މިވަގުތު މިރަށުގައި އޮޕަރޭޓް ކުރަނީ ހަތަރު ގެސްޓް ހައުސް އެވެ. އަދި ފަތުރުވެރިން ޒިޔާރަތްކުރާ އަދަދުވެސް ގިނައެއް ނޫނެވެ. އެކަމަކު ރަށު ކައުންސިލަށްވެސް އޮތް ޔަގީން ކަމަކީ މިއީ ފަތުރުވެރިކަމުން ރަށުގެ އިގްތިސާދު ފުޅާކޮށް, ނަފާ އިތުރުކުރެވޭނެ ކަމެވެ. އެކަން ރަށުގެ ރައްޔިތުންވެސ ގަބޫލުކުރެއެވެ. އޭގެ ހެއްކަކީ އިތުރު ގެސްޓްހައުސްތައް ރަށުގައި އިމާރާތް ކުރަމުން ދިއުމެވެ.

މިވަގުތު ރަށުގައި އިމާރާތް ކުރަމުންދާ ގެސްޓްހައުސްތައް ނިމުމުން ބެޑް ކެޕޭސިޓީގެ އަދަދު 100 ފަހަނަ އަޅާނެއެވެ. އޭރުން މިރަށް, ނ.ވެލިދޫ ވާނީ ހުރިހާ މާނައެއްގައިވެސް ފަތުރުވެރި ރަށަކަށެވެ. ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކޮށް ރަށުގެ ފުދުންތެރިންކަން އެތައް ގުނައެއް ހިއްލާނާނެއެވެ.
މިހާރުވެސް ފަތުރުވެރިންނަށް ޚާއްސަ ސަރަހައްދެއް މިރަށުގައި އެބައޮތެވެ. މޫދު އެރުމަސް ދިވެހިންނަށް ވަކި ސަރަހައްދެއް އަދި ފަތުރުވެރިންނަށް ވަކި ސަރަހައްދެއް ވަނި އިން ކަނޑައަޅާފައެވެ. އަދި ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދިއުމަށް އެކަމަށް ޚާއްޞަ ބިންތައް ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި ގެސްޓްހައުސް ބިންތައް ހިމެނެއެވެ. މޫދު ކުޅިވަރުގެ ޚިދުމަތް ފުޅާކޮށް ދިނުމަށްވެސް ބިން ވަނީ ދޫކޮށްފައެވެ.

މިހާރުވެސް މިއީ ފަތުރުވެރިކަމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ރަށެކެވެ. ރަށުގެ ޒުވާނުން ގިނައިން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ޚާއްޞަކޮށް ރަށާ ކައިރި ރިސޯރޓްތަކުގައެވެ. އޭގެތެރޭގައި އަގުބޮޑު ރިސޯރޓްތައް ހިމެނެއެވެ. އޭގެތެރެއިން ބައެއް ރިސޯރޓްތަކުގެ މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖައްސާފައިވަނީ ވެސް ވެލިދޫގައެވެ.
ސަފާރީ ބަނުމުގެ މަސައްކަތުގައިވެސް މިރަށް އޮތީ ކުރީގައެވެ. މިއީ ސަފާރީ ބަނދެ, ސަފާރީ ގެންގުޅޭ ރަށެކެވެ. މިވަގުތުވެސް ބަންނަމުންދާ ސަފާރީތައް ވެލިދޫގައި އެބައޮތެވެ. މިއީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ކޮންސްޓްރަކްޝަންގެ ދާއިރާގައިވެސް މިރަށުގެ ނަން އޮތީ ކުރީގައެވެ. މިރަށުގެ ކޮންސްޓްރަކްޝަން ގްރޫޕްތަކުން ބޮޑަތި މަޝްރޫއުތައް ނަގައި ކާމިޔާބުކަމާއެކު ނިންމައެވެ.

މިރަށަށް ޒިޔާރަތްކޮށްލަން ބަލާއިރުވެސް ސަބަބުތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް އީދަށް ޒިޔާރަތްކޮށްލަން މިއީ އެއްވަނައެވެ. ސަގާފީ ކުޅިވަރާއި, ޒަމާނީ މިޔުޒިކްވެސް އީދުގެ ހަމަ ކޮންމެ ދުވަހަކު އޮންނަ ރަށެކެވެ. އެހެން ކުޅިވަރު ގޭމްތައްވެސް ކުރިއަށް ގެންދެއެވެ. އީދަށް ޢާއްމުކޮށް މިރަށަށް ހާހަކަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރެއެވެ. ގެސްޓްހައުސް ތަކާއި ކުލީ ކޮޓަރިތައްވެސް ފުލްވެއެވެ. މީގެއިތުރުން މިރަށުގެ ޚާއްޞަ ކަމަކީ ކޮބައިތޯ ސުވާލުކޮށްލީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަބްދުالله އަލީ އާއެވެ.
މިރަށަކީ އަސްލުގަ މީހުންނަށް ވަރަށް ހިތްހެޔޮ ރަށަށް އަންނަ މެހުމާނުންނަށް ވަރަށް މަރުހަބާ ކިޔާ ރަށެއްގެ ގޮތުގައި ފާހަގަކުރޭ. ދެން މިރަށަކީ ވަރަށް ސާފްތާހިރު ރަށެއްގެ ގޮތުގައި މިރަށަށް ޒިޔާރަތްކުރާ ބޭފުޅުން ފާހަގަކުރޭ.
ޢަބްދުالله އަލީ/ ވެލިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް
ރަށުތެރެ ސާފްކޮށް ބެލެހެއްޓުމަށް ކައުންސިލުން ވަރަށްބޮޑު އިސްކަމެއް ދެއެވެ. އެކަމަށް ޚާއްޞަ މުވައްޒަފުން ނަގައިގެން ގަވާއިދުން ރަށުތެރެ ސާފްކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެއެވެ. 64 ހެކްޓަރުގެ މިރަށަކީ 2700 އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ނަމަވެސް އޭގެތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 1800 އެއްހާ މީހުންނެވެ. ތައުލީމީ ގޮތުން މިއީ އަތޮޅުގެ އެންމެ ފުންނާބު އުސް ތައުލީމީ އެއް ބިނާއެވެ. އަތޮޅު ތައުލީމީ މަރުކަޒު ހުންނަނީ މިރަށުގައެވެ. އަދި ޖޫނިއަރ ކޮލެޖް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ކުރިމަގުގައި މިއީ އުތުރުގައިވެސް ތައުލީމީ ގޮތުން އެންމެ ކުރީގައި އޮންނާނެ އެއް ރަށަށް ވާނެއެވެ. އަސާސީ ޚިދުމަތްތައް ފުރިހަމަވެފައިވަ މިރަށަށް އިތުރަށް ބޭނުންވަނީ ޞިއްހީ ޚިދުމަތް ފުޅާކުރުމެވެ. އެމަސައްކަތް ވަނީ ފަށާފައެވެ. މިދިޔަ ދައުރު ނިމުނުއިރު 30 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ވަނި ހަވާލުކޮށްފައެވެ.

ރަށުގެ ތަރައްޤީއަށް މިހާރުވެސް މުހިއްމު މަސައްކަތްތަކެއް ދަނި ކުރަމުންނެވެ. އެގޮތުން ކުރެވޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ރަށުގެ މަގުރައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 10 މަގެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދަތުރު ފަތުރަށް ބަލާއިރު މިރަށަށް މާލެއިން ދަތުރުކުރަން އެންމެ ފަސޭހައީ ލޯންޗްގައެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ސްޕީޑް ލޯންޗް މާލެއާ ވެލިދޫއާ ދެމެދު ދަތުރުކުރެއެވެ. ވައިގެ މަގުން ދަތުރުކުރަން ބަލާއިރު އަތޮޅު މާފަރާއި ޅ.އަތޮޅު މަޑިވަރު އެއަޕޯޓް މަގުން ދަތުރުކުރެވިދާނެއެވެ. ނަމަވެސް އެއީ އިތުރު ދަތުރެއް ލޯންޗްގައި ކޮށް, އިތުރު ޚަރަދެއް ކުރަންޖެހޭ ކަމަކަށްވާތީ ކުރަންޖެހޭ ޚަރަދު ބޮޑެވެ. ސްޕީޑް ލޯންޗްގައި މޫސުން ރަނގަޅު ދުވަހެއް ނަމަ 2 ގަޑި 30 މިނިޓުން މާލެއާ ދެމެދު ދަތުރުކުރެވެއެވެ. އެކަމަކު ޢާއްމުގޮތެއްގައި ދަތުރެއްގެ ދިގުމިނަކީ 3 ގަޑިއިރެވެ.
މިރަށުގައި މިވަގުތު 4 ރެސްޓޯރަންޓުން ކެއިންބުއިމުގެ ޚިދުމަތް ދެއެވެ. 30 ހަކަށް ފިހާރަ އެބަހުއްޓެވެ. އެހެންކަމުން މިރަށަށް އައިސް އުޅުމަކީ ދަތިކަމެއް ނޫނެވެ.
