‘ލޯނު ދިނުމާއި, އެމީހުންނަށް އެކަމުގައި ހުރި ހުރިހާ ދައްޗެއް ސަރުކާރުގެ ފަރާތުން ފިލުވާލަދީފިއްޔާ ލަންދުއަކީ ލޯކަލް ޓޫރިޒަމްގައި ރާއްޖޭގައި ހަމަ ޓޮޕްގައި ހިމެނޭނެ ރަށަކަށްވާނެ’
މިއީ ލަންދޫ ބަނދަރު ސަރަހައްދުގެ ހޮޅުއަށި ކައިރީގައި ރާޒުވާ ކުޅެން އިން މުޙައްމަދު ހަސަން (ރަމްޒީ)ގެ ވާހަކަ އެވެ. އޭނާ ރަށާމެދު ކުރާ ތަސައްވަރީ ލޯކަލް ޓޫރިޒަމަށް ދޮރުތައް ހުޅުވާލައި ރާއްޖޭގެ އެންމެ ކުރީގައި އޮންނާނެ ރަށަކަށް ވުމެވެ. ލަންދޫއަކީ އެކަމަށް ފައްކާ, އެއްވަނައިގެ ރަށެއްކަމަށް ރަމްޒީ ދެކެއެވެ.

ރަމްޒީ ބުނީ ލަންދުއަށް މިހާރު އެންމެބޮޑަށް ބޭނުންވާ ކަމަކީ ތެރޭގައި ލޯކަލް ޓޫރިޒަމް ފެށުން ކަމަށެވެ. އެދާއިރާއަށް ބޭނުންވާ މީހުން ރަށުފައި ބިނާކޮށް, އެ މީހުންނަށް އެކަން ކުރެވޭނެގޮތް ސަރުކާރުން ފަހިކޮށްދޭން ޖެހޭކަމަށް ރަމްޒީ ދެކެއެވެ.
އާ ސަރުކާރުގެ ފުރަތަމަ މަރުހަލާގައި ކަންކަން ކުރިއަށް ގެންދަން އުނދަގޫތަކެއް ހުރެދާނެކަން ފާހަގަކުރަމުން އޭނާ ބުނީ ފުރަތަމަ މޮޅު ދާންޖެހޭ އެންމެ ރަނގަޅަށް ނުގޮސް ހިނގައިދާނެ ކަމަށެވެ.
ރަށުގައި ހުރި މައިގަނޑު ބޮޑަތި އިޖުތިމާއީ މައްސަލަތަކުގެ ވާހަކަވެސް ރާޒުވާގަނޑުގެ ފޯރީގައި އިނދެވެސް ހިއްސާކުރިއެވެ. އެންމެބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތިވާތަކެތީގެ މައްސަލަ ކަމަށް އޭނާ ބުންޏެވެ.
އަޅުގަނޑުމެން ރަށުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތްކަމެއް, ހައްލު ބޭނުންވެފައި އޮތްކަމެއް.
މުހައްމަދު ހަސަން/ ލަންދޫ ރައްޔިތެއް
މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ކުދިން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެންޖެހޭކަން ފާހަގަކުރިއެވެ. މީގެއިތުރުން މިހާރުން މިހާރަސް ލަންދުއަށް ބޭނުންވާ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރީ ލަންދޫ ޒުވާނުންނަށް ފުޓްބޯޅަ ކުލެވޭނެ ގޮތް ވުމެވެ. ފުޓްސަލް ދަނޑު ހަލާކުވެ, އެތަން ވީރާނާވެގެން ގޮސްފައި އޮތުމުގެ ކަންބޮޑުވުން ޒުވާނުންގެ ބޮޑެވެ. ރަމްޒީ ސަމާލުކަމަށް ގެނައީ އެމައްސަލައެވެ. ބޮޑު ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ފަށާފައިވިޔަސް ސްޕީޑާމެދު އޮތް ކަންބޮޑުވުމެއް އެބައޮތެވެ. އަދި ބައެއް މަދު މަޝްރުޢުތައް ހުއްޓިފައި އޮތްކަންވެސް ރަމްޒީ ފާހަގަކުރިއެވެ.

ލަންދޫއަކީ މިދިޔަ ދައުރުގެ ތެރޭގައި ތަރައްޤީގެ ގިނަ މަޝްރުޢުތަކެއް ނިންމި ރަށެކެވެ. އުމްރީނާގޮތުން ބޮޑަތި ކުރިއެރުންތަކެއް ހޯދިއެވެ.