ރަށުގައި މާރުކޭޓްތަކާ އެއްޗިހި އުފެދި, ގިނަ މީހުން ރަށަށް އައިސް, ރަށުގެ މާރުކޭޓުން އެއްޗިހި ގަތުމަކީ ވަރަށްބޮޑު އުއްމީދެއް.
އަޒުހީމާ ޢަބްދުالله / ށ.ގޮއިދޫ ދަނޑުވެރިއެއް
މިއީ ށ.ގޮއިދޫ ދަނޑުވެރިއެއް ކަމަށްވާ އަޒުހީމާ އަބްދުالله ގެ ތަސައްވަރެވެ. ދަނޑުވެރިކަމުގައި ދެކެން ބޭނުންވާ ދުވަހެވެ. ދަނޑުވެރިކަމުން ރަށަށް ‘ވަރަށްބޮޑު’ ކުރިއެރުމެއް ލިބުމަށްވުރެ ބޮޑު އުއްމީދެއް ރަށާ މެދު ނެތެވެ. ގޮއިދޫއަކީ ދަނޑުވެރި ރަށެކެވެ. 300 އެއްހާ ދަނޑު ބިމުގައި ރަށުގެ ރައްޔިތުން ދަނީ ދަނޑުވެރިކަން ކުރަމުންނެވެ. އަޒުހީމާ އަކީ އޭގެތެރެއިން އެކަކެވެ.

ދަނޑުވެރިކަމުގައި އަޒުހީމާ ދިހަ ވަރަކަށް އަހަރު ހޭދަކޮށްފިއެވެ. އަދިވެސް އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. އެމަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލިބޭކަމަށް ގަބޫލުކުރެއެވެ. ނަމަވެސް ގޮންޖެހުން ބޮޑެވެ. ބޮޑަތި ގެއްލުންތައްވެސް ކުރިމަތިވެއެވެ.
ދަނޑުވެރިކަމުގައި އެންމެ ބޮޑު އުނދަގުލަކީ ދަނޑުވެރިކަމަށް ބޭނުންވާ ބޭސް ރަށުން ގަންނަން ނުލިބުމެވެ. ބައްޔެއް ޖެހޭ ކޮންމެ ފަހަރަކު އެކި މީހުން ކައިރި އަހައިގެން މާލެއިން ބޭސް ހޯދައިގެން ގެނެސް ފަރުވާ ކުރަން ބަލާއިރު މުޅި ދަނޑަށް އޮންނަނީ ބަލި ފެތުރިފައެވެ.
ބައްޔަށް ބޭސް ހޯދަން އެހާ ދިގު މުއްދަތެއް ނަގާތީ ބޭސް ލިބި, ބައްޔަށް ރަނގަޅު ފަރުވާ ނުކުރެވި އުޅެނިކޮށް މުޅި ދަނޑުތެރެއަށް ބަލި އޮންނަނީ ފެތުރިފަ.
އަޒުހީމާ ޢަބްދުالله / ގޮއިދޫ ދަނޑުވެރިއެއް
އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގޮދިއޫ ކައުންސިލުން މައުލޫމާތު ދެއްވިއެވެ. އެގޮތުން ބޭސްވެސް ހިމެނޭ ގޮތަށް ދަނޑުވެރިކަމަސް ބޭނުންވާ ސާމާނު ރަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެއީ އަޒުހީމާ ފަދައިން ގޮއިދޫގެ ދަނޑުވެރިންގެ ވަރަށް ބޮޑު އުއްމީދެއް ފުރިހަމަވެ, ދަނޑުވެރިކަމުން ލިބޭ ގެއްލުން ކުޑަވެ ނަފާ އިތުރުވާނެ ކަމެކެވެ.