ފޮއްދޫ: ނ.އަތޮޅުގައި ލޯކަލް ޓޫރިޒަމްގެ އެއްވަނަ

804

މިރަށުގައި ފަތުރުވެރިކަމަށް ޚާއްޞަ 75 އެނދު އެބަހުއްޓެވެ. އޭގެތެރެއިން 66 އެނދަކީ ގެސްޓްހައުސްގައި ހުރި އެނދެވެ. ރަޖިސްޓްރީކޮށްގެން ހިންގަނީ 3 ގެސްޓް ހައުސްއެވެ. އޭގެތެރޭގައި އެންމެ މަތީ ފަންތީގެ ގެސްޓް ހައުސް ހިމެނެއެވެ. އިތުރު ގެސްޓް ހައުސްތައް އިމާރާތް ކުރުމުގެ އެކި މަރުހަލާގައި އެބަހުއްޓެވެ.

ފޮއްދޫގައި ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދު

ފަތުރުވެރިންނަށް ޚާއްޞަ ސަރަހައްދުތައް ރަށުގައި އެބަހުއްޓެވެ. ފަތުރުވެރިން ޝައުގުވެރިވާނެ ރީރި ބީޗާއި, މޫދެވެ. ގުދުރަތީ ގޮތުން ހިތްގައިމު ސަރަހައްދުތަކެވެ. ފަތުރުވެރިކަމުގައި އަދިވެސް ފޮއްދުއަށް އޮތީ ކުރިއެރުމެވެ. ރަށު ކައުންސިލުން ވަނީ 16000 އަކަފޫޓްގެ ބިމަކާއި, 10000 އަކަފޫޓްގެ ބިމެއްވެސް ފަތުރުވެރިކަމަށް ޚާއްޞަކޮށް ބިޑަށް ލާފައެވެ.

އަޅުގަނޑުމެން މިބަލަނީ ކުރިއަށް އޮތް މުސްތަޤްބަލްގައި އިރާދަކުރެއްވިއްޔާ މިރަށް ފައްކާވަމުންގޮސް މިހާރު މިހުރި ކުދިކުދި ކަންކަންވެސް ހައްލުވެގެންދާނެ ކަމަށް. ވަރަށްބޮޑު އާމްދަނީއެއްތާ ރަށަށްލިބޭ.

އަހުމަދު އިމްރާހު/ ފޮއްދޫ ކައުންސިލްގެ ނައިބު ރައީސް

ރަށުގެ ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. އެއަޕޯޓާ ދުރުވުމުން ފަތުރުވެރިން ރަށަށް އައުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމެވެ. އަދި ޚަރަދުވެސް ބޮޑުވުމެވެ. މިއީ ކުޑަ ރަށެކެވެ. އާބާދީވެސް މަދެވެ. 24 ހެކްޓަރުގެ މިރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި އޮންނަނީ މައިގަނޑު ތިން މަގެވެ. ރަށުގެ އާބާދީ އަކީ 490 އެއްހާ މީހުންނެވެ. 500 ހަމައެއް ނުވެއެވެ. އޭގެތެރެއިން ސްކޫލްގައި ކިޔަވާދަރިވަރުންގެ އަދަދަކީ 62 އެވެ. ގްރޭޑް 10 އަށް ކިޔަވައިދެއެވެ. ގްރޭޑް 10 ގައި ކިޔަވަނީ އެންމެ 6 ދަރިވަރުންނެވެ.

ފޮއްދޫ ފެނަކަ އޮފީހުގެ އާ އިމާރާތް

އާބާދީ މަދަސް ތަރައްޤީގައި މިރަށުގައިވެސް ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. ފެނާއި ނަރުމަދާގެ ޚިދުމަތް ދެއެވެ. ފެނަކަ އިންޖީނުގެއާއި އޮފީސް އާ އިމާރާތެއް ގާއިމްކޮށް, ޚިދުމަތް ވަނީ ބަދަލުކޮށްފައެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ތޮށްޓެއް ވަނީ ލާފައެވެ. ސްކޫލަށް އިތުރު ކުރެވޭ ހަތަރު ކްލާސްރޫމް ހިމެނޭ އިމާރާތުގެ މަސައްކަތް ފެށިޔަސް އެމަސައްކަތް ނިންމައެއް ނުލެވެއެވެ. ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ވަނީ ގާއިމްކޮށްފައެވެ. އެކަމަކު ރަނގަޅު ވަޞީލަތް ނެތުމުން ކުނި ނައްތާލުމުގައި އަދި ފުރިހަމަ ހައްލެއް ނުހޯދެއެވެ.

ނ.ފޮއްދޫ ގެސޓްހައުސް ހިމެނޭ ސަރަހައްދެއް

މިވަގުތު ރަށަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަޅުގެ ދަތިކަމެވެ. ކައުންސިލްގެ ނައިބުރައީސް އަހުމަދު އިމްރާހު ވިދާޅުވީ ކުޑަ އާބާދީއަކަށް ބަލާއިރު ހައްލުނުވެ އޮތް ހަމައެކަނި ކަމަކީވެސް ފަޅެއްގެ ކަންތައް ކަމަށެވެ. ރަށުގައި އަރާ ފައިބަން ބޭނުންކުރަނީ ޖެޓީއެކެވެ. ނަމަވެސް އެއީ ހުރިހާ މޫސުމަށް ބޭނުންކުރެވޭ ޖެޓީއެއް ނޫނެވެ. އެކަމަށް ހައްލު ގެނައުމަށް އެމްޓީސީސީއާ ވަނި ހަވާލުކޮށްފައެވެ.

ފޮއްދޫގައި އަރާފައިބަން ބޭނުންކުރާ ޖެޓީ

މިރަށުގެ ގިނަ މީހުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އީދާއި ބޮޑަތި ބަންދަށް މިރަށަށް ބާރުބޮޑެވެ. ޚައްޞަކޮށް އީދުގައި ސަގާފީ ކުޅިވަރުތަކާއި އެހެން ގިނަ ކުޅިވަރުތައް އޮންނަކަމަށް ކައުންސިލުން މައުލޫމާތު ދެއްވިއެވެ. މިއީ ނ.ފޮއްދޫ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.