2022 ވަނަ އަހަރުގެ ނޮވެމްބަރުގެ މަހުގެ ތެރޭގައި އަހުމަދު ޝަވަން މުޙައްމަދުގެ ވާހަކަ ވާނީ އަޑު އަހާފަ އެވެ. އެއްފައިގެ ކަކުލުން ތިރި ބުރިވެފައި ވިޔަސް, ހުނަރުވެރިކަމާއެކު އެހެން ކުދިންނާ އެއްވަރަށް ފުޓްބޯޅަ ކުޅުނު މަންޒަރު ވާނީ ފެނިފަ އެވެ. އޭރު ގިނަ ބައެއްގެ ސަމާލުކަން ޝަވަން އަށް ހުއްޓުނެވެ. ސަރުކާރުގެ ސަމާލުކަމަށްވެސް ޝަވަން އައެވެ.

އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން މިއަދު ޝަވަން އެހުރީ ދެފައި މައްޗަށް ކޮޅަށެވެ. ކަކުލުން ތިރި ބުރިވެފައިވާ ފައި ޖަހައިގެން, ދެފައިގެ އެހީގައި ހިނގާބިނގާވެ އުޅެވެއެވެ. މިއީ ޝަވަންއާއި, ޝަވަންގެ މަންމަ އަދި އާއިލާއަށްވެސް ލިބޭ ބޮޑު އުފަލެކެވެ. ޝަވަން އަކީ މަކުނުދޫ ސްކޫލްގެ ގްރޭޑް 2 ގެ ދަރިވަރެކެވެ.
ޝަވަންއަކީ ފުޓްބޯޅައަށް ބޮޑު ޝައުގެއް އޮންނަ, ފުޓްބޯޅައިގެ ބޮޑު ސަޕޯޓަރެކެވެ. ފުޓްބޯޅަ ކުޅުންތެރިންނާއި, ފުޓްބޯޅަ ކްލަބްތަކުގެވެސް ސަޕޯޓަރެކެވެ. ޕޯޗްގަލްއާއި, ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯގެ ބޮޑު ސަޕޯޓަރެކެވެ.

ރާއްޖޭގެ ފުޓްބޯޅައިގައިވ ޝަވަންގެ އައިޑޮލް އަކީ އަލީ އަޝްފާޤު (ދަނގަޑޭ) އެވެ. ދަގަނޑޭއާ ބައްދަލުވެ, ގިނަ ވަގުތުތަކެއް ހޭދަކޮށް, ވަރަށް ގިނަ ވާހަކަ ޝަވަން ވަނީ ހިއްސާކޮށްފައެވެ. އެއީ ދަގަނޑޭއާއި ޝަވަން އަށްވެސް ލިބުނު އޮފަލެކެވެ.
ޝަވަންގެ ފުޓްބޯޅަ ދަނޑަކީ ހދ. މަކުނުދޫގައި ދިރިއުޅޭ ގޭގެ ގޯތި ތެރެއެވެ. އެކުގައި ކުޅޭ ކުޅުންތެރިންނަކީ އެއް އުމުރެއްގެ އާއިލާގެ މެމްބަރުން ނެވެ. ޢާއްމުކޮށް ގޭގެ ގޯތިތެރޭގައި ބޯޅަ ކުޅުނު ނަމަވެސް, މުބާރާތެއް ކައިރިވުމުން އަދި މުބާރާތްތެރޭގައި ފުޓްބޯޅަ ދަނޑަށް ގޮސް އެހެން ކުދިންނާއެކު ޝަވަން ހުރަނު ދައްކައެވެ. އެހާލަތުގައި ޝަވަންގެ އާއިލާގެ މެމްބަރަކު އަބަދުވެސް ފެންނަ ހިސާބުގައި ހުރެއެވެ. ޢާއްމުކޮށް އެކަނި ދަނޑަށް ފޮނުވުމަކީ އަދި އާއިލާއަށް އުނދަގޫ ކަމެކެވެ. ނަމަވެސް ޝަވަން އާމެދު އާއލާއަށް އޮތީ ބޮޑު އިތުބާރަކާއި އުއްމީދެކެވެ. ޝަވަންއަކީ ހަގީގަތުގައިވެސް ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ.
