާރުވެސް ހުރީ ރަށަށް ގެންގޮސްފައެވެ. މަޝްރޫއުގެ ފުރަތަމަ ފޭސް ނިމި މިހާރު ކުރަމުން ދަނީ ދެވަނަ ފޭސްގެ މަސައްކަތެވެ. ކައުންސިލް ރައީސް ވިދާޅުވީ މިއީ އެކި ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. ޖިމްވެސް ނިމޭއިރު ވެގެންދާނީ ރާއްޖޭގެ ރަށެއްގައި ހުރި އެންމެ ރަނގަޅު އެއް ޖިމަށް ކަމަށް ކައުންސިލް ރައީސް އިބްރާހީމް ޝާހިދު ވިދާޅުވިއެވެ. ޖިމްގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ހިތްހަމަޖެހުމާއި ފައިދާ ލިބުމަކީ ކައުންސިލަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށް ބަގީގެ ޚިދުމަތްވެސް ކައުންސިލުން ދެއެވެ. ބަގީގެ ޚިދުމަތް ރަށުގެ ރައްޔިތުންވެސް ހޯދައެވެ. މިއީ އާމްދަނީ ހޯދުމާއެކު ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ފުރިހަމަ މެހުމާންދާރީއެއް އަދާކުރުމަށްވެސް ފެށުނު މުހިއްމު ޚިދުމަތެއްކަމަށް ކައުންސިލުން ދެކެއެވެ.

ކައުންސިލް ރައީސް ވިދާޅުވީ ހިންގާ ކޮންމެ ޕްރޮޖެކްޓަކީ އަދި ރާވާ ތަރައްޤީގެ ކޮންމެ މަޝްރޫއަކީ ސީދާ ރައްޔިތުންނަށް ފައިދާހުރި މަޝްރޫއަކަށް ވާގޮތަށް ކަންކަން ފަރުމާކުރެވޭތޯ ވަރަށްބޮޑަށް ބައްލަވާ ކަމަށެވެ. އެގޮތުން ގޮއިދޫއަކީ ދަނޑުވެރި ރަށަކަށްވާތީ ދަނޑުވެރިންނަށް ބޭނުންވާ ލުއިފަސޭހަކަން ހޯދައިދިނުމަށް, ދަނޑުވެރިންނަށް ބޭނުންވާ އާލާތްތައް ރަށުން ލިބޭނެ އިންތިޒާމެއް މިއަހަރުގެ ތެރޭގައި ހަމަޖައްސައިދެވޭނެކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭތޯވެސް ބައްލަވާ ކަމަށް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މިއަހަރު އިތުރަށް ހިންގަން ހުރި ޕްރޮޖެކްޓްތަކަށް ބަލާއިރުގަ ދަނޑުވެރިކަމުގެ ތަކެތި ލިބޭ ޝޯވރޫމެއް އަޅުގަނޑުމެން ނުވަތަ ފިހާރައެއް އެބަ ގާއިމްކުރަން. ޒަމާނީ ދަނޑުވެރިކަމަކަށް ޓަކައި ދަނޑުވެރިންނަށް ބައެއްކަހަލަ ލުއި ޕްރޮގްރާމްތަކެއްވެސް އެބަ ކުރިއަށް ގެންދަން. މިއަހަރުގެ ބަޖެޓްގައި އެފަދަ ބައެއް ކަންކަން ހިމަނާފަވާނެ.
އިބްރާހީމް ޝާހިދު/ ށ.ގޮއިދޫ ކައުންސލްގެ ރައީސް
ކައުންސިލުން ވަނީ ރަށުގައި ޕަބްލިކް ފާޚާނާވެސް ޤާއިމްކޮށްފައެވެ. ރަށުގެ ކުޅިވަރު މައިދާންތައް ހުރި ސަރަހައްދުގައި ގާއިމްކުރި ފާޚާނާގެ ސަބަބުން ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށްބޮޑު ފަސޭހައެއް ލިބެމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ކައުންސިލްގެ ބައެއް އިމާރާތްތަކާއި މިސްކިތްތައް ސޯލާ ކުރުމުގެ ޕްރިޖެކްޓެއް ވަރަށް އަވަހަށް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. ކައުންސިލް ރައީސް ވިދާޅުވީ ގޮއިދޫ ކައުންސިލް މެމްބަރުން 24 ގަޑިއިރު މަސައްކަތަށް ވަގުތު ދީގެން އަމަލީ ގޮތުން ނުކުމެ ކުރަންޖެހޭ މަސައްކަތްތަކުގައިވެސް ބައިވެރިވާ ކަމަށެވެ.