ރާއްޖެ ޓްރާންސްޕޯރޓްސ ލިންކް (އާރުޓީއެލް) އިން ގުޅާލުމާ ހަމައަށް މަކުނުދޫ ރައްޔިތުން އެންމެ އަސާސީ ބޭނުންތަކަށް ކުރާ ދަތުރެއްގެ އެއް ކޮޅަށް އެންމެ މަދުން 4000 ރުފިޔާ ހޭދަވެއެވެ. އެއަގު އުޅެނީ ކޮޅަކަށް 4000-10000 ރުފިޔާ އާ ދެމެދުގައެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު އަގަށް ބަދަލު އާދެއެވެ. މިއީ ޞިއްހީ ސަބަބަކަށްޓަކައި ވިޔަސް, މާލެ ދިއުމަށް ކަމަށް ވިޔަސް ސަރަހައްދުގެ މައިރަށް ކުޅުދުއްފުށްޓަށް ދިއުމަށް އެކަހެރިކޮށް އޮތް މަކުނުދޫ ރައްޔިތުން އުފުލަން ޖެހުނު ތަކްލީފެވެ. ކުރަން ޖެހުނު ބޮޑު ހޭދައެވެ.

އެއަށް ނިމުން އައީ މިދިޔަ ސަރުކާރުން ހައިސްޕީޑް ފެރީގެ ނިޒާމުން އުތުރުގެ ތިން އަތޮޅު ގުޅާލުމުންނެވެ. އެނިޒާމާއެކު ފުރަތަމަ މަކުނުދޫން ކުޅުދުއްފުށްޓަށް ކަނޑައެޅި އަގަކީ ކޮޅަކަށް 350 ރުފިޔާއެވެ. ނަމަވެސް އެއީ މަކުނުދޫ ރައްޔިތުންނަށް އުފުލަން އުނދަގޫ ބުރަކައަށް ވާތީ އެއަގަށްވެސް ބަދަލު ގެނައެވެ.
އަޅުގަނޑުމެންނަށް ކުޅުދުއްފުށްޓަށް ދިއުމަށްޓަކައި ދަތުރުކުރާނެ ފަސޭހަ މަގެއް ލިބުނީ އާރުޓީއެލްގެ ނިޒާމުން. އަގުވެސް މަކުނުދޫއަށް ޚާއްޞަކޮށް ތިރިކޮށްދިން. ފުރަތަމަ ފެށިއިރު އަޅުގަނޑު ހަނދާން ވަނީ 350 ރުފިޔާއޭ, ނަމަވެސް މަކުނުދޫ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު އެއަގު 100 ރުފިޔާއަށް ކުޑަކޮށްދިން, ހަމަ ވަރަށް ހިތްހަމަޖެހޭ ކަމެއް އެއީ.
އައުޒަމް އާދަމް/ މަކުނުދޫ ކައުންސިލްގެ ރައީސް
ކައުންސިލް ރައީސް ވިދާޅުވީ މުޅީރާއްޖެއަށްވެސް އެންމެ ހިނިތުންވުން ގެނުވި އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ދަތުރުފަތުރުގެ ނިޒާމަށް ގެނެވުނު ބަދަލު ނުވަތަ އާރުޓީއެލްގެ ޚިދުމަތް ކަމަށެވެ. އެ ޚިދުމަތް މަކުނުދޫއަށް ވަރަށް ބޮޑަށް ޚާއްޞަވި ކަމަށާއި, ދަތުރުކުރުމުގައި މަކުނުދޫ ރައްޔިތުން އުފުލަމުން އައި ތަކުލީފް ކޮންމެ ކޮންމެ މީހަކަށް އިހުސާސް ނުކުރެވޭނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެއާއެކު މިހާރު މަކުނުދޫ ރައްޔިތުން ތިބީ އެއަޕޯރޓެއްގެ އުއްމީދުގައެވެ. ޑޮމެސްޓިކް އެއަޕޯރޓެއް ރަށުގައި އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ދައުރުގެ ތެރޭގައި ވަނީ ފަށާފައެވެ. ބިން ހިއްކުމުގެ %70 މަސައްކަތް މިހާރުވެސް ވަނީ މިފައެވެ. އެއާއެކު މިހާރު ލިބިފައިވާ ހިތްހަމަ ޖެހުމަކީ މިދިޔަ ސަރުކާރުން މަކުނުދޫގައި އަޅަން ނިންމި ވަރަށްވުރެވެސް ދިގު ރަންވޭއެއް އަޅަން މިސަރުކާރުން ނިންމަވާ އެޔަގީންކަން ސީދާ ރައީސް ޑރ.މުހައްމަދު މުއިއްޒު މަކުނުދޫ ރައްޔިތުންނަށް ދެއްވުމެވެ. މަކުނުދޫގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ އެއަޕޯރޓް މަޝްރޫއެވެ.

މީގެއިތުރުން އަސާސީ ޚިދުމަތްތްތައް ގާއިމްކުރުމަށް މިދިޔަ ދައުރުގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ދިން ޚާއްޞަ އިސްކަމާއެކު މަކުނުދޫގައިވެސް އެމަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. ނަރުދަމާގެ ކަނެކްޝަންގެ %90 ނިމި ފެންވެސް ގުޅާލުމާ ހަމައަށް އައިސްފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
އެކަހެރިކޮށް އޮތުމުން ނަގުދު ފައިސާ ނެގުމަށް އޮތް ގޮންޖެހުންވެސް ނިމުމަކަށް ވަނީ އައިސްފައެވެ. އޭޓީއެމް މެޝިން ބެހެއްޓި އެޚިދުމަތް މަކުނުދޫގައި މިހާރު ލިބެއެވެ. ސްކޫލް ޖާގައިގެ މައްސަލައަށް ހައްލެ ހޯދުމަށް މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެމަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށް ދަނިކޮށް, މަސައްކަތް ހުއްޓުނެވެ. ނަމަވެސް މިހާރު އެހެން ބަޔަކާ ހަވާލުކުރެވި އެކަށީގެންވާ ރަނގަޅު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

ކުޅީވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރަށު ހޭންޑްބޯޅަ ކޯޓްގެ މަސައްކަތް ފެށި ނަމަވެސް އެމަސައްކަތް ހުއްޓިފައި އޮންނަތާ އެތައް މަހެއް ވުމަކީ ކައުންސިލްގެ ކަންބޮޑުވުމެވެ.
ސަރުކާރުގެ މަޝްރޫޢުތަކުގެ އިތުރުން ކައުންސިލާ ގުޅިގެން ހިންގާ މަޝްރޫއުތަކާއި, ސީދާ ކައުންސިލްގެ މަޝްރޫޢުތަކާއި, ކައުންސިލާ އެހެން ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައްވެސް އެކި މަރުހަލާގައި އެބަހުއްޓެވެ. އޭގެތެރެއިން އެންމެ ބޮޑު އެއް މަޝްރޫއަކީ ކައުންސިލާ ސޮނޭވާއާ ގުޅިގެން ހަދާ އިމާރާތެއްގެ މަސައްކަތެވެ. ސޮނޭވާއިން ފަންޑްކޮށްގެން ހަދާ އިމާރާތަކީ ރާއްޖޭގައި ހެދޭ ފުރަތަމަ މެޓީރިއަލިސްޓިކް ސެންޓަރުގެ ގޮތުގައި ތަރައްޤީކުރެވޭ އިމާރާތެވެ. އަދި އެކަމަށް ބޭނުންވާ ޖެޓީއެއް އިމާރާތާ ދިމާގައި ވަނީ ހަދާފައެވެ.
ރަށުގެ ކުޑަކުދިންގެ ޕާރކްގެ ބޮޑުބައިވެސް ވަނީ ނިމިފައެވެ. ކުރިއަށް އޮތީ ލައިޓް އިންސްޓޯލް ކުރުމަށްފަހު ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. މިހާރުވެސް ކުދިން އަންނަނީ ޕާކް ބޭނުން ކުރަމުންނެވެ. މީގެއިތުރުން ސަރުކާރުން ތަކެތި ދިނުމުން ކައުންސިލުން މަސައްކަތް ކޮށް ޖިމްގެ ޚިދުމަތްވެސް ވަނީ ދޭން ފަށާފައެވެ.

މީހުން ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަކުނުދޫގައި ކުރިއަށްގެންދިޔަ އެންމެ މުހިއްމު އެއް ޕްރޮޖެކްޓަކީ ގްރީން ހައުސް ޕްރޮޖެކްޓް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ގްރީންހައުސް ޕްރޮޖެކްޓަކީ ދަނޑުވެރިކަން ތަރައްޤީކުރުމަށްޓަކައި އެންމެ ރަނގަޅަށް މަކުނުދޫގައި ހިންގި އެއް ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ތަމްރީނުވެ, ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވުނުކަން ކައުންސިލުން ފާހަގަކުރައްވައެވެ.
އޮޑިދޯނިފަހަރުގެ ރައްކާތެރިކަމަށް ޓަކައި އެންކަރ ބްލޮކްތައް ފަޅުތެރެއަށް ފެއްތުމުގެ މަސައްކަތްވެސް އެއީ ރަށުގެ އޮޑިވެރިންނަށް ޚާއްޞަކޮށް ކައުންސިލުން ކުރި މުހިއްމު މަސައްކަތެވެކެވެ. މުޅި ރަށަށް އަލިވާނެ ގޮތަށް މަގުބައްތިތައް އެއްކޮށް ބަދަލުކޮށް އަދި އަލަށް އާބާދުވާ ސަރަހައްދުގައި ބައްތި ޖަހަން ބޭނުންވާ ސާމާނުވެސް ކައުންސިލުން ވަނީ ރަށަށް ގެނެސްފައެވެ. ކައުންސިލް ރައީސް ވިދާޅުވީ ކައުންސިލް އިންތިޚާބުވިއިރު ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއްކަމަކީ ސަހަރާ ވަށާފާރެވެ. ކައުންސިލްގެ މިދައުރުގައި އެމަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
އުއްމީދު ކުރަނީ މިކުޑަދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށްވެސް އަދި ސަރުކާރަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފަ އޮތްކަމަށް. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑުމެންގެ ތެރޭގައި ގިނަބަޔަކު އެކްސްޕެކްޓް ނުކުރާވަރުގެ ލެވެލްއަށް ކަންތައްތައް ގެންގޮސްދީފަ އެބަހުރި.
އައުޒަމް އާދަމް/ މަކުނުދޫ ކައުންސިލްގެ ރައީސް
މިވަގުތު މަކުނުދޫ އަށް އޮތް އެންމެ ދަތިކަމަކީ ކަރަންޓްގެ ނިޒާމް އޮތް ގޮތެވެ. ކައުންސިލުން ގަބޫލުކުރައްވާ ގޮތުގައި ރަށުގެ ކަރަންޓްގެ ހާލަތު އަދި އޮތީ ރައްޔިތުން ހިތްހަމަޖެހޭ ހާލަތެއްގައެއް ނޫނެވެ. ބޭސިކް ލެވެލްގައި ކަރަންޓް ބޭނުންކުރަން ބައެއް ސަރަހައްދުތަކުގައި ދަތިކަން އެބަހުރިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ ދިރިއުޅުމުމާ ގުޅިފައިވާ އެންމެ އަސާސީ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ދޫކުރުމުގެ މަސައްކަތްވެސް ދަނި ކުރަމުންނެވެ. މިބުރުގެ އެންމެ ފަހު 9 ގޯތީގެ ގުރު ނެގުމާއެކު 215 ގޯތި ދޫކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ.