ހަތަރު މީހުންގެ މިއާއިލާ އަކީ އެއް ކޮޓަރީގައި ދިރިއުޅޭ އާއިލާ އެކެވެ. މިފަދަ އެތައް އާއިލާއެއް އަދި މިއަށްވުރެ ދަތި ހާލުގައި އުޅޭ އާއިލާތައްވެސް މާލޭގައި ދިރިއުޅެ އެވެ. ޅ.ކުރެންދޫ އިބްރާހީމް އާރިފްގެ މިއާއިލާގެ ހަތަރު މެމްބަރުން ދިރިއުޅެނީ އެއް ކޮޓަރިއެއްގަ އެވެ. އަމިއްލައަށް ކޮޅަށް ނުހުރެވޭ, ނުކުޅެދޭ ކުއްޖަކަކާ އެކު ދެ ދަރިން ގޮވައިގެން އެއް ކޮޓަރީގައި ދިރިއުޅޭ މިއާއިލާއިން ކުރާ އުއްމީދަކީ ބޯހިޔާވަހިކަމެއް ލިބުމެވެ.
މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމުން 3 ކޮޓަރީގެ ފްލެޓެއް ލިބޭނެކަމަށް ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ފްލެޓް ހުރި ޓަވަރު ނަމްބަރާއި, އެޕާޓްމަންޓް ނަމްބަރާއި, ފަންގިފިލާވެސް އާރިފަށް އިނގެއެވެ. އެކަމަކު ނޭންގެނީ އެ އެޕާރޓްމަންޓަށް ވަދެވޭނެ ކަމެވެ. ފްލެޓް ދޫކުރުން އޭސީސީން ހުއްޓުވީ ގޯސްކޮށް އުޞޫލާ ހިލާފަށް ފްލެޓް ދިނުން ކުރިއަށް ގެންދާކަމަށް ބުނެއެވެ.
ނަމަވެސް އެއީ ސަރުކާރަކުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ގެޒެޓްކޮށްފައި އޮތް ލިސްޓެކެވެ. ގެޒެޓްކޮށްފައި އޮތް ލިސްޓަކަށް އިހުތިރާމް ކުރއްވާނެ ކަމަށާއި, އެއްވެސް ރައްޔިތަކަށް އުއްމީދެއް ލިބޭ ހިސާބަށް ގޮސްފައިވާނަމަ އެގޮތަކަށް އެކަން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އޮތީ ދެއްވާފައެވެ. މިއާއިލާ ތިބީ އެއުއްމީދާ ޔަގީންކަމުގައެވެ. ނަމަވެސް މިހާރު ސަރުކާރުގެ ރާގުވެސް ބަދަލުވެ, ކުރިން ގެޒެޓްކޮށްފައިވާ ލިސްޓާމެދު އަމަލުކުރާނެ ގޮތެއްވެސް ނޭންގޭތީ މާޔޫސްކަމުގައި އޮތް އެއް އާއިލާއަކީ އާރިފްގެ މިއާއިލާ އެވެ.
އެގްރިމެންޓްގައިވެސް ސޮއިކޮށްގެން މިތިބީ, ވަރަށް އުއްމީދުކުރެވޭ ލިބޭނެ ކަމަށް. އެކަމަކު މާޔޫސްކަމެއްގައި މިތިބީ
އިބްރާހީމް އާރިފް
މީގެކުރިން ރައީސް ޔާމީންގެ ދައުރުގައިވެސް އާރިފްގެ އާއިލާއަށް ފެލްޓް ލިބޭނެ ކަމުގެ އުއްމީދު ލިބުނެވެ. އާރިފްގެ އަންހެނުންނަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުމެއް އެސަރުކާރުން ދިނެވެ. ނަމަވެސް ޖެހިގެން އައި ސަރުކާރުން އެކަން ރިވިއުކުރިއިރު އާރުފް އާއިލާ ލައްވައެއް ނުލިއެވެ. އެމާޔޫސްކަންވެސް އެބައޮތެވެ. އެމާޔޫސްކަމުގައި ތިއްބާ ލިބުނު އުއްމީދަށް އަނެއްކާވެސް ހިޔަނި އެޅިފައިވާތީ އާރިފްއާއި އާއިލާގެ ކަންބޮޑުވުން ބޮޑެވެ.
ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފުރަތަމަ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުން ގެޒެޓް ކުރިއެވެ. އޭސީސީން އަލުން ބަލަން އެންގުމުން ދެވަނަ ފަހަރަށް ބަލާ ބަދަލުތަކަކާ އެކުވެސް ދާއިމީ ލިސްޓެއް ގެޒެޓް ކުރިއެވެ. ނަމަވެސް އެލިސްޓަށް ފްލެޓް ދޫކުރުންވެސް އޭސީސިން ހުއްޓުވިއެވެ. ދިގުމެދިގެންދިޔަ ތަހުގީގަކަށްފަހު އޭސީސީގެ ނިންމުމަކީ އެލިސްޓްގައި އޮތް މީހުންގެ ތެރެއިން %60 މީހުން ޝަރުތު ހަމަނުވާ ކަމެވެ. ނަމަވެސް ފްލެޓްދިނުމުގެ ކަންކަން ނިންމާނީ ސަރުކާރުން, މިނިސްޓްރީން ކަމެވެ. މިނިސްޓްރީގެ ސާފް ނިންމުމެއް މިހާރު ނެތެވެ. ނަމަވެސް އެކި ފަހަރު މަތީން ޔަގީންކަމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންދެވީ ގެޒެޓްކޮށްފައިވާ ލިސްޓްގައިވާ ފަރާތްތަކަށް ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.
