ފެށީ ފަހާފޮށްޓަކުން, އަންހެނުންނަށް އެހީވުމުގެ ތެރެއިން ބަދަލުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ފެކްޓްރީއަށް!

3577

ރަށުގެ ދެ ސަރަހައްދެއްގައި  މަސައްކަތަށް ޚާއްޞަ ދެ އިމާރާތެއް ހުރެއެވެ. އެކަމަކު ބޭރުން ބަލާއިރު އެއީ ވަރުގަދަ ބޮޑު ފެކްޓްރީއެއްހެން ހިޔެއް ނުވާނެއެވެ. ‘މައި ޓެއިލަރ’ ޖަހާފައިވާ ނަންބޯޑުން ސިފަވީ ހަމަ އާދައިގެ ފަހާތަނެއް ކަމަށެވެ. ނަމަވެސް އެތެރެއަށް ވަދެގެން ދާވަރަކަށް ފެކްޓްރީއެއްގެ ޔަގީންކުރެވި, އެފެކްޓްރީގެ ބޮޑުކަމާއި ފުޅާވެފައިވާ މިންވަރު އިހުސާސްވަމުން ޔަގީން ވަމުން ދިޔައެވެ. އަދި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ.

މަސައްކަތް ފެށި ފަހާފޮށި

މިއީ ށ.މިލަންދޫ ގައި ހިންގާ އެކަމަކު މުޅި ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ފަހާ ފެކްޓްރީ އެވެ. މިއީ ‘މައި ޓެއިލަރ’ އެވެ. މިއީ ފިރިއަކު އޭނާގެ އަންހެނުންނަށް އެހީތެރިވަމުން ގޮސް ވުޖޫދަށް އައި ބޮޑު ފެކްޓްރީ އެކެވެ. މުހައްމަދު ނާޒިމް މިކިޔައިދެނީ ފެކްޓްރީ ވުޖޫދުވެގެން އައި ގޮތެވެ.

ކައިވެނިކުރިއިރު އަންހެނުން ފެހުމުގެ މަސައްކަތް ކުރޭ. ބޭނުންކުރި ފަހާފޮށި އަދިވެސް އެބައިން. ފެކްޓްރީ ވުޖޫދުވީ ފެކްޓްރީއެއް ވުޖޫދުކުރަން ވިސްނައިގެނެއްނޫން. އަންހެނުން ކުރަމުން އައި މަސައްކަތަށް އެހީވަމުން އެހީވަމުން އައި ފެކްޓްރީއަކަށް ބަދަލުވީ.

މުހައްމަދު ނާޒިމް

އަންހެނުން މަސައްކަތް ފަށަން ބޭނުންކުރި ފަހާފޮށި ހުއްޓަސް މިހާރު އެއީ ހަމައެކަނި ފަހާފޮއްޓަކުން ނިންމާ ނުލެވޭ އަދި ކޮންމެ ދުވަހަކުވެ މަސައްކަތް ނުކޮށް ކަސްޓަމަރުންގެ ޚިދުމަތްތައް ވަގުތަށް ފޯރުކޮށްދޭންވެސް އުނދަގޫ އިތުބާރުހުރި ބޮޑު ފެކްޓްރީ އެކެވެ. މިފެކްޓްރީގައި ނުކުރާ ހަމަ އެއްކަމެވެސް ނެތެވެ. ފެހުމުގެ މަސައްކަތުން ފަށައިގެން ޓީޝާރޓް ކަސްޓަމައިޒްކޮށް, ބޭނުން ކުލައަކުން ބޭނުން ޑިޒައިނަކުން ބޭނުން ލޯގޯއެއް ޖަހާ ނިންމާލުމާ ހަމައަށެވެ.

ފެކްޓްރީގެ ބޭރު

ރާއްޖޭގެ ވަރަށްގިނަ ސްކޫލްތަކުގެ ޔުނިފޯމްތައް މިފެކްޓްރީން މިހާރު ތައްޔާރުކުރެއެވެ. ރެސްޓޯރަންޓްތަކާއި, ބައެއް ހޮޓާ ތަކުގެ ޔުނިފޯމްތައްވެސް މިތަނުން ތައްޔާރުކުރެއެވެ. މާލެއާއި ހުވަދު އަތޮޅު ވަރަށްގިނަ ތަންތަނުގެ ޔުނިފޯމްތައް ތައްޔާރު ކުރަނީވެސް ނާޒިމްގެ މައި ޓެއިލަރ އިންނެވެ. އަދި މިލަންދޫ ހިމެނޭ ށ. އަތޮޅުގައިވެސް މިފެކްޓްރީގެ ޑިމާންޑް ބޮޑެވެ. އެއިތުބާރު ހޯދީ ކަސްޓަމަރުން ބޭނުންވާ ކޮންމެ ކުލައެއްގެ ކޮންމެ ޑިޒައިނެއްގެ އެއްޗެއްވެސް އިތުބާރާއެކު ވަގުތަށް ނިންމައިދީގެންނެވެ.

ޕޫމާ ޓީޝާޓެއްވެސް ތައްޔާރުކޮށްލެވިދާނެ. އިންޓަރނޭޝަނަލް ފެންވަރަށް އަޅުގަނޑުމެން މިކަން ކުރަމުންދަނީ.

މުހައްމަދު ނާޒިމް

ނާޒިމް ދޭ ޔަގީން ކަމަކީ ފެހުމުގެ ދާއިރާގައި ރާއްޖޭގައި އެއްތަނަކުން ކުރެވޭނެ އެންމެ ގިނަ މަސައްކަތް އޭނާގެ ފެކްޓްރީން ކުރެވޭނެ ކަމުގެ ޔަގީން ކަމެވެ. އެއީ މިހާރު ހަމައެކަނި ޓީޝާޓް އުފައްދާ ތަނެއްވެސް ނޫނެވެ. ބޭނުން ކޮންމެ ޑިޒައިނަކަށް ބާލީސްވެސް ތައްޔާރުކޮށްލައެވެ. މުނާސަބަތުތަކަށް އެކަށީގެންވާ ގޮތަށް ބޭނުން ޑިޒައިނަކަށެވެ. ހަދިޔާއަކަށް ދޭން ބޭނުންވާނަމަ އެގޮތަކަށްވެސް ތައްޔާރުކޮށްލައެވެ.

ބާލީސް ހަދަން ފެށީ ހުސްވަގުތުގައި އަންހެނުންނަށް މަސައްކަތެއް ދޭން. ކަފަ ގެނެސްދީފަ ބާލީސް ހަދަން ބުނީ. ބާލީސް ހަދަން އުޅުނީމަ އެލާޖީ ވީ, އަންހެނުންގެ ހަމާ ނުގުޅުނީ. އެހެންވެގެން ދެން ސެޓަޕެއް ގާއިމްކުރީ ބާލީސް ހަދަން.

މުހައްމަދު ނާޒިމް

ނާޒިމްއާއި އަންހެނުންގެ ފެކްޓްރީ ފުޅާވެފައި އޮތް މިންވަރަކީ މިސްކިތްތައް ޑެކަރޭޓް ކުރުމާ ހަމައަށް މަސައްކަތްތައް ކުރަން ފެށުމެވެ. މިހާތަނަށް ތިން މިސްކިތެއްގެ މިހުރާބުގޭގެ ފަހަތުގައި ސޫރަތުލް ފާތިހާއާއި, ކުރުސިއާއި ގުރުއާނުގެ ބައެއް އެހެން އާޔަތްތައް ލިޔެދީފިއެވެ. ލަކުޑިންނާއި ޕްލާސްޓިކުންވެސް ނާޒިމްގެ ފެކްޓްރީން އެމަސައްކަތް ކުރެއެވެ. އަދި ރަން ބަރަނިން ލިޔެދީފަ ހުންނާނެކަން ފާހަގަކުރިއެވެ. މިސްކިތްތައް ޑެކަރޭޓް ކުރުމުގެ މަސައްކަތް އެކިލެވެލްގައި ނާޒިން ވަނީ ކޮށްދީފަ އެވެ.

މިލަންދޫއަކީ ކުޅިވަރުގެ ރަށެކެވެ. މެޑައްޔާއި ޓްރޮފީ އަދި ޖަރޒީ ކޮންމެ އަހަރަކުވެސް ގިނައިން ބޭނުންވެއެވެ. ރަށުން ބޭރުން މާދުރުން އެކަން ކުރުމަކީ ތަކްލީފެއްކަމަށް ދެކި ނާޒިމް ވަނީ އޭނާގެ ފެކްޓްރީން އެމަސައްކަތްވެސް ފަށާފައެވެ. ބޭނުނުވާ ގޮތަށް ބޭނުން ލޯގޯއެއް ޖަހާލުމަށްފަހު ޓްރޮފީއާއި މެޑަލް އޭނާ ތައްޔާރުކޮށްލަ ދެއެވެ.

ނާޒިމް އިންޓަރވިއު ދެނީ

މަސައްކަތުގައި ނާޒިމްގެ ވިސްނުމަކީ އެންމެ ޚަރަދު ކުޑަކޮށް އިހުތިޔާރު ކުރުމެވެ. އެމަގުންވެސް އޭނާގެ ފެކްޓްރީން ކުރަނީ ތައުރީފް ހައްގު މަސައްކަތެކެވެ. ނާޒިމްގެ ފެކްޓްރީން ހަކުރުވެސް ބަންދުކުރެއެވެ. ބޮޑަތި ހަކުރު ޕެކެޓް ބަންދުކުރަން ނާޒިމްގެ ފެކްޓްރީން ބޭނުންކުރަނީ އެތަނަށް ގެންނަ ފޮތި ރޯލްގެ ބޭރުގައި އިންނަ ކަވަރެވެ. އަދި ފެކްޓްރީގައި ކަސްޓަމަރުންނަށް ދޭން ބޭނުންކުރާ ކޮތަޅަކީވެސް ފެކްޓްރީއަށް ގެންނަ އެއްޗިހިން ބާކީވާ ކަރުދާސްތަކުން ތައްޔާރުކުރާ ކޮތަޅުތަކެވެ. މައި ޓެއިލަރ އިން ބޭނުންކުރަނީ އެތަނުގައި ތައްޔާރުކުރާ ކޮތަޅެވެ.

ފެކްޓްރީ އިޝްތިހާރު ކުރުމަށްވެސް ނާޒިމްގެ އޮތީ ތަފާތު ވިސްނުމެކެވެ. ހަކުރު ޕެކެޓް ބަންދުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެނީ ހަގީގަތުގައު ތަން އިޝްތިހާރު ކުރާށެވެ. އެޕެކެޓްތަކުގެ ބޭރުގައި އޮންނަނީ މައި ޓެއިލަރގެ ލޯގޯއާއި ނަމްބަރެވެ. އެޕެކެޓުން ނަމްބަރު ފެނި ރާއްޖޭގެ އެކިކަންކޮޅުތަކުން ފެކްޓްރީއަށް ގުޅައެވެ.

ނާޒިމް ދޭ ޔަގީންކަމަކީ އޭނާގެ ފެކްޓްރީން ދޭ ޚީދުމަތަކީ އިންޓަރނޭޝަނަލް ފެންވަރުގައި ގެރެންޓީކޮށްފަ ދޭ ޚިދުމަތެއް ކަމެވެ. “އެޚިދުމަތުގެ ކޮލިޓީ ވެއްޓިދާނެތީ އަޅުގަނޑުމެން އުފައްދާތަކެތި ކަސްޓަމަރުންނަށް ދޭގޮތަށް ސެޓަޕް ހަދާފަ މިހުރީ.”

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.