ބޮޑުފޮޅުދޫ އާރުބީޖީގެ އަމާޒަކީ ކައުންސިލްގެ ވެސް އަމާޒު

233

ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ  ޖެނެރޭޝަން ނުވަތަ އާރުބީޖީ އަކީ ރަށަށް ބޮޑު ބަދަލެއް ގެނައުމުގެ ވިސްނުމާއި ތަސައްވަރާއެކު 2019 ވަނަ އަހަރު  ނިމެންދަނިކޮށް ރަޖިސްޓްރީކޮށް ހަރަކާތްތައް ފެށި ކްލަބެކެވެ. ކްލަބްގެ ހަޔާތުން ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނަމުންދާއިރު އެއީ ރާއްޖޭގެ ނިސްބަތުންވެސް އެންމެ ހަރަކާތްތެރި އެއް ކްލަބެވެ.

އާރުބީޖީއަށް ލިބިފައިވާ ބައެއް ކާމިޔާބީތައް

ކުރު މުއްދަތެއްގެ ތެރޭގައި އާރުބީޖީގެ ދުވެލި ދައްކުވައިދޭ ހެއްކަކީ ބޮޑުފޮޅުދޫ ކައުންސިލުން ހޮވާ އެންމެ ހިންގުންތެރި ކްލަބްގެ އެވޯޑް ވިދިވިދިގެން ތިން އަހަރު ކާމިޔާބުކުރުމެވެ. ކުޅިވަރަށް ޚާއްޞަ ސަމާލުކަމެއް ދެމުން އަންނަ އާރުބީޖީން ވަނީ އެދާއިރާއިން ކުލަގަދަ ކާމިޔާބީތަކެއް ހޯދާފައެވެ. ކުޅިވަރުގައި އާރުބީޖީގެ ކާމިޔާބީގެ ލިސްޓަށް ބަލާއިރު އަވަށްޓެރި އަދި ވާދަވެރި މަތިވެރީގައި ބާއްވާ ޔޫއެސްސީ ރައުޗް ފުޓްސަލް މުބާރާތުގެ ތަށި 3 އަހަރު ކާމިޔާބުކޮށް މިލްކު ކުރުން ހިމެނެއެވެ. މަތިވެރީ އަމްސާކަޕް 2023 ގެ ޗެންޕިއަންކަން ހޯދީވެސް އާރުބީޖީ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބާއްވަމުން އަންނަ ގޯލްޑަން ފުޓްސަލް މުބާރާތުގައި ރަށް ތަމްސީލްކޮށް އަތޮޅު ޗެންޕިއަން ކަމާއި ޒޯން ޗެންޕިއަންކަންވެސް އާރުބީޖީން ވަނީ ހޯދާފައެވެ. ރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައިވެސް އާރުބީޖީން އަންނަނީ ވާދަކޮށް ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ރަށުފޯރި ޕާރކްވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދިއެވެ. ހޭންޑްބޯލް އެސޯސިއެޝަން ކަޕްގައި އާރުބީޖީގެ އަންހެން ޓީމް ބައިވެރިވެ މުބާރާތުގައި ވާދަކުރިއެވެ. އަދި އަރިއުތުރު ވޮލީ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގައިވެސް އާރުބީޖީން ވާދަކުރިއެވެ. އަދި ފިރިހެން ހޭންޑްބޯޅަ މުބާރާތުގައި ވާދަކޮށް ރަށް ތަމްސީލް ކުރިއެވެ. ކުޅިވަރުގެ ދާއިރާއިން އާޖީލެއް އުފެއްދުން އެއީ ކްލަބްގެ މުހިއްމު އެއް މަގްސަދެވެ.

އާރުބީޖީގެ ބައެއް ކާމިޔާބީތައް

އިޖުތިމާއީ ޚިދުމަތުގައިވެސް އާރުބީޖީގެ ހަރަކާތްތެރިކަން ބޮޑެވެ. ރަށަށް އަރައިގެން އަންނައިރު ބަނދަރުގެ އެއް ކޮޅުގައި މަސްވެރިންނަށް ޓަކައި ތައްޔާރުކޮށްފައިވާ ސަޅި މަސްކަނޑާ އަށްޓަކީ މީގެ ހެއްކެކެވެ. ދޯންޏެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މަސްކަނޑާ އަށްޓަކީ ‘އަހަރެންގެން ބޭންކް ކޮމިއުނިޓީ ފަންޑް’ ކާމިޔާބުކޮށް ރަށުގައި ގާއިމްކުރި މަސްކަނޑާ އަށްޓެކެވެ.

ސްކޫލްގައި ގާއިމްކޮށްދިން އާރުއޯ ޕްލާންޓް

ބޮޑުފޮޅުދޫ ސްކޫލްގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑްގެ އެހީގައި “އާރު އޯ ޕްލާންޓެއްވެސް އާރުބީޖީން ވަނީ ގާއިމްކޮށްދީފައެވެ. އަދި ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާއި ރަށްޓެހި ފުޅި ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ވަނީ ހަދިޔާ ކޮށްފައެވެ. އަތޮޅު ފެންވަރުގައިވެސް އާރުބީޖީގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން އއ.އަތޮޅުގެ ހުރިހާ ރަށެއްގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރު ތަކަށް ތުއްތު ކުދިން ފެންވެރުވުމަށް ބޭނުންކުރާ ބާރތް ޓަބް އާރުބީޖީން ވަނީ ހަދިޔާ ކޮށްފައެވެ.

އާރުބީޖީ ގުރުއާން މުބާރާތުގައި ކުއްޖަކު ކިޔަވަނީ

ރަށު ކައުންސިލާ ގުޅިގެން ކޮންމެ އަހަރަކު ރަށުގައި ބާއްވާ ގުރުއާން މުބާރާތަކީވެސް އާރުބީޖީގެ ޚިދުމަތުގެ ލިސްޓްގެ ކުރީގައި އޮތް މުހިއްމު އެއް ހަރަކާތެވެ. މީގެއިތުރުން ރަށުގައި ކުރެވޭ މުހިއްމު މަސައްކަތްތަކުގައި އިސްވެ ހަރަކާތްތެރިވުމާއި, ބޮޑުފޮޅުދޫ ކައުންސިލުން ހޯދަމުންދާ ފަޚުރުވެރި ކާމިޔާބީތައް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ކްލަބްގެ އަމާޒަކީ ބޮޑުފޮޅުދޫގައި ކުޅިވަރުގެ ދާއިރާއިންނާއި އަދި އިޖުތިމާއީ ދާއިރާއިން ކާމިޔާބީތަކެއް ހާސިލްކޮށް ރާއްޖޭގައި ނަން ފަވާލެވޭ ކްލަބަކަށް ވުން. އަޅުގަނޑުމެން ޚާއްޞަ އިސްކަމެއް ދެން ބޮޑޮފުޅުދޫ ކައުންސިލުގެ އަމާޒު ހާސިލްކުރުމށްޓަކައި އަޅުގަނޑުމެންގެ އަމާޒު ހަމަ އެކައްޗެއްގެ ގޮތުގައި ހަދައިގެން ކުރިއަށް ދިއުން. އަޅުގަނޑުމެން ވާސިލްވާން ބޭނުންވާ އަމާޒަކީ ކައުންސިލްގެ އަމާޒު.

އިސްމާއީލް ނަސީމް/ އާރުބީޖީގެ ރައީސް

އާރުބީޖީ އަކީ އަހަރީ ޖަލްސާ ގަވާއިދުން ބާއްވާ، ޖަލްސާގައި އެކި ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދެމުން ހިތްވަރު ހޯދަމުން ހިތްވަރާއެކު ކުރިއަރަމުން އަންނަ އިޖުތިމާއީ ޚިދުމަތުގެ މުހިއްމު ބައިވެރިއެކެވެ.

ނޯޓް: މިއީ ރަށްރަށުގެ ކްލަބް ޖަމްއިއްޔާތަކަށް ޚާއްޞަ ސެގްމަންޓެވެ. އާރުބީޖީއާ ގުޅޭ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.