ޒުވާނުންގެ ޓްރެންޑަކަށް އެއްދުވަސްވަރެއްގައިވި އެކަހެރި މަކުނުދޫ ޖަހައިގެން ކޮންމެ ކަމެއްވެސް ކުރުން. އަޅުގަނޑުމެންގެ އެކަހެރިކަން ޒިންމާދާރު އެހެން ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމާއި, އެމަސައްކަތުގައި އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން.
މަތީގައި އެވަނީ މަކުނުދޫ ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވި ވާހަކައެވެ. އެކަހެރިކަމުގައި ހޭދަކުރަމުން އަންނަ އަހަރުތަކަށް ނިމުން އަންނަ ކަމުގެ އިހުސާސް މަކުނުދޫގެ ރައްޔިތުންނަށް މިހާރު ކުރެވެއެވެ. އާރުޓީއެލް ފެރީގެ ނިޒާމުން އުތުރުގެ ރަށްތައް ގުޅާލުމުން އެކަހެރިކަން ވަރަށްބޮޑަށް ކުޑަވިއެވެ. އެކަހެރިކަން މުޅިން ނިމެން އަންނަނީ މަކުނުދޫ އެއަޕޯރޓް މަޝްރޫއާ އެކުއެވެ. އެމަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ދެއެވެ. ބިން ހިއްކުމުގެ ވަރަށްބޮޑުބައި މިހާރުވެސް ވަނި ނިމިފައެވެ.

އެއަޕޯރޓް މަޝްރޫއާއެކު ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި އޮންނަ މަކުނުދޫގެ އިގްތިސާދަށްވެސް ދިރުން އަންނާނެއެވެ. އެއަޕޯޓާއި, އާރުޓީއެލް ފެރީގެ ނިޒާމް ގުޅުމުން އިގްތިސާދީ މައި ސަރަހައްދެއްގެ ގޮތުގައި މަކުނުދޫ ތަރައްޤީވެގެންދާނެ ކަމަށް ކައުންސިލް ދެކެއެވެ. ރައްޔިތުންވެސް ތިބީ އެ ޔަގީންކަމާއި އުއްމީދުގައެވެ.
ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއް ހަގީގަތުގައި މިއަންނަނީ, ޚާއްޞަކޮށް އާރުޓީއެލްއާ މިއެއަޕޯޓާ ގުޅިގެން. އިކޮނޮމިކް އޭރިޔާއެއްގެ ގޮތުގައި ތަރައްޤީވެގެން އަންނާނެކަމަށް އުއްމީދުކުރޭ. އިކޮނޮމީ މާބޮޑުތަނުން ކުރިއަރާދާނެ.
އައުޒަމް އާދަމް/ މަކުނުދޫ ކައުންސިލްގެ ރައީސް
މިހާތަނަށްވެސް މަކުނުދޫއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. އަދިވެސް އެގޮންޖެހުން އެބައޮތެވެ. ކުޅުދުއްފުށިން އާރުޓީއެލްގައި ރަށަށް އައިސްގޮސް އުޅުމަކީ ޖީބަށް ބޮޑުތަނުން ލުއި ލިބުނު, ފަސޭހަ ޚިދުމަތެކެވެ. ނަމަވެސް މުޅިން ގޮންޖެހުން ފިލައިދާނީ އެއަޕޯރޓް މަޝްރޫއު ނިމުމުންނެވެ.

މަކުނުދޫގެ އެންމެ ޚާއްސަ ސިފައަކީ ވަށައިގެންވާ ބޮޑު ފަޅެވެ. ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅަށް މަކުނުދޫ ފަޅު ވާނެއެވެ. މިރަށުގައި އޮތީ 10,000 ހެކްޓަރު ބޮޑު ފަޅެކެވެ. މިއީ ލޯކަލް ޓޫރިޒަމް ފުޅާވެގެން އަންނައިރު އިގްތިސާދީ ނަފާހޯދޭނެ ފަޅެއް ކަމަށް ކައުންސިލުން ދެކެއެވެ.

މިރަށުގެ އާބާދީ އަކީ 1960 އެވެ. އެހެން ނަމަވެސް ރަށުގެ ވަޒަންވެރިންގެ ގޮތުގައި 2200 އެއްހާ މީހުން ދިރިއުޅެއެވެ. އޭގެތެރޭގައި 130 އެއްހާ ބިދޭސީން ހިމެނެއެވެ. ބިދޭސީންގެ އަދަދު ގިނަ މައިގަނޑު ސަބަބަކީ ބޮޑަތި މަޝްރޫއުތަކެއް މިވަގުތުވެސް ރަށުގައި ހިނގަމުން ދިއުމެވެ. ބިން ހިއްކުމުގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތާއި, ރަށުގެ ވަށައިގެންވާ މަގު (ރިންގްރޯޑް) ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މިމަސައްކަތްތަކުގައި އުޅޭ ބިދޭސީންގެ އިތުރުން ރަށުގެ ހަމަ ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް އެހެން ރަށެއްގެ މީހަކު ދިރިއުޅެއެވެ. މިއީވެސް މިރަށުގެ ޚާއްޞަ ކަމެކެވެ.
އެވްރެޖްކޮށް ކޮންމެ ގެއެއްގައި އުޅޭނެ މަކުނުދޫ ރަޖިސްޓްރީގައި ނެތް ރަށުން ބޭރު މީހަކު, މަކުނުދޫ މީހަކާ އިނދެގެން ނޫނިއްޔާ އެހެން ގޮތަކުން ވިޔަސް
އައުޒަމް އާދަމް / މަކުނުދޫ ކައުންސިލް ރައީސް
ރަށުގެ މާހައުލަށް ބަލާއިރު މަޑުކޮށްލައިގެން ތިބެވޭނެ މައިޒާންތައް އެބަހުއްޓެވެ. މޫދު ފެންނަ ހިސާބުގައި, ރާޅުޖަހާ އަޑު އިވޭ ހިސާބުގައިވެސް މަޑުކޮށްލައިގެން ތިބެވޭނެ ތަފާތު މައިޒާންތައް އެބަހުއްޓެވެ. އަދި ރަށުގައިހުރި ތިން ކެފޭގެ ތެރެއިން ދެ ކެފޭއަކީ ގާޑިޔާ ސްޓައިލަށް ހަދާފައިވާ ތަންތަނަށް ވުމުން, އެމާހައުލްވެސް ތަފާތެވެ. ފަތިސް ނަމާދަށްފަހު އެތަންތަން ހުޅުވާތީ, އެއީވެސް ބޮޑަތި މައްސަލަތަކުގައި ސައްލާ ކުރާ ވަގުތަކަށް ވަނީ ވެފައެވެ. މިއީ ސާފްތާހިރުވެސް ރަށެކެވެ. ރަށުގެ އެންމެ ޚާއްޞަ އެއްކަމަކީ މެހުމާންދާރީއެވެ.

އެންމެ މުހިއްމު އެއްކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެހުމާން ދާރީ އިނގޭތޯ. ލޯކަލް ޓޫރިޒަމްއަށް އަޅުގަނޑުމެން އަތުގައި އޮތް އެންމެބޮޑު ބޭސްއަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ މެހުމާންދާރީއާއި ރަށަށް ވަޑައިގަންނަވާ ބޭފުޅުންނާ މިއޮންނަ ގާތް ގުޅުން.
އައުޒަމް އާދަމް / މަކުނުދޫ ކައުންސިލްގެ ރައީސް
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމަށް އިންތިޚާބު ކުރެއްވުމުގެ ކުރިން އަރުވާލީވެސް މިރަށަށެވެ. އެމަނިކުފާނަށް ޚާއްޞަ ސަރަހައްދެއްވެސް މަކުނުދޫގައި އޮންނަ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެކަހެރި މިރަށަކީ ކުރިން މީހުން އެކަހެރިކޮށް އެންމެ ގިނައިން އަރުވާލި ރަށްވެސް މެއެވެ.

މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތަކީ މަސްވެރިކަމެވެ. ނަމަވެސް މިވަގުތު އެމަސައްކަތް ވަނީ ދަށްވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ރަށުގެ ގިނަބަޔަކު މަސައްކަތް ކުރެއެވެ. ރަށުގެ ފަޅުތެރޭގައި ކުރިއަށް އޮތް މާރޗް މަހުގެ ތެރޭގައި ރިސޯރޓެއް ހުޅުވޭނެއެވެ. ރިސޯރޓްގެ މެނޭޖްމަންޓުން ރަށު ކައުންސިލާ ގާތް ގުޅުމެއް ބާއްވަމުން ދިއުމާއި, މިހާރުވެސް ރަށުގެ އެތައް ބަޔަކަށް ވަޒީފާގެ ފުރުޞަތު ދީފައިވާތީ މިއީ މަކުނުދޫގެ ފުދުންތެރިކަން އިތުރުވާނެ ބޮޑު ސަބެކެވެ. މިއީ ރަށުގެ މަގުތަކުން ޢާއްމުކޮށް އަބަދުވެސް މީހުން ފެންނަ ހަރަކާތްތެރި, ދިރުން ހުރި ރަށެކެވެ.

ކިޔަވައިދެނީ ގްރޭޑް 10 އަށެވެ. ދެ އަހަރެއް ކުރިން ގްރޭޑް 11,12 އަށް ކިޔަވައިދިން ނަމަވެސް ކުދިންގެ އަދަދު މަދުވުމުން ކުރިއަށްގެންދަން އުނދަގޫވެ ހުއްޓުނީ އެވެ.
ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ ދެ ގެސްޓް ހައުސް އެބަހުއްޓެވެ. އަދި ގޭގެއިންވެސް ކޮޓަރި ލިބެއެވެ. ޢާއްމު އަގުތައް އުޅެނީ 500 ރުފިޔއިން ދަށުގައެވެ. ކެއިން ބުއިމަށް ތިން ކެފޭ ހުރުމުން މިރަށަށް އައިސް އުޅުން އުނދަގުލެއް ނުވާނެ އެވެ.
