ރަށުގެ ތަރައްޤީއާ ގުޅޭ ސުވާލެއް ކޮށްލުމުން ށ.މިލަންދޫ ކައުންސިލްގެ ނައިބު ރައީސް ސައިފުالله އުސްމާން ވިދާޅުވީ މިހާރު އާދެވިފައި މިތިބީ އާ ރަށަކަށް ކަމަށެވެ. ތަރައްޤީގައި މިލަންދޫ އަކީ މިހާރު މުޅިން އާރަށެއް ކަމަށް ވިދާޅުވެ ފަހަރަކު ކަމެއްގެ ތަފްސީލް ހިއްސާކުރައްވަން ފެއްޓެވިއެވެ.

ފުރަތަމަ ފެށީ ޒަމާނީ ފެންވަރަށް ހަދާފައިވާ މަގުތަކާ ހިސާބުންނެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ހެދުން ކައުންސިލް ނައިބު ރައީސް ސިފަކުރެއްވީ މިލަންދޫގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައެވެ. ރަށަށް އެންމެ މުހިއްމު, ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި, އެންމެ ފަސޭހަ އެއް ޕްރޮޖެކްޓަކަށް މަގު ހެދުމުގެ ޕްރޮޖެކްޓް ވާނެ ކަމަށް ވިދާޅުވިއެވެ. ފެނަކައިގެ އާ އިމާރާތަކީ ރަށުގައި ހުރި އެންމެ ރީތި އެއް އިމާރާތެވެ. އެތަން މުޅިން ނިމި ޚިދުމަތުގައި ބޭނުންކުރަމުން ދާ ދިއުމަކީވެސް މިދިޔަ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރަށަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ކައުންސިލްގެ ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ބޯހިޔާވަހިކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑު އެއް މައްސަލަ އެވެ. އެމައްސަލަ އަށް ހައްލެއް ހޯދުމަށް މިދިޔަ ދައުރުގައި ފެށި 50 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މަސައްކަތް ނުހިނގާ އެއްވެސް ޔުނިޓެއް ނެތްކަމަށް ކައުންސިލް ނއިބު ރައީސް ވިދާޅުވިއެވެ. އެމަސައްކަތް ކުރަމުން ދަނީ މަސައްކަތުގެ ތަޖުރިބާ ބޮޑު ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ.
އާ ބަނދަރެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ތިމާވެށީގެ ބޮޑަތި މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާ މިލަންދޫގެ އެމައްސަލަތައް ހައްލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ރަށްގިރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްވެސް ‘ނުހުއްޓި ހަމަ ބާރަށް ކުރިއަށް އެބަދާ’ ކަމަށް ކައުންސިލް ނައިބުރައީސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމަސައްކަތް ކުރިއަށް ދަނީ ރައްޔިތުން ހަމަ ބޭނުންވިގޮތަށް ކަމަށެވެ.

މިލަންދޫއަކީ ކުޅިވަރުގެ ރަށެކެވެ. ހަވީރުގެ ވަގުތު މިލަންދޫގެ ކުޅިވަރުގެ ހުރިހާ މައިދާނެއްގައިވެސް ދެޖިންސްގެ ޒުވާނުންނާއި, ސްކޫލް ދަރިވަރުން އެކި ކުޅިވަރުތައް ކުޅުމުގައި ހަރަކާތްތެރިވަމުން ދެއެވެ. މިލަންދޫގެ ބޮޑު ބޮޑުފުޓްބޯޅަ ދަނޑުގެ މަސައްކަތް މުޅިން ނިންމައިފި އެވެ. ރޮސްޓްރަމްއާއެކު ލައިޓްވެސް ޖަހާ ދަނޑު ވަނީ ކައުންސިލާވެސް ހަވާލުކޮށްފައެވެ. ފުޓްސަލް ދަނޑަކާއި, ހޭންޑްބޯޅަ ކޯޓަކާއި, ވޮލީ ކޯޓެއްގެ މަސައްކަތް ކުރިއަށް ދާކަމަށް ކައުންސިލުން މައުލޫމާތުދެއްވިއެވެ. ‘ހަމަ ބާރަށް ކުރިއަށް އިރާދަކުރެއްވިއްޔާ އެބަދޭ’ ކައުންސިލް ނައިބު ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ސްކޫލް ޕްލޭގްރައުންޑްގެ މަސައްކަތް މުޅިން ވަނީ ނިމިފައެވެ.

ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމުގެ މަސައްކަތުގެ މައިގަނޑު ބޮޑުބައިވެސް މިލަންދޫގައި ވަނީ ނިމިފައެވެ. އެތަނަށް ބޭނުންވާ ކުޅޭ ސާމާނު ގަތުމަށް ބަޖެޓްވެސް ކައުންސިލަށް ލިބިފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެތަނުގައި ކުޑަކުދިން ކުޅެން އަޅާ ކުޑަ ދެ ދަނޑުގެ ޓާފްވެސް މިހާރު ހުރީ ރަށުގައެވެ. ‘އެއީ މިދިޔަ ސަރުކާރުން ކުޑަކުދިންނަށްޓަކައި ކޮށްދިން ވަރަށް އަގުބޮޑު މަސައްކަތެއް.’ ކައުންސިލް ނައިބު ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ހަމަ ނިމިދިޔަ ފަސް އަހަރުގައި މި މިލަންދޫގެ ރައްޔިތުން ބަލައިގަންނަ ވަރަށް ވަރަށްގިނަ މަސައްކަތް ހުރީ ނިމިފަ. ބައެއް މަސައްކަތްތަކަކީ އެމަސައްކަތްތަކުގެ ގޮތުން ވަގުތު ނަގާ މަސައްކަތްތަކަށްވީމަ ހަމަ ކުރިއަށްދަނީ ހަމަ މިހާރު.
ސައިފުالله އުސްމާން/ މިލަންދޫ ކައުންސިލްގެ ނައިބުރައީސް
ކައުންސިލް ނައިބު ރައީސް ފާހަގަކުރެއްވި ގޮތަށް ބައެއް މަސައްކަތްތައް ހުރީ ހުއްޓިފައެވެ. އެގޮތުން ހުއްޓިފައިވާ އެންމެ ބޮޑު ޕްރޮޖެކްޓަކީ ހޮސްޕިޓަލްގެ މަސައްކަތެވެ. އެ މަސައްކަތް އަވަހަށް ފެށުމަކީ ރައްޔިތުންގެ ވަރަށްބޮޑު އުއްމީދެކެވެ.

ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އަދި މަސައްކަތް ނުފެށި އޮތް ދެ ޕްރޮޖެކްޓެއްވެސް އެބައޮތެވެ. އެއީ ބޮޑު މިސްކިތެއް އެޅުމާއި, މިސަރުކާރުން މިލަންދޫ ރައްޔިތުންނަށް ވެފައިވާ އެއަޕޯރޓް ވައުދެވެ. ކައުންސިލް ނައިބު ރައީސް ވިދާޅުވީ ‘އުއްމީދުކުރަނީ އެކަމުގައި ވީހާވެސް އަވަހަށް ހަގީގީ ކުލަ ޖެހިގެން ދާނެ ދުވަހަކަށް’ ކަމަށެވެ. މީގެއިތުރުން ހުރިހާ ވަސީލަތްތަކާއެކު އިންޑޯ ކުޅިވަރުކުޅެވޭނެ އިމާރާތަކަށް ޒުވާނުން އުއްމީދު ކުރެއެވެ.
ނޯޓް: ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީއެވެ. ރިޕޯރޓްގައި ބޭނުންކޮށްފައިވާ ވީޑިއޯ އަކީ 30 ޖެނުއަރީ 2024 ވަނަ ދުވަހުގެ ވީޑިއޯ އެވެ.