ކެޔޮޅުގެ އުމުރުން 84 އަހަރު, އެހާރާއި މިހާރު

758

އއ.ބޮޑުފޮޅޫދޫއަށް ކުރި ދަތުރުގައި ރަށުގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހަކާ ބައްދަލުކޮށްލުމުގެ ޝައުގުވެރިކަން އުފެދި އެކަން ކޮށްދިނުމަށް އެދުމުން ބައްދަލުކޮށްދިނީ 84 އަހަރުގެ އަބްދުالله ހުސައިން (ކެޔޮޅު) އާއެވެ. އެއީ ރަށުގައި ހުރި އެންމެ ދުވަސްވީ މީހާއެއް ނޫނެވެ. އެކަމަކު އެންމެ ދުވަސްވީ މީހުންގެ ތެރެއިން އެންމެ ހަރަކާތްތެރިކޮށް, ހަނދާން ގަދަކޮށް ހުރި މީހަކީ ކެޔޮޅެވެ.

ޢަބްދުالله ހުސައިން (ކެޔޮޅު)

ޅަ ދުވަހާއި, ޒުވާން ދުވަސްވަރާއި, މެދުއުމުރާއި މުސްކުޅި އުމުރުގައިވެސް މަސްވެރިކަމުގައި ހޭދަކުރި ކެޔޮޅަށް މިހާރުވެސް އަސްރު ފަހުން ދޮށި އެއްލަން ނުގޮސް ނުހުރެވެއެވެ. އެއީ އޭނާގެ ހިތާ ގުޅިފައިވާ މަސައްކަތެކެވެ. އެންމެ މޮޅު ކެޔޮޅުގެ އެވޯޑްވެސް އެމަސައްކަތުގައި ހަރަކާތްތެރިވެ އުޅުނު އިރު ވަނީ ލިބިފައެވެ.

އައިޑީކާޑް ހެއްދިފަހުން 84 އަހަރު ފުރި 85 ވަނަ އަހަރު ގުނަމުންދާއިރުވެސް ކެޔޮޅު ފެންނަނީ ވަރަށް ޞިއްހަތު ރަނގަޅުކޮށް, ހަރަކާތްތެރި ކޮށެވެ. އަސްރު ފަހުން ބަނދަރު ސަރަހައްދަށް ދިޔައިރު ވަރަށް ޝައުގުވެރިކަމާއެކު ހުރީ ކޮރަކަލި ބާނާށެވެ. ކުޑަކުދިންނާއި އަންހެނުންގެ ތެރެއިން ފެނުނު އެންމެ ދުވަސްވީ މީހަކީވެސް ކެޔޮޅެވެ.

ހުދު ހެދުމުގައި ކެޔޮޅު ކޮރަކަލި ބާނަނީ

ކެޔޮޅުގެ އުފަން ރަށް ބޮޑުފޮޅުދޫއާ ގުޅޭގޮތުން ކުރި ސުވާލަށް ވަރަށް އަވަހަށް އިނދެ ޖަވާބު ދިނީ ފަޚުރުވެރިކަމާ އެކުއެވެ. ރަށަށް އައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި, ބަދަހި ކަމެވެ. އަދި އެންމެ އުފާވާ ކަމަކީ ރަށަށް އަންނަ ތަރައްޤީ ކަން ފާހަގަކުރީވެސް ހިތުގެ އަޑިން އެކަން ގަބޫލުކުރަމުންނެވެ.

އެންމެ އުފާވާ ކަމަކީ ރަށުގެ ތަރައްޤީ, ހުރިހާކަމެއްވެސް ވަރަށް ތަރައްޤީ ވެއްޖެ. މިރަށުގެ ބޮޑުމިނާ ބަލާފަ އޭގެ ދެގުނަ މިއޮތީ ހިއްކާފަ.

ޢަބްދުالله ހުސައިން (ކެޔޮޅު) / އއ.ބޮޑުފޮޅުދޫ

ކެޔޮޅަކީ ރައިވަރުގައިވެސް އަރާހުރި ތަރިއެކެވެ. ޒުވާން ދުވަސްވަރު ރައިވަރުން އެތައް އަންހެންކުދިންނެއްގެ ހިތް ފަތަހަ ކުރިއެވެ. އޭރު ރައިވަރަށް މޮޅިއްޔާ އެއީ ނިކަން ކާމިޔާބު މީހެކެވެ. އެހަނދާންތައް އާކުރަމުން ކެޔޮޅު ބުނީ އިރު އޮއްސި އިރު އަރަންދެންވެސް ރައިވަރު ކިޔާލެވިދާނެ ކަމަށެވެ. އެކަމަކު މިހާރު އެހާ ރީތިކޮށް ނުކިޔޭނެ ކަމަށް ބުންޏެވެ. ކެޔޮޅާއެކު ހޭދަކުރި ކުޑަ ވަގުތުކޮޅުގެ ތެރޭގައި ދެތިން ރައިވަރެއް ކިޔާލަ ދިނެވެ. ވީޑިއޯ މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.