ބޭރުން ބަލާއިރު ހިތަދޫގެ މުއައްސަސާތަކުން ރީތި ކަމެއް ނުފެންނާނެއެވެ. ތަނުން ލިބޭ ޚިދުމަތާމެދުވެސް ޝައްކުގެ ނަޒަރަކުން ދެކެވިދާނެއެވެ. މާބޮޑު އަޅާލުމެއް ދޭ ތަންތަންކަމުގައި އިހުސާސް ނުވެދާނެއެވެ.
އަޅުގަނޑުމެންގެ އިމާރާތްތައް ބޭރުން ބަލާއިރު މާރީއްޗެއް ނުވާނެ. ނަންބޯޑު ރީތިކުރަން އަޅުގަނޑުމެން މާބޮޑު ސަމާލުކަމެއް ނުދެން. އޭގެ ބަދަލުގައި އެޚަރަދުވެސް ޚިދުމަތެއް ދޭން, ޚިދުމަތް ފުޅާކުރަން ކުރެވޭތޯ އަޅުގަނޑުމެން ބަލަނީ. އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ
އިބްރާހީމް ޝައްމޫން / ލ.ހިތަދޫ ކައުންސިލްގެ ރައީސް
ހިތަދޫ ސިއްހީ މަރުކަޒަކީ އަންހެނުންނަށް ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ލިބޭ މަރުކަޒެކެވެ. އެކަމަކު އެމަރުކަޒުގައި އެކީދުމަތް ތަޢާރަފްކުރީ ހެލްޓް މިނިސްޓްރީން އަދި ޞިއްޙީ ޚިދުމަތްދޭ އެހެން ވުޒާރާއަކުން ނޫނެވެ. އެއީ ލ.ހިތަދޫ ކައުންސިލުން ރަށުގެ ރައްޔިތުންނަށް ފަހިކޮށްދިން ޚިދުމަތެކެވެ. އެކަމަށް ބޭނުންވާ ވަސީލަތްތައް ސިއްހީ މަރުކަޒުގައި ގާއިމްކޮށް, ސްކޭން މެޝިނެއް ގެނައެވެ. އެއަށްފަހު އަންހެނުންނަށް ޚާއްޞަ ޑޮކްޓަރެއް ރަށަށް ގެނެސް ޑޮކްޓަރުގެ މުސާރަވެސް ކައުންސިލުން ދޭން ފެށިއެވެ.

ކައުންސިލްގެ މި އިސްނެގުމާއި, ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ވަކި ހިސާބަކުން ޑޮކްޓަރުގެ މުސާރައާ ސަރުކާރުން ހަވާލުވުމެވެ. މިހާރު ޑޮކްޓަރުގެ މުސާރަ ދެނީ ސަރުކާރުންނެވެ. ޚިދުމަތުގައި މިހާރު ކައުންސިލްގެ ދައުރެއް ނެތަސް އެޚިދުމަތުގެ ހައްގު ޝުކުރު އޮތީ ކައުންސިލަށެވެ.
އެއަށްފަހު މިހާރު ކައުންސިލްގެ އަމާޒަކީ ރަށު ސިއްހީ މަރުކަޒުގައި ދަތުގެ ފަރުވާ ފެށުމެވެ. އެކަމަށް ބޭނުންވާ ޑެންޓަލް ޗެއަރ ހޯދައިފި އެވެ. މަރުކަޒުގައި ޑެންޓަލް ޗެއަރ ބަހައްޓާ ތަން ތައްޔާރުކޮށް ޚިދުމަތް ދެވޭވަރު ކޮށްފިއެވެ. ނަމަވެސް ވުޒާރާގެ ތެރެއިން އެކަމަށް މަޑުޖެހުމެއް އައިސް އެމަސައްކަތް މިވަގުތު ވަނީ ހުއްޓިފައެވެ. އެޚިދުމަތް ރައްޔިތުންނަށް ރަށުގައި ތިބެގެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލުން ކުރަން ޖެހޭ ކަންކަން ކުރުމަށް ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ރައީސް އިބްރާހީމް ސައްމޫން ވިދާޅުވިއެވެ.

ދާދިފަހުން ހިތަދޫ ކައުންސިލުން ސޮއިކުރީވެސް ބޮޑު އެއްބަސްވުމެއްގައެވެ. އެއީ އެރަށުގައި 120 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެވެ. ބިން ބޮޑު ހިތަދޫގެ ދެ ސަރަހައްދަކަށް ބަހާލައިގެން 120 އެނދު ތަރައްޤީ ކުރުމަށް ޖޮއިންޓް އެއްބަސްވުމެއްގައި ސޮއިކުރީ ތުރުކީގެ ކުންފުންޏަކާ އެކުއެވެ. އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިއީ ހިތަދޫ މުޅިން ބަދަލުކޮށްލާނެ މަޝްރޫއެވެ.
އެމަޝްރޫއު ފުރިހަމަ ކުރުމަށް އެއަޕޯޓެއްގެ މުހިއްމުކަން ބޮޑެވެ. ކައިރީގައި ޖެހިގެން އޮތް ފަޅުރަށް, މެންދޫގައި ޑޮމެސްޓިކް އެއަޕޯޓެއް އެޅުމަށް ބޭނުންވާ ފީޒިބިލިޓީ ސާވޭއެއް ހެދީވެސް ހިތަދޫ ކައުންސިލުންނެވެ. އެސަރވޭ ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ހިއްސާކުރި އެވެ. އަދި ސަރވޭ ރަނގަޅު ކަން ފާހަގަކޮށް, ކޮންސިޑަރ ކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވި ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެއީވެސް މިހާރު ހިތަދޫގެ އިތުރުން ކުނަހަންދޫ ރައްޔިތުންގެ ވެސް އުއްމީދާ ގުޅިގައިވާ މަޝްރޫއެކެވެ.

ކުޑަކުދިންގެ ޕާރކެއްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ޕާކް ސަރަހައްދުގައި ހުރި ގަސްތައްވެސް ބަހައްޓައިގެން ބަނދަރު ސަރަހައްދުގައި ތަރައްޤީ ކުރާ ޕާކަކީ ފިޒިކަލް އެކްޓިވިޓީތަކެއް ހިމެނޭ ގޮތަށް. ކަސްޓަމައިޒް ކުރާ ޕާކެކެވެ. މުޅިން ޕްލާސްޓިކަސް ބަރޯސާ ނުވެ އެންމެންނަށްވެސް ޒިޔާތަތްކޮށްލެވޭނެ ޕާކަކަށް އެތަން ވާނެކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ފްލޯޓިންގ ވޯޓަރ ޕާކެއް ހެދުމުގެ މަސައްކަތްވެސް ކައުންސިލުން ވަނީ ފަށާފައެވެ. އެކަމަށް ބޭނުންވާ އީއައިއޭ ނިމި އަމަލީ މަސައްކަތް ފެށިފައިވާކަމަށް ކައުންސލުން މައުލޫމާތު ދެއްވިއެވެ.
ހިތަދޫ ސްކޫލްގައި ސްކޫލްގެ މުވައްފަޒުންނާ ގުޅިގެން ސައިންސް ލެބެއް ގާއިމްކޮށްދިނީވެސް ހިތަދޫ ކައުންސިލުންނެވެ. މީގެއިތުރުން ރަށުގައި ކުނިމެނޭޖް ކުރުމުގެ ޚިދުމަތް ޒަމާނީ ވަސީލަތްތަކާއެކު, ރަށުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުޞަތުވެސް ދީގެން ދެމުންދަނީ ރަށު ކައުންސިލުންނެވެ.
ކައުންސިލަކަށް ލައްކަ ގިނަ ޚިދުމަތްތައް ދެވިދާނެކަން ހިތަދޫ ކައުންސިލްގެ ޚިދުމަތުގެ ލިސްޓް ހެކިދެއެވެ.
ނޯޓް: ލިޔުމާ ގުޅޭ ވީޑިއޯ މަތީގައި އެވަނީއެވެ. ވީޑިއޯއަކީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ނަގާފައިވާ ވީޑިއޯއެވެ. އެހެންކަމުން މަސައްކަތް ގޮސްފައިވާ ހިސާބަށް ވާނީ ބަދަލު އައިސްފައެވެ.