ބައެއް މީހުން އަޅުގަނޑުމެންނާ އެހެން މީހުންނާ ވަރަށް ތަފާތުކުރޭ. ބުނެވޭ ބަސްތަކުން އަޅުގަނޑުމެންގެ ހިތުގައި ޖެހޭ,
މިއީ ހދ.މަކުނުދުއަށް އުފަން އަހުތިމް ހަސަން (އަހުއްޓެ)ގެ ވާހަކަ އެވެ. އުފަންވީ އިރުވެސް ހިނގުމާއި, ހެލިފެލިވެ އުޅުމުގައި ޢާއްމު އެހެން ކުދިންނާ ތަފާތު އުނދަގޫކަމެއް ތަހައްމަލު ކުރަމުންދާ އަހުތިމްގެ ވާހަކަ އެވެ. މިހާރު 21 އަހަރުގެ އަހުތިމް އަކީ އަތުގެ ހަރަކާތް ކުރުމާއި, އެއްޗިހީގައި ހިފާ ހަދަންވެސް އުނދަގޫ ޒުވާނެކެވެ. ވާހަކަ ދެއްކުމުގައިވެސް އުނދަގޫކަން ތަހައްމަލުކުރަމުން ދިޔަނަމަވެސް އަހުތިމްގެ ހިތްވަރަށް ސާބަހެވެ. މިއީ ޢާއްމު ދިރިއުޅުމަކަށް ގަދަ ހިތްވަރާއެކު މަސައްކަތްކުރާ ޒުވާނެކެވެ.

އެއްތަނުން އަނެއްތަނަށް ގޮނޑީގައި ނުވަތަ ތިންފުރޮޅުލީ އުޅަނދުގައި ދަތުރުކުރަން ޖެހުނަސް ދިރިއުޅުމަށްޓަކައި ޢާމްދަނީ ހޯދަން ވަޒީފާ އަދާކުރެއެވެ. އަހުތިމް އަކީ މަކުނުދޫ ފެނަކަ ބްރާންޗްގެ މުވައްޒަފެކެވެ. ލިޔަން އުނދަގުލަސް, ދުވަހުގެ ރިޕޯރޓްތައް ތައްޔާރުކުރުމާއި, އެހެން ބައެއް އިދާރީ މަސައްކަތްތައްކޮށް, އަހުތިމް ސާބިތުކޮށްދެނީ ވަޒީފާ އަދާކޮށްގެން ދިރިއުޅެވޭނެކަމެވެ. ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުން ރަށުގެ ފެނަކަ ބްރާންޗުން ވަޒީފާ ހަމަޖެހުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އަހުތިމްގެ ތައުލީމީ ހަޔާތަކީވެސް އުފާވެރި ތަޖުރިބާއެއް ނޫނެވެ. 2017 ވަނަ އަހަރު އެކްސިޑެންޓެއްވެ, ކިޔެވުން މަތިން މުޅިން ފޫހިވީ އެވެ. ތައުލީމީ ދަތުރު ވަކި ހިސާބަކުން ނިންމާލިޔަސް އޭނާފަދަ އެހެން ކުދިންނަށް އަހުތިމް ދޭ މެސަޖަކީ ހިތްވަރާއެކު ތައުލީމް ހާސިލްކުރަން މަސައްކަތްކުރުމެވެ. އަހުތިމްގެ ކުޑައިރުގެ ދުވަސްތަކާއި, ސްކޫލް ދައުރުގެ ދުވަސްތައް ހޭދަކުރީ މައިންބަފައިންނާއި, ސްކޫލް ޓީޗަރުންގެ އެހީތެރިކަން އިންތިހާއަށް ލިބިގެންނެވެ. ކްލާސްރޫމަށް ވަދެނިކުމެ ހެދުމާއި, ގޮނޑީގައި އިށިއިނުމާ ހަމައަށް އެމީހުން އެހީތެރިވިއެވެ. ނަމަވެސް ބުލީ ކުރުމާއި, ހިތްދަތި ބަސްތައް އަޑުއަހަން ޖެހުނުހަނދާންތައް މިއަދުވެސް އާވާކަން ފާހަގަކުރިއެވެ. އެހަނދާންތަކާއެކު އަހުތިމް އެދެނީ އޭނާފަދަ ކުދިންނަށް އެހީތެރިވުމަށެވެ.
ބުނެލަން ބޭނުންވަނީ އަޅުގަނޑުމެން ކަހަލަ ޑިސްއެބިލިޓީ ކުދިން ބާކީ ނުކުރާށޭ. ހަމަ އެކުދިންނަށްވެސް ވަޒީފާގެ ފުރުޞަތު ދޭށޭ. އެކުދިންނަށްވެސް ވަޒީފާގެ ކަންތައްތައްވެސް ކުރެވޭނޭ.
އަހުތިމް ހަސަން
އުފަން ރަށުގެ މުޖުތަމައުން އަހުތިމް ބަލައިގަނެ, މުޖުތަމައުގެ ތެރޭގައި ދިރިއުޅެން މިއަދު އޭނާއަށް އުނދަގުލެއްނޫނެވެ. އޮފީހުގެ މާހައުލުންވެސް އޭނާއަށް ލިބެނީ އެހީތެރިކަމާއި އެއްބާރުލުމެވެ. އޮފީސް މާހައުލު އަހުތިމްއަށް ވަދެނިކުމެ އުޅެން ފަސޭހަ މާހައުލަކަށް ބަދަލުވެއްޖެ އެވެ. ސިޑިން އަރާ ފައިބަން ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއް ހުއްޓަސް, އޭނާގެ އުޅަނދާއެކު އޮފީސް އމާރާތުގެ ދޮރާ ހަމައަށް ދެވެއެވެ. އުނދަގުލުން ދިހަ ވަރަކަށް ފޫޓަށް ހިނގާލައިގެން އޮފީސް މާހައުލާއި ރަށުގައިވެސް ހަރަކާތްތެރިކޮށް ދިރިއުޅެވޭތޯ އަހުތިމް އެދަނީ ހިތްވަރާއެކު މަސައްކަތްކުރަމުންނެވެ.
