މިރަށުގެ ނަމުގެ ވިދުން އެންމެ ގަދައީ އެންމެ ރަނގަޅު ކައުންސިލެއް އޮތް ރަށުގެ ގޮތުގައެވެ. ނުވަތަ އިދާރީ ގޮތުން އެންމެ ރަނގަޅަށް ހިންގާ ކައުންސިލެއް އޮތް ރަށެއްގެ ގޮތުގައެވެ. އެކަމަކު އެއީ ހަމައެކަނި ރަށު ކައުންސިލްގެ މަސައްކަތެއް ނޫނެވެ. އެއީ ކައުންސިލާއި ރައްޔިތުންގެ ގުޅިގެން ކުރަމުންދާ މަސައްކަތެއްގެ ނަތީޖާއެވެ. އިތުބާރެއްގެ ނަތީޖާއެވެ. އެވާހަކައިގެ ތަފްސީލް އެހެން ފަހަރަކުން ގެނެސްދޭނަމެވެ.

މިފަހަރު މިޚާއްޞަ ކޮށްލަނީ މިރަށުގެ ބައެއް މުހިއްމު ޢާއްމު މައުލޫމާތަށެވެ. މިއީ މާލެއާއި ދުރުނޫން ހިސާބެއްގައި އޮތް ރަށެކެވެ. ކުޑަކުޑަ މިރަށުގެ ބޮޑު މިނަކީ އެންމެ 8 ހެކްޓަރެވެ. އެކަމަކު އޭގެ ދެގުނަ މިދިޔަ ސަރުކާރުން ވަނީ ހިއްކައި ދީފައެވެ. އަދި މުޅިން ނިންމާ ގޯތި ދޫކުރެވޭ ހިސާބަކަށް ނުދެއެވެ.
މިއީ އާބާދީގައި 850 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ރަށުގެ އާބާދީއާ އެއްވަރުގެ އާބާދީއެއް ރަށުގައި ދިރިއުޅެއެވެ. އެއީ އެހެން ރަށުގެ މީހުންނާއި, އެކި މަސައްކަތްތަކުގައި ރަށުގައި އުޅޭ ބިދޭސީން ހިމެނޭ ގޮތަށެވެ. ރަށުގެ ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި އުޅޭ މީހުންގެ ނިސްބަތް މަދެވެ. ސުވާލަކީ މިރަށަށް އަންނަންވީ ކީއްވެތޯއެވެ. އެސުވާލުގެ ޖަވާބުދޭނީ ކައުންސިލް އެގްޒެކްޓިވް ހަސަން ނައީމް އެވެ.
އެންމެބޮޑު ހިތްހަމަ ޖެހުމަކީ މިރަށުގައި ވައްކަމާއި, ފޭރުމާއި, މިކަންކަން ވަރަށް މަދުވާނެ, ނެތޭވެސް ދެންނެވިދާނެ. އެއީ ވަރަށްބޮޑު ހިތްހަމަޖެހުމެއް. ރަށް އޮންނަ ސަރަހައްދަށް ބަލާއިރު މާލެއާ ގާތްވެފައި, ރަށް ކުޑަނަމަވެސް މީހުން ހިތްހިޔޮވާނެ.
ހަސަން ނައީމް / ކައުންސިލް އެގްޒެކްޓިވް
ރަށުގެ ޒުވާނުންނާއި ހަރު މީހުންވެސް މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. ޚާއްޞަކޮށް ރަށުން ފުރައިގެން ދެމިނިޓުން ދެވޭ ހިސާބުގައި އޮތް ރިސޯރޓްގައި ރަށުގެ ގިނަބަޔަކު ވަޒީފާ އަދާކުރެއެވެ. އެކަމަކު ވަޒީފާގެ އެފުރުޞަތު ފިޔަވާ ރަށަށް ރިސޯރޓުން މާބޮޑު އެހީތެރިކަމެއް ނުދޭކަމަށް ކައުންސިލުން ބުންޏެވެ. ފަރުމަސްވެރިކަމަކީވެސް މިރަށުގެ ބައެއް މީހުން ކުރާ މަސައްކަތެކެވެ. އެމީހުން މަސްކިރުވަނީ ރިސޯރޓްތަކަށެވެ. އެހެންކަމުން އެމަސައްކަތްވެސް ގުޅިފައިވަނި ފަތުރުވެރިކަމާއެވެ. މީގެއިތުރުން އަންހެނުން ފަންގިވިނުމުގެ މަސައްކަތް ކުރެއެވެ. ރަށުން ފަން ނުލިބޭތީ އެމަސައްކަތް ކުރަނީ ފަނާއި, ރޯނުވެސް ގަނެގެންނެވެ. ރަށުގައި ދިރިއުޅޭ ގިނަ ބަޔަކު މަސައްކަތް ކުރަނީ ރަށުގައި ހުރި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކާއި ސަރުކާރުގެ ވަޒީފާތަކުގައެވެ.

މިރަށުގައި ފަސް ގެސްޓްހައުސް އެބަހުއްޓެވެ. އޭގެތެރެއިން ‘ބޯގަންވިލާ’ ގެސްޓް ހައުސް ސަޅިއެވެ. މިރަށުގައި މަޑުކޮށްލަން މިއީ ރަނގަޅު މާހައުލެކެވެ. ދިވެހި މުވައްޒަފުން ރަހުމަތްތެރި އެވެ. ކެއިން ބުއިމަށް ހޮޓާ ރެސްޓޯރަންޓްތައް އެބަހުއްޓެވެ. އެކަމަކު ‘ލެޝަރ އިން’ ގެސްޓްހައުސްގެ ތެރޭގައި ހުންނަ ކެފޭގެ ރަހަ މާ ރަނގަޅެވެ. އެތަނުގެ ޚިދުމަތްވެސް ބަރާބަރެވެ. ސާފްތާހިރު މިރަށުގައި މައިގަނޑު އޮންނަނީ ތިން މަގެވެ. ދެން ހުންނަނީ ގޯޅިތަކެވެ. މިރަށަށް ދަތުރުކުރަން ބަލާއިރު އެންމެ އިތުބާރު ނިޒާމަކީ ލޯންޗް ފެރީއެވެ. ‘ކޮރަލް ޓްރާންސްފަރ’ އަކީ އެންމެ ޔަގިންކަމާއެކު ބޮޑުފޮޅުދޫ އަށް ދަތުރުކޮށްލަން އޮތް މަގެވެ.