ބޮޑުފޮޅޫދޫ ކައުންސިލްގެ ކާމިޔާބީއާ ގުޅިފައިވާ ސަބަބުތައް!

892

ކައުންސިލްގެ ގޯތިތެރެއަށް ވަންނަ އިރު އިދާރާގެ އެތެރެއަށް ވަނުމަށް އިތުރު ދޮރެއް ހުއްޓެވެ. ސީދާ ކުރިމައްޗަށް ވާގޮތަށް ހުރި ބިއްލޫރި ދޮރުން އެތެރެއަށް ވަދެ ވައަތް ފަރާތަށް ބަލާއިރު ރިސެޕްޝަނެވެ. ކަނާއަތް ފަރާތު ދޮރުން ވަދެވެނީ ބައްދަލުވުންތަކަށް ޚާއްޞަ މާލަމަށެވެ. ރިސެޕްޝަން ކައިރިން އެތެރެއަށް ވަންނައިރު ފާހަގަކުރެވުނީ ކައުންސިލް އިދާރާ ދެބަޔަކަށް ބެހިފައިވާ ކަމެވެ.

ވަދެގެން ދެތިން ފިޔަވަޅު ކުރިއަށް    އަޅާލާއިރު ސެކެޓްރީ ޖެނެރަލް އަށް ޚާއްޞަ ކޮޓަރި އެވެ. ސަމާލުކަން އިތުރުވީ އެކޮޓަރިއަށް ވަދެ ނިކުމެ ހެދުމަށް ދެ ދޮރު ހުރުމުންނެވެ. ދެފަރާތަށް ދެ ދޮރެވެ. މިކައުންސިލާ މެދުވެސް އަދި ކައުންސިލް އިދާރާއާމެދުވެސް އިތުރު ޝައުގުވެރިކަން އުފެދުނީ މިހިސާބުންނެވެ.

ބޮޑުފޮޅުދޫ ކައުންސިލް އިދާރާ

މިއީ މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެއްވަނަ ހޯދި ކައުންސިލްގެ އިދާރާއެވެ. ކަންގަތި އެވޯޑް ތިން އަހަރު ހޯދި އއ.ބޮޑުފޮޅުދޫ ކައުންސިލް އިދާރާއެވެ. ސެކެޓްރީ ޖެނެރަލްއަށް ޚާއްޞަ ކޮޓަރިއާ ހިސާބުން ކައުންސިލް އިދާރާ ދެބައި ކޮށްލާފައިވާއިރު އެސްޖީގެ ކޮޓަރި ވަނީ ދެބަޔާވެސް ގުޅާލެވިފައެވެ. އެއީ އިދާރީ މުވައްޒަފުންނާއި އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ގުޅުވާލަދޭ ފަރާތެވެ. ކައުންސިލް އިދާރާވެސް އެވަނީ އެގޮތަށް ބަދަލުކޮށްފައެވެ. ޚިދުމަތް ދިނުމުގެ އޮނިގަނޑު ބައްޓަން ކޮށްފައި އެވަނީ އެގޮތަށެވެ.

ކައުންސިލް އިދާރާ ފަރުމާ ކުރުމުގައި ވިސްނީ ޕޮލިޓިކަލް ނުވަތަ ސީޔާސީ މީހުން ތިބޭނީ ވަކިންނޭ އިދާރީ މުވައްޒަފުންނާ. އެދެބައި ގުޅުވާލަދޭ މީހާއަކީ އެސްޖީ ކަމަށްވާތީވެ, އެސްޖީ މިއިންނަނީ އިދާރިއްޔަތާ ސިޔާސިއްޔަތާ ދެމެދުގައި އެސްޖީގެ ކެބިން މިއިންނަނީ. އެސްޖީއަށް ނޭންގި އިދާރިއްޔަތުން ސިޔާސިއްޔަތަށް އެއްޗެއް ޕާސްކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާކަމެއް ނޫން. ސިޔާސިއްޔަތުން ކަމެއް ތަންފީޒުކުރަން ފޮނުވާއިރުވެސް އެސްޖީއަށް ނޭންގި ނުފޮނުވޭނެ ގޮތަށް ބޮޑަށް ތަރުތީބުކުރުން އެއީ އަޅުގަނޑުމެން ގެންގުޅޭ މިންގަނޑަކީ.

ޝުޖާއު އާދަމް/ ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް

ބޮޑުފޮޅުދޫ ކައުންސލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ އޭގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ. ބޮޑުފޮޅުދޫ ކައުންސިލްގެ އޮނިގަނޑު މިހާރު އޮތްގޮތުން ކައުންސިލްގެ މެމްބަރުން ކަންކަން ޕާސްކުރާނީ ރައީސް އަށެވެ. އެސްޖީއާ ކަންކަން ހަވާލުކުރާނީ ރައީސް އެވެ. ހުރިހާ މެމްބަރުންނަށް އެސްޖީއާ މުއާމަލާތް ކުރުމުގެ ފުރުޞަތެއް ނެތެވެ. ނަމަވެސް މަހަކު އެއް ފަހަރު އޮންނަ ބައްދަލުވުމުގައި އެސްޖީއާ ސުވާލުކޮށް ޖަވާބުދާރީ ކުރުވުމުގެ ފުރުޞަތު ހުރިހާ މެމްބަރުންނަށްވެސް އޮވެއެވެ.

މިއާއެކު ކައުންސިލްގެ އެންމެ އަސާސީ ސިޔާސަތަކީ އެންމެ ފުރަތަމަ ރައްޔިތު މީހާ އިސްކުރުމުގެ ސިޔާސަތެވެ. ހަގީގަތުގައި ކައުންސިލެއްގެ ބޭނުމަކީވެސް އެއީއެވެ. އެމަގަށް މުޅި ކައުންސިލްގެ އޮނިގަނޑު ބައްޓަން ކޮށްފައި އޮންނަން ޖެހެއެވެ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ އެރަށު ކައުންސިލްގެ އޮނިގަނޑު ބައްޓަން ކޮށްފައި އޮންނަނީ ކައުންސިލް އިދާރާއަކީ ރައްޔިތުންގެ އިދާރާއެއް ކަމުގެ އިހުސާސް ރައްޔިތު މީހާއަށް ވާގޮތަށް ކަމަށެވެ. ކައުންސިލްގެ މޮޓޯއަކީ ޚިދުމަތް ދިނުމުގައި ފުރަތަމަ ރައްޔިތު މީހާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތު މީހާ ކަމަކު އެދިގެން ކައުންސިލަށް އައިސްފިނަމަ އަޅުގަނޑުމެން އިދާރީ ސްޓާފުންނަށްވެސް އަންގާފަ އޮންނާނީ ޕޮލިސީ ލެވެލްގެ ނިންމުމެއް އެބައޮތް އެރައްޔިތު މީހާ އައިކަމެއް އެއީ ޤާނޫނާ ގަވާއިދުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކަމަށްވަންޏާ ފުރަތަމަ އެކަމޭ ކޮށްދޭނީ އަޅުގަނޑުމެން. ދެން އަޅުގަނޑުމެންގެ މެންޑޭޓްގައި ނެތްކަމަކަށްވާތީ އެކަން ނުކޮށްދޭ ގޮތަކަށް ނޫނޭ އޮންނާނީ.

ޝުޖާއު އާދަމް/ ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް

މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެއްވަނަ ކައުންސިލްގެ ގޮތުގައި ކަންގަތި އެވޯޑް ލިބުމާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ އެއީ އެވޯޑަކަށް މަސައްކަތް ކޮށްގެން ހާސިލްވި ކަމެއް ނޫން ކަމަށާއި, އެއީ ރައްޔިތުން އިސްކޮށް, ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރަމުން ދިއުމުގެ ނަތީޖާ ކަމަށެވެ. އަދި ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން ޓައިމްލައިނާ އެއްގޮތަށް ތަންފީޒުކުރަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އޭނާ ވިދާޅުވީ އަބަދުވެސް ތައްޔާރުވަމުން އައީ ލާމަރުކަޒީ ގާނޫނުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިއްބައިދެވޭނެ ގޮތަކަށް ކަންކަން ފަރުމާކުރަން ކަމަށެވެ. ޚާއްޞަކޮށް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭން ޓައިމް ލައިންގެ ތެރޭގައި ކުރަމުން ދިއުމަށް ވަރަށްބޮޑަށް ފޯކަސް ގެންގުޅުއްވާ ކަމަށް ވިދާޅުވިއެވެ. އެއާއެކު މާލިއްޔަތު ގާނޫނާ ގަވާއިދުތަކާ އަދި އެހެން ގާނޫނުތަކާ އެއްގޮތަށް ކަންކަން ކުރަން އަބަދުވެސް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.

ބޮޑުފޮޅުދޫ ކައުންސިލް ރައީސް ޝުޖާއު އާދަމް

މީގެއިތުރުން މިދިޔަ ދައުރުތަކުގެ ތެރޭގައި ކައުންސިލް ހިންގަމުން ގެންދާ ގޮތަށްވެސް ބަދަލުތައް ގެންނެވިކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގެންނެވި އެންމެ ބޮޑު އެއްބަދަލަކީ ކުރިން ތައުލީމީ ދާއިރާއާއި, ސިއްހީ ދާއިރާ ފަދަ ދާއިރާތައް ކައުންސިލް މެމްބަރުންނަށް މެންޑޭޓް ހަވާލުކޮށްފަ އޮތް އޮތުން, ރަށް ހަތަރު އަވަށަށް ބަހާލާ ހަތަރު އަވަށުގެ ވެރިންގެ ގޮތުގައި ހަތަރު ކައުންސިލަރުން އައްޔަން ކުރެއްވުމެވެ. އެ އަވަށެއްގެ ހުރިހާ ކަމެއް ބެލެހެއްޓުން އެއީ އެ ކައުންސިލަރެއްގެ ޒިންމާއެއް ގޮތުގައި ހަދާ ގެނައި ބަދަލުވެސް ރަނގަޅުކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ މަހަކު ގޭގެއަށް ޒިޔާރަރްކޮށް ރައްޔިތުންގެ ހާލު ބެލުމާއި, ރައްޔިތުންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ, މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އެކަންކަމާއެކީ ބައްދަލުވުން ބާއްވާ, ޖެހިގެން އަންނަ މަހަށް ދާއިރު އެކަންކަމަށް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

ބޮޑުފޮޅޫދޫ ކައުންސިލްގެ ކާމިޔާބީތައް

މީގެއިތުރުން ބޮޑުފޮޅުދޫ ކައުންސިލްގެ ކާމިޔާބީއާއި ގުޅިފައިވާ މުހިއްމު އެއްބަޔަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އެވެ. ކައުންސިލް ރައީސް ޝުޖާއު ވިދާޅުވީ އެކޮމިޓީގެ ބައިވެރިވުންވެސް އޮންނަނީ ކައުންސިލް މެމްބަރުންނެކޭ އެއްގޮތަށް ކަމަށެވެ. އެވަރަށް އެކޮމިޓީންވެސް ހަރަކާތްތެރިވާ ކަމަށާއި, އެއްވަނަ ލިބުމުގައި އެކޮމިޓީގެ ބައިވެރިވުން އިންތިހާއަށް ލިބުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ފަސް އަހަރުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ އަންހެނުންނާ ގުޅުންހުރި ކަންކަން ލީޑް ކުރުންވެސް ހަވާލުކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއެވެ. ކައުންސިލް ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަކީ އެކައުންސިލްގެ އެއް ވިންގު ކަމަށެވެ.

މިހުރިހާ ކަންކަމާއެކު ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހިކަމާއި ގުޅިގެން ކުރެވޭ މަސައްކަތްތަކަކީ ބޮޑުފޮޅުދޫ ކައުންސިލްގެ ވިދުން ގަދަވުމުގެ މައިގަނޑު ސަބަބެވެ. އެކައުންސިލަށް އޮތް އިތުބާރު ބޮޑުވުމުގެ އަސްލެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.