ހުނަރުން ފުރިފަ, ބޭނުންވަނީ ސިޓިންގ ރޫމުން ބޭރަށް ނިކުމެ ހަގީގީ ނަފާ ލިބޭނެ މަގެއް!

3397

ގޭގެ ސިޓިންގރޫމްގައި ކުޑަ މޭޒެއް ބަހައްޓައިގެން ކުލަފިހިން ތަފާތު ކުލަތައް ޖައްސާ ނިމޭއިރު އެއީ ރާއްޖޭގެ ރަށެކެވެ. ކަނޑުއަޑީގެ ރީތި މަންޒަރެކެވެ. ރާއްޖޭގެ ކަނޑުތަކުން ފެންނަ މަހެއް ނުވަތަ އެނޫންވެސް ދިރުމެކެވެ. ރީތި މަލަކަށްވެސް ވެދާނެއެވެ. މިއީ ބ.ކެންދޫ ސުނީތާ އަބްދުލް ވާހިދު (ސުނީ) ގެ ހުނަރުގެ ހަމަ ކުޑަކުޑަ މިންވަރެކެވެ.

ބ.އަތޮޅުގެ ފަސް ދޭތެރޭގައި އޮންނަ 6 ރަށް ސުނީގެ ކުރެހުމުން

މިއީ މޮޅު ހުނަރުވެރި އާޓިސްޓެކެވެ. ފަންނު ވެރިއެކެވެ. ތަފާތު ގިނަ ވައްތަރުގެ އާޓްގެ ހުނަރުން ފުރިފައިވިޔަސް އެމަސައްކަތްތައް ދައްކާލާނެ ފަހި ފުރުޞަތެއް އަދި ނުލިބެއެވެ. އާރޓްގެ ވަރަށް ގިނަ މަސައްކަތްތައް ވަރަށް ފުރިހަމަކަމާއެކު ކޮށް ނިންމާލަނީ ޝައުގުވެރިކަންވެސް އިންތިހާއަށް އޮވެގެންނެވެ. ޕެއިންޓިންގ އަށް އެކަނި ބެލިޔަސް ކެންވަސްގައި, ބޭނުން އެއްޗެއް އަސްލާ އެއްގޮތަށް ކުރަހާލައެވެ. ޓީޝާރޓްގައި ހިތްގައިމު ރީތި ކުރެހުންތައް ކުރަހާލުމަކީވެސް ސުނިއަށް އާދައިގެ ކަމެއް ފަދައެވެ . ލަކުޑީގައިވެސް ޕެއިންޓް ކުރަނީއެވެ. ހިތާނީތަކަށް ޚާއްޞަކޮށް ފާރުތަކުގައިވެސް ކުރަހާ ނަލަކޮށްލަނީ އެވެ. މިއިން ކޮންމެ ހުނަރެއްގައިވެސް ތަފާތެވެ.

ރެސިންގެ ގިނަ މަސައްކަތްތައްވެސް މޮޅަށް, ސަޅިކޮށް ކޮށް ނިންމާލައެވެ. ފަށު ފުލާއި, ކީ ޗެއިން ނުވަތަ ތަޅުދަނޑިލާ އެއްޗިހި ތައްޔާރުކޮށްލުމަކީ މާބޮޑު ކަމެއްހެން ހިޔެއް ނުވެއެވެ. ބުކް މާރކާއި, މޭޒުމަތީ ބަހައްޓާ ބަރުވެސް ނިކަން ރީތިކޮށް, ހިތްގައިމު ރީތި މަންޒަރުތަކާއެކު ތައްޔާރުކޮށްލައެވެ. ބޭނުންނަމަ ނަންވެސް ޖަހާލަންވީއެވެ. ރޮދީގެ އާޓްގައިވެސް ސުނީ ތަފާތު ހަރުފަތެއްގައެވެ. ރޮދިން ތައްޔާރުކޮށްލާ ޔޮޓް ފަހަރަށްވެސް ތައުރީފް ހައްގެވެ.

ސުނީ ރޮދިން ތައްޔާރުކޮށްފައިވާ ޔޮޓެއް

މިއިން ކޮންމެ މަސައްކަތެއް ނިމޭއިރު އެމަސައްކަތުގެ ފުރިހަމަކަމާއި, ރީތި ކަމަށް ތައުރީފް ނޫން އެއްޗެއް ނެތެވެ. ކަރުގައި އަޅާފައި އޮންނަ ފަށުގެ ފުލުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. ބުކް މާކްގައި ރީތި މަންޒަރާއެކު ބޭނުން ނަމެއް ޖަހާލަންވީއެވެ. މުޅިންވެސް ހަދިޔާއަކަށް ދޭން ސަޅި އުފެއްދުންތަކެވެ.

ސުނީގެ ބައެއް މަސައްކަތްތައް

މިހިސާބުން އަދި ސުނީގެ ހުނަރަށް ނިމުމެއް ނާދެއެވެ. އެއީ ފެހުމުގެ ދާއިރާއިންވެސް ހުނަރުވެރިއެކެވެ. ވެޑިންގ ޑްރެސްއާ ހިސާބުން ފަށައިގެން, ވެޑިންގެ ޕާޓީ ބާއްވާ ތަން ބޭނުންވާ ތީމަކަށް ތައްޔާރުކޮށް ދިނުމާ ހަމައަށްވެސް އޮތީ ހުނަރެވެ. ބުކޭ ތައްޔާރުކޮށްދެއެވެ. ކައިވެނީގެ ރަން ތައްޔާރުކުރުމުގައިވެސް ސުނީގެ ފަރާތުން ފެންނަނީ ހުނަރާއި ފަންނެވެ. ސުވާލަކީ މިއީ ކޮންއިރަކު ކިހިނެއް ފެށުނު މަސައްކަތްތަކެއްތޯއެވެ.

އަބަދުވެސް ކުރަހަން ޝައުގުވެރިކަން ހުރޭ. ސްކޫލްގައި އުޅުނުއިރުން ފެށިގެންވެސް ވަރަށް ކުރަހާހިތްވޭ. ޝައުގުވެރިކަން ހުންނާތީ ޓްރައިކުރީ, ޓްރައިކުރީމަ ވާނެކަމެއްކަން އިނގުނީމަ ފެށީ. އެކަމަކު ވިޔަފާރި އުޞޫލުން ކުރަން ފެށީ ވަރަށް ފަހުން.

ސުނީތާ ޢަބްދުލް ވާހިދު (ސުނީ) / އާޓްގެ ހުނަރުވެރިއެއް

އެންމެ ފުރަތަމަ ސުނީ ކެންވަސްއެއްގައި ކުރެހީ ކޮވިޑްގެ ބަންދުގައި ލިބުނު ވަގުތުގެ ބޭނުން ހިފައިގެންނެވެ. ކަރަންޓީންގައި އިނދެ އެހުނަރު ހުރިކަން ޔަގީން ކުރިއެވެ. ސުނީގެ ތަފާތު ހުނަރުތަކުގެ ތެރެއިން އެންމެ ޝައުގުވެރިވަނީ ރެސިންގެ މަސައްކަތާއި, ޕެއިންޓިންގެ މަސައްކަތަށެވެ. އެންމެ ޑިމާންޑް ބޮޑީވެސް އެދެބާވަތުގެ އާރޓް މަސައްކަތްތަކަށެވެ. އެކަމަކު ބޭނުންވާ ސާމާނު ހޯދުމާއި, ރަށަށް ގެނައުމުގައިވެސް ގޮންޖެހުން ބޮޑެވެ. ބޭނުންވާ ސައިޒްގެ ކެންވަސް ނުލިބި މަސައްކަތް ދިގުލައިގެންދާ ފަހަރުވެސް އާދެއެވެ.

ލަކުޑީގައި ސުނީ ކުރަހާފައިވާ ކުރެހުމެއް

މިއީ ކުރިމަގު އޮތް ޝައުގުވެރި މަސައްކަތެކެވެ. އެކަމަކު އެކުރިމަގު ހޯދައިދޭން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ސުނީ ދެކެއެވެ. ގޭގެ ސިޓިންގރޫމްގައި އިނދެގެން ހަގީގަތުގައި ހުނަރު ފައްކާކޮށް, މަސައްކަތުގެ ހަގީގީ ނަފާ ލިބުމުގައި ހުރަސްތައް ގިނައެވެ. ރާއްޖޭގައި އެންމެ ރިސޯރޓްތައް ގިނަ އެއް އަތޮޅުގެ ރަށެއްގެ ގޭގެ ސިޓިންގރޫމްގައި އިނދެ މަސައްކަތް ކުރިޔަސް, ރިސޯރޓްތަކަށް, ފަތުރުވެރިންނާ ހަމައަށް އެއުފެއްދުންތައް ނުދާނަމަ ހަގީގީ ނަފާ ލިބޭކަށް ނެތެވެ.

ރިސޯރޓްތަކުން އަސްލު ލޯކަލް އާޓިސްޓުންގެ ހުނަރުތައް ގަބޫލުކޮށް, ރިސޯރޓްތަކުގައި މިއެއްޗިހި ވިއްކޭނެ ގޮތެއް ފަހިވެގެން ދިއުން އެއީ އަސްލު ވަރަށް ބޮޑަށް ދެކެން ބޭނުންވާ ދުވަހެއް.

ސުނީތާ ޢަބްދުލް ވާހިދު (ސުނީ) / އާޓްގެ ހުނަރުވެރިއެއް

އެފުރުޞަތު ފަހިވެއްޖެ ނަމަ މިހާރަށްވުރެ ފުޅާކޮށް, ހުނަރު އިތުރަށް ތަރައްޤީކޮށްގެން މިމަސައްކަތުގެ ނަފާ ހޯދޭނެއެވެ. އަދި ރާއްޖޭގެ ހިތްގައިމުކަމާއި, ރީތިކަން ބޭރުދުނިޔެއަށް ޕްރޮމޯޓް ކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރެވޭނެއެވެ. އުއްމީދަކީ އެފުރުޞަތުތައް ފަހިވުމެވެ. ބަންދުވެފައި ހުރި ދޮރުތައް ސުނީ ފަދަ އާޓިސްޓުންނަށް ހުޅުވުމެވެ.

ކޮންޓެކްޓް ކުރެއްވުމަށް: https://web.facebook.com/SignatureBySunee

ކޮންޓެކްޓް ކުރެއްވުމަށް: https://www.instagram.com/signaturebysunee?igsh=cmZvM2I1NjdqdWZ3

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.