މާލެ ބަސް ޓަރމިނަލް އިން ޑޮމެސްޓިކް ފްލައިޓްތަކުގެ ސިޓީ ޗެކިންގ ޚިދުމަތަކީ ތައުރީފް ހައްގު ޚިދުމަތެކެވެ. މޯލްޑިވިއަންގެ މިޚިދުމަތަށް ހަގީގަތުގައިވެސް ސެލިއުޓެވެ. އެކަމަކު މިއީ ވަކި ބަޔަކަށް ލިބޭ ޚިދުމަތަކަށްވުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މިޚިދުމަތުން މަހުރޫމް ވުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ އަދި ގަބޫލުކުރެވޭނެ ކަމެއްވެސް ނޫނެވެ.
ޗެކިންގ ފެށުމުގެ ހަތަރު ގަޑިއިރު ކުރިން ބަސް ޓަރމިނަލްގެ މޯލްޑިވިއަން ކައުންޓަރުން ފްލައިޓް ޗެކިންގ ކޮށް ބޯޑިންގ ކާޑް އަތަށް ލިބެއެވެ. ދޫކޮށްލާ ލަގެޖާ މޯލްޑިވިއަންއިން ހަވާލުވެއެވެ. އެހިސާބުން ދެން އެއަޕޯރޓަށް ދާން ޖެހެނީ ބޯޑިންގ ވަގުތަށެވެ. ވަރަށްގިނަ ވަގުތުވެސް ސަލާމަތްވާ ފަސޭހަ ޚިދުމަތެކެވެ. ހަގީގަތުގައި މިޚިދުމަތް ދިނުމުގައި އިސްކަން ދޭންވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނޫން ބާވައެވެ. އެހީތެރިޔަކާ އެކު ދިޔަނަމަވެސް އެމީހުންނަށް މިޚިދުމަތް ލިބޭކަށް ނެތެވެ. އެހީތެރިޔާވެސް އެކުގައި ފުރާނަމަ މެނުވީއެވެ.
ޢާއްމު އުސޫލުންވެސް އެމީހުން އެއަޕޯޓަށް ފުރަން ދަނީ އެކަންޏެވެ. އެއަޕޯރޓަށް ދިއުމުން އެއަޕޯޓަށް އިންފޯމް ކޮށްފައިވާނަމަ ހަވާލުވެއެވެ. އެއަޕޯރޓަށް އެކަނިގޮސް ޗެކިންގ ކުރެވޭނަމަ, މާލެއިން ޗެކިންގ ސިޓީ ނުހެދެންވީ ހަމަ އެއްވެސް ސަބަބެއް އެބައޮތް ތޯއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިޓީ ޗެކިންގ ނުހެދޭނެކަމަށް މޯލްޑިވިއަންއިން ވަނީ ޢާއްމުކޮށް އަންގާފައެވެ. ބަސް ޓަރމިނަލްގައިވެސް އެކަން އިނގޭނެ ނިޝާން ހުރީ ބަހައްޓާފައެވެ. ނަމަވެސް މިއީ ހަގީގަތުގައިވެސް ބުއްދި ގަބޫލުކުރާ އިންސާފެއް ހެއްޔެވެ.

ޚިދުމަތް ދިނުމުގައި ކުޅެދޭ މީހެއް ނުކުޅެދޭ މީހެއް ތަފާތު ކުރެވިދާނެ ހެއްޔެވެ. ޚިދުމަތުގެ ފަސޭހަކަން ދިނުމުގައި އިސްކުރަންވީ ކުޅެދޭ މީހުންތޯއެވެ. ނުކުޅެދުންތެރިކަން ހުރި މީހުން ތޯއެވެ. މޯލްޑިވިއަންގެ ކައުންޓަރުން ބައްދަލުކުރި މުވައްޒަފު ވާހަކަދެއްކީ އޯގާތެރިކަމާއި އިހުތިރާމާއެކު އެވެ. މުވައްޒަފުގެ ހަމަ އެއްވެސް މައްސަލައެއް ނެތެވެ. މައްސަލައަކީ އުޞޫލެވެ. ބަދަލުކުރަންވީ އުޞޫލެވެ. ޚިދުމަތް ދިނުމުގައި އިސްކުރަންވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. ފަސޭހަކަން ބޮޑަށް ބޭނުންވަނީ އެމީހުންނަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހޮސްޕިޓަލްތަކާއި ބައެއް އޮފީސްތަކުގައި އޮންނަ ވަކި ޚާއްޞަ ކިޔުއާ ހިސާބުން ނިންމާ ނުލާށެވެ.
ޒިޔާ ލޮލަށް ނުފެނުމަކީ މިޚިދުމަތުން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫންވެ. މޯލްޑިވިއަން އެވެ. އިހުތިރާމާއެކު ދަންނަވަމެވެ. މިކަން ބަދަލުކޮށްދެއްވާ ށެވެ. މިއީ ކުރީގެ އުސޫލެއް ނަމަވެސް މިއުޞޫލު އަވަހަށް ބަދަލުކޮށްދެއްވާށެވެ. ދޭންވާ އިތުރު އެހީތެރިކަމެއް ދީގެން ނަމަވެސް މިފަސޭހަ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދިނުމާ ހަމައިން ފަށާށެވެ.