ޒަމާނީ ތަރައްޤީގެ ށ.މިލަންދޫގައި ގުދުރަތީ ގޮތުން އޮތް އެންމެ ހިތްގައިމު ތަނަކީ އެރަށުގެ ބަހުން ނަމަ ‘ސިކުނޑި ކުޅި’ އެވެ. ރަށުގެ އާއްމު މާހައުލުން ކުޅިއަށް ވަދެގެންދާއިރުވެސް ތަފާތު އިހުސާސެއް ކުރެވޭނެއެވެ. މުޅިން އެހެން ރަށަކަށް ދިއުން ފަދައެވެ.

ކުޅިއާ ހަމައަށް ދިއުމުގެ ކުރިން ގަސްތަކާއި ރުށްތަކުގެ ތެރެއިން ދާއިރު އެސަރަހައްދަށް ދޫކޮށްލާފައިވާ ގިނަ އަސްދޫނިތައް ކޮޅުކޮޅަށް ދުވެ އުޅޭ މަންޒަރު ހިތްގައިމެވެ. އެއީ އެސަރަހައްދުގެ ހިތްގައި ކަމަށް ޓަކައި, ގެންގުޅޭ އަސްދޫނި ތަކެވެ. ކުޅީގެ ފެންގަނޑުގެ ތެރެއަށް ސިމެންތި ޖެޓީއެއް އަޅާފައި އޮތުމުން ފެންގަނޑުގެ މެދަށް ދެވެއެވެ.ވަށައިގެން ބަލާއިރު ފެންނަނީ ފެންގަނޑުގެ ވަށައިގެން ފެހިކަން ގަދަ ގަސްތަކެވެ. ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އިހުސާސް ކޮށްދެއެވެ.
އެސަރަހައްދަށް މިނިވަންކަމާއެކު ދޫކޮށްލާފައިވާ އަސްދޫނިތައް ފެންގަނޑުގެ ތެރޭގައިވެސް އުޅެއެވެ. އެއީ ވަކިން ހިތްގައިމު މަންޒަރެކެވެ. ޖެޓީގައި ތިބެ އަސްދޫނިތަކަށް ކާންދިނުމަކީ ޝައުގުވެރި ކަމެކެވެ. ރަށަށް ޒިޔާރަތްކުރާ މެހުމާނުން އެންމެ ޝައުގުވެރިވާ ތަނަކީ އެއީއެވެ. އަދި އެންމެ ޝައުގުވެރިވާ ކަމަކީ އަސްދޫންޏަށް ކާން ދިނުމެވެ.

މިއީ ރަނގަޅަށް ތަރައްޤީކޮށް ނަފާ ހޯދޭނެ ސަރަހައްދެކެވެ. ގުދުރަތީ ރީތިކަން ޒަމާނީ ތަރައްޤީއާއެކު ފުރިހަމަ ކުރެވޭނެ ތަނެކެވެ. އެމަސައްކަތް ފަށާފައިވާކަން އަޅާފައިވާ ޖެޓީން ދޭހަކޮށްދެއެވެ. ނަމަވެސް އެޖެޓީ އެޅުމަށްފަހު މަސައްކަތް ކުރިއަށް ނުގޮސް އޮންނަތާ މަސްތަކެއް ވެއްޖެއެވެ. އެމަސައްކަތް ނިންމާ ފުރިހަމަ ކޮށްލުމުން މިލަންދޫ އަށް ޒިޔާރަތްކުރަން އިތުރު ސަބަބެއް މެދުވެރި ކުރެވުނީއެވެ. އޭގެ ސަބަބުން ރަށުގެ އިގްތިސާދަށްވެސް ނަފާވާނެއެވެ. އެއީ އޮތް ޕްލޭނެއްކަން ޔަގީނެވެ. މުހިއްމީ އަމަލީ ސިފަ އަވަހަށް ގެނެސް, އެބަދަލު އަވަސް ކުރުމެވެ. މިއީ ރާއްޖޭގައި އޮތް އެންމެ ރީތި, ތަފާތު އެއް ކުޅިއެވެ.
