ކޮވިޑްގެ އާލަމީ ވަބާގައި ރައްޔިތުން ރަށު ބަންދުވި ހިނދު ވަރަށްގިނަ ރަށްރަށުގައި ޒުވާނުންނާއި, ހަރު މީހުންވެސް ގުޅިގެން އިޖުތިމާއީ ތަފާތު މަސައްކަތްތައް ކުރިއެވެ. ރަށަށް އޭގެ ސަބަބުން ފައިދާ ކުރަނިވި, ރަށަށް ގިނަ ބަޔަކު ޒިޔާރަތްކުރާނެ ސަބަބުތަކެއް އުފަންކުރިއެވެ. ށ.އަތޮޅު ގޮއިދޫ ‘ފުއްޓަރު އަށި’ މިއީވެސް އެފަދަ ވިސްނުމެއްގެ ތެރެއިން މިއަދު ފެންނަން ހުރި ވަރަށް ހިތްގައިމު ސަޅި ތަނެކެވެ.

ބިންބޮޑު ކަނޑޫފާ ހިމެނޭ ރަށުގައި ފުއްޓަރު އަށި ތައްޔާރުކޮށްފައިވަނީ ކަނޑޫފާ ހިމެނޭ ޗަކަބިން ސަރަހައްދުގައެވެ. އެސަރަހައްދަށް އަރާ ހަމަވާއިރު މަސްފެންގަނޑުގައި މިނިވަންކަމާއެކު އުޅޭ ތަފާތު ވައްތަރުގެ މަސްތަކުން ހިތްހަމަޖެހުން ލިއްބައިދެއެވެ. އަސްދޫންޏަށް އަޅާފައިވާ އަސްދޫނި ގެއިން ނިކުންނަ އަސްދޫނިތައް އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކާ ރަހުމަތްތެރިއެވެ. މިނިވަން މާހައުލެއްގައި އަސްދޫނިތައް ވަނީ ދޫކޮށްލާފައެވެ.

ފުއްޓަރު އަށްޓަށް ދިއުމަށް ތައްޔާރުކޮށްފައިވާ ފާލަމުގެ ބޭރުގައި މަގަށް ވާގޮތަށްވެސް ވަނީ ގޮނޑި ޖަހާފައެވެ. އަދި އެތަނުގައި ތައްޔާރުކޮށްފައިވާ މަސްފެންގަނޑުގައިވެސް ގިނަ ބާވަތްތަކުގެ މަސްތައް ހުރުމުން ތަނުގެ ހިތްގައުމުކަން ބޮޑުވެ, ޝައުގުވެރިކަން އިތުރުވިއެވެ. ފާލަމަށް އަރާއިރު އެއްފަރާތުގައި ބަހައްޓާފައިވާ ބޯޑަށް ސަމާލުކަން ހުއްޓުނެވެ.
ފުށްޓަރު އަށި މިއީ ރަށަށް ހެޔޮއެދޭ ގްރޫޕަކުން އިސްނަގައިގެން, ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކީގައި ތަރައްޤީކޮށްފައިވާ ތަނެއް.
ބޯޑްގައި ލިޔެފައިވާ އިބާރާތް
ބޯޑްގައި ލިޔެފައިވާ އިބާރާތް ވެގެންދިޔައީ ހަގީގަތުގައިވެސް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނު އިބާރާތަށެވެ. އިޖުތިމާއީ މަސައްކަތެއްކަން ޔަގީންކުރެވުމުންނެވެ. ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާ ކަމަށް ވާތީއެވެ. މިތަނަށް އަންނަ ބައެއް ދޫނިތަކުގެ ނަންތައްވެސް ބޯޑްގައި ލިޔެފައިވެއެވެ. ފާލަމުން އަރައިގެން ކުރިއަށް ދާވަރަކަށް ލިބެމުން ދިޔައީ ހިތްހަމަ ޖެހުމެވެ. ދެފަރާތުގައިވެސް ގަސްތަކެވެ. ކަނޑޫ ގަސްތަކާއި, ބްރެވި ގަސްތަކެވެ. މަދު އަދަދަކަށް ތެލަ އާއި އެނޫން ބައެއް ބާވަތްތަކުގެ ގަސްތަކެވެ. ފާލަމާއި މުޅި ސަރަހައްދުވެސް ތައްޔާރުކޮށްފައިވަނީ ގުދުރަތީ ވެއްޓަށް ގެއްލުން ނުވާނެހެން, ގުދުރަތީ މާހައުލު ފުރިހަމައަށް ތަޖުރިބާ ކޮށްލެވޭނެހެން, ގުދުރަތީ މާހައުލުގެ ހިތްގައިމުކަން ބޮޑުވާނެ ގޮތަށެވެ.

ތަނުގެ ސާފްތާހިރުކަމަށް ދީފައިވާ ސަމާލުކަންވެސް ވަރަށްބޮޑަށް ފާހަގަކުރެވުނެވެ. ޚާއްޞަކޮށް އަމިއްލަ އިސްނެގުމަށް އެތަން ސާފްތާހިރުކޮށް ބަލަހައްޓާ ޒުވާނެއްގެ ވާހަކަ ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. ފާލަމުގެ ބައެއް ހިސާބުތަކުގައިވެސް އިށިއިނދެވޭގޮތަށް ހުރީ ގޮނޑިތައް ބަހައްޓާފައެވެ.

ފާލަމުން އަރައިގެން ގޮސް ކޮޅުގައި ސިޑިން މައްޗަށް އަރާގޮތަށް ތައްޔާރުކޮށްފައި ވަނި އަށްޓެކެވެ. ވަށައިގެން ގޮނޑި ޖަހާފައެވެ. އެތަނުގައި ކޮފީއާއި ކެއުންތަކަށް އިންސާފް ކުރެވޭނެ ގޮތަށް ވަނީ ތައްޔާރުކޮށްފައެވެ. އެތަނުގައި މަޑުކޮށްލައިގެން އިރު އަރާ މަންޒަރު ބަލާލެވޭނެއެވެ. މޫދައި އުޅޭ މަސްތައް ރީތިކޮށް ފެނެއެވެ. ބޮޑަތި ރާޅުތައް ބިންދާ މަންޒަރާ އަޑު އިވެއެވެ. ރަށެއްގެ ފުއްޓަރު ނިކަން ރީތިކޮށް ފެނެއެވެ, އިހުސާސް ކުރެވެއެވެ.

ހަގީގަތުގައިވެސް މިއީ ގުދުރަތީ ގޮތުން މުއްސަނދި, ގުދުރަތީ މާހައުލެއްގެ ފުރިހަމަ ހިތްހަމަޖެހުން ލިބޭނެ އެތަޖުރިބާ ރަނގަޅަސް އިހުސާސް ކުރެވޭނެ ތަނެކެވެ. މިއީ ށ.ގޮއިދޫ ފުއްޓަރު އަށްޓެވެ.
