ސުރުހީގައި އެއޮތީ އިދާރީ ގޮތުން އެންމެ ރަނގަޅަށް ހިނގާ އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމްއާ, އެރަށުގެ ތަރައްޤީއާ ގުޅޭގޮތުން ސުވާލުކޮށްލުމުން ވިދާޅިވި ވާހަކައެވެ. އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންކަން ކޮށްދިނީ ހަގީގަތުގައި އެކަށީގެންވާ މިންވަރަށްވުރެވެސް ބޮޑަށް ކަމަށެވެ. އެއާއެކު ފަހަރަކު ކަމެއް ހިއްސާ ކުރެއްވިއެވެ.

ފެއްޓެވީ ބޯހިޔާވަހިކަމާ ހިސާބުންނެވެ. 1990 ވަނަ އަހަރުން ފެށިގެން ރަށުން ގޯތ ދޫނުކުރެވި އޮތީ ބިން ނެތިގެންނެވެ. ނަމަވެސް މިދިޔަ ފަސް އަހަރު ނިމުނުއިރު ބޮޑު ފޮޑުފޮޅުދޫގެ ދެ ރަށް ރަށާއިންވެގެން ހިއްކާ ބޮޑުކޮށްލިއެވެ. ހިއްކުމުގެ މަސައްކަތް ނިންމާ ދައުރު ނިމުނުއިރު ކުރަމުން ދިޔައީ ބޮޑު ހިލަ ޖެހުމުގެ މަސައްކަތެވެ. އެއާއެކު ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެ ލިބޭނެއެވެ. 7 ހެކްޓަރުގެ ބޮޑުފޮޅުދޫގެ ބިމަށް 12 ހެކްޓަރު ވަނީ އިތުރު ކޮށްފައެވެ.
އެއާއެކު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށިކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފެށާ, އިންސްޓޯލް ކުރުމާ ހަމައަށް އޮތީ އާދެވިފައެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ޒަމާނީ މިސްކިތެއް ވަނީ އަޅާފައެވެ. ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރަން ފަސް ކްލާސްރޫމްގެ މަސައްކަތް ބަޖެޓްކޮށް މަސައްކަތް ނުފެށި އޮތީ ބިން ނެތުމުން ނެވެ. ނަމަވެސް އެކަމަށް ބޭނުންވާ ބިން މިހާރު އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ބަލާއިރު ޓާފް އަޅައިގެން ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށް އެދަނޑުގައި ޒުވާނުން ކުޅެން ފަށައިފިއެވެ. ޒަމާނީ ވޮލީކޯޓެއް ނިންމާ އެކޯޓްގައި މުބާރާތްތައް ބާއްވައެވެ. ޒަމާނީ ޔޫތް ސެންޓަރެއް އެޅުމުގެ މަސައްކަތް ފވަނީ ފަށާފައެވެ. ކައުންސިލް ރައީސް ވިދާޅުވީ ރަށުގެ ތަރައްޤީއަށް މަސައްކަތްތަކެއް ކުރެވުނީ މިދިޔަ ދައުރުގައި ކަމަށެވެ.
ބޮޑުފޮޅުދޫގެ ތަރައްޤީއަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރެވިފަ ހުންނާނީ ނިމިދިޔަ ފަސް އަހަރު. އެހެން ސަރުކާރު ތަކުގައި ކޮންމެސް ކަމެއް ހިނގާ, އެހެން ނަމަވެސް މިރަށުގެ ރައްޔިތުން އެދޭ އެއްވެސް ކަމެއް ހިނގާފައެއް ނެތް, މިދިޔަ ފަސް އަހަރު ފިޔަވާ. މިދިޔަ ފަސް އަހަރު ރައްޔިތުން ބޭނުންވާ ވަރަށް ގިނަ މަޝްރޫއު ހިންގާފައި އެބަހުރި.
ޝުޖާއު އާދަމް / ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް
ހިނގަމުންދާ މަޝްރޫއުތަކުގެ އިތުރުން ބޮޑުފޮޅުދޫ ރައްޔިތުން މިހާރު އެންމެ އުއްމީދު ކުރަނީ ކައިރީގައި ޕިކްނިކް އައިލެންޑެއް ނެތުމުން އެކަން ފުރިހަމަ ވުމަށެވެ. ޕިކްނިކް އައިލެންޑެއް ތަރައްޤީ ކޮށްދިނުމަށް ކައުންސިލް ވަނީ ސަރުކާރުގައި އެދިފައެވެ. އަދި ބިން ހިއްކި ނަމަވެސް އިގްތިސާދީ ހަރަކާތް ހިންގަން އެންމެ އެކަށީގެންވާ ބިން ނެތުމުން ދިއްގާ ފަޅު ކައުންސިލަށް ލިބުމަކީ ކައުންސިލްގެ އުއްމީދެވެ. ބޮޑުފޮޅުދޫ ކައުންސިލުން އުއްމީދު ކުރަނީ ހިނގަމުން މިދާ ދައުރަކީ ރަށުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން މުޅިން ނުނިމު ހުރި މަޝްރޫޢުތައް ނިންމާ, ތަރައްޤީގެ އާ މަޝްރޫޢުތަކެއް ފެށުމެވެ.
