ބޮޑުފޮޅުދޫ ބޮޑު ނިކަގަސް

411

މިގަސް މިރަށުގައި ނުހުންނަ ހަނދާނެއްވާ ހަމަ އެކަކުވެސް މިރަށަކު ނެތެވެ. މިރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 84 އަހަރުގެ މީހަކާ ސުވާލުކޮށްލުމުންވެސް ބުނީ އޭނާގެ ހަނދާނުގައި އަބަދުވެސް އެގަސް ހުންނަ ކަމަށެވެ. އަދި އޭނާގެ މައިންބަފައިން ކުޑައިރުވެސް އެގަސް ހުންނަކަމަށް މައިންބަފައިން ދުނިޔޭގައި ތިއްބެވިއިރު ބުނި ކަމަށެވެ. މިގަހުގެ ސީދާ އުމުރެއް އިނގޭ މީހަކު ނެތެވެ. މިއީ އއ.ބޮޑުފޮޅުދޫގައި ހުރި ބޮޑު ނިކަގަހުގެ ވާހަކައެވެ.

ބޮޑުފޮޅުދޫ ބޮޑު ނިކަގަހުގެ އަޅޯތައް

ތާރީޚު ދިރާސާކުރައްވާ ބައެއް ފަރާތަކުން ވިދާޅުވަނީ ޔަގީނުންވެސް 15-200 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ނަމަވެސް ބޮޑުފޮޅުދޫ މީހުން އަންދާޒާ ކުރަނީ އެގަހަށް 400 އެއްހާ އަހަރު ވެދާނެ ކަމަށެވެ. އެގަހަށް ސަތޭކައަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް ބާރުލިބޭ ހެއްކެއްގެ ގޮތުގައި ރަށުގެ ބައެއް މީހުން ބުނީ ގަހުން ފައިބާފައި މޫތައް ބިމަށް ހަރުވެ, ގަހުގެ ބުޑާ އެއްވަރުގެ އަޅޯ ގިނަ އަދަދަކަށް ހުރުމެވެ. އަދި ބޮޑު ސަރަހައްދަކަށް ފެތުރިފައި ވުމެވެ. މުޅި ސަރަހައްދުގައި އަޅޯ ތައް ފައިބާ ގަހާ ގުޅިފައި ވެއެވެ. ގަހާ ގުޅިފައި ވިޔަސް އެއިން ކޮންމެ އަޅޮލަކީ މިހާރު ވަކި ގަހެކެވެ.

މިގަސް ދޮށަށް ވަދެގެން ދާއިރު އެސަރަހައްދު ބަލާލަން ރީއްޗެވެ. އެކަމަކު މިރަށުގައި ދުވަސްވީ މީހުން ބުނަނީ އެމީހުން ކުޑައިރު އެސަރަހައްދަކީ ވަންނަން ބިރުގަންނަ ނާމާން ތަނެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. އެއީ މީހުން ގޮސް އުޅޭތަނެއް ނޫން ކަމަށެވެ.

ބޮޑުފޮޅޫދޫ ބޮޑު ނިކަގަސް

މިގަސް ވަނީ ބޮޑުފޮޅޫދޫ ކައުންސިލުން ހިމާޔަތްކޮށްފައެވެ. މިފަދަ ގަސްތައް ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައިވެސް އެބަހުއްޓެވެ. އަދި އެފަދަ ގިނަ ގަސްތައް ހުރީ ރަށު ފެންވަރުގައި ހިމާޔަތްކޮށްފައެވެ. މިގަދަ ބޮޑަތި ގަސްތަކަކީ އިހުގައި ރަށް ފާހަގަކުރާ ނިޝާނެކެވެ. އަދި އެއީ މީހުން ދިރިއުޅޭ ރަށެއް ކަމުގެ ނިޝާނެއްވެސް މެއެވެ. ރަށުގެ މާދުރުން މަލަމަތިން އެފަދަ ބޮޑު ނިކަގަހެއް ފެންނަން ހުން ހަމައެކަނި ރަށަކީ ބޮޑުފޮޅުދޫ އެއް ނޫނެވެ.  

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.