މިހާރު މިލަންދޫއަށް ޒިޔާރަތްކޮށްލައިފި ނަމަ އެންމެ ބޮޑަށް ފާހަގަކުރެވޭނެ, އެންމެ ފުރަތަމަ ސަމާލުކަމަށް އަންނާނެ ކަމަކީ މަގުތަކުގައި ތާރު އަޅާފައި އޮތުމެވެ. މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ގާތްގަނޑަކަށް ނިމި, މަސައްކަތަށް ގެންދިޔަ ސާމާނު ބޭރު ކުރަނީ އެވެ. ބޮޑަތި މަގުތަކުގައި ވަނީ ތާރު އަޅާފައެވެ. ތާރު އަޅާފައިވާއިރު މަގުގެ ދެފަރާތުގައި ދަނީ ގަސް އިންދާ ހައްދަމުންނެވެ.

ކައުންސިލުގެ ޕްލޭނެއްގެ ދަށުން މަގުގެ ދެފަރާތުގައި އަނބުގަސްތައް ހައްދަނީއެވެ. އެހެން ބައެއް ބާވަތްތަކުގެ ގަސްތައްވެސް ހެދެމުންދާތީ ފެނެއެވެ. ބައެއް ޚާއްޞަ ސަރަހައްދުތައް ފެހިކޮށް, ރީތިކުރަމުން ދަނީ ކަދުރު ރުއްތަކުންނެވެ. ކައުންސިލް ބަޖެޓުން ޚަރަދުކޮށްގެން ކަދުރު ރުސް ގެނެސް އިންދާ ހައްދަނީއެވެ. ބައެއް މަގުތަކުގެ މެދުގައިވެސް ކަދުރު ރުށްތަކެވެ. މާމެލާމެލީގެ ބައެއް ގަސްތައްވެސް ފެނެއެވެ.
މީގެ ދެއަހަރެއްހާ ދުވަސް ކުރިން މިލަންދޫ އަށް ޒިޔާރަތްކުރި މީހަކު, މިހާރު ޒިޔާރަތްކޮށްލުމުން ފެންނާނީ ބަދަލުވެފައިވާ މިލަންދޫ އެކެވެ. އަދި މީގެ އަހަރެއްފަހުން ޒިޔާރަތްކޮށްލައިފި ނަމަ އަނެއްވެސް ވެސް ފެންނާނީ ފެހިކަން ގަދަ ބަދަލުވެފައިވާ ހިތްގައިމު މިލަންދޫ އެކެވެ. ތާރު އެޅުމަށް ބައެއް މަގުތަކުގެ މެދުގައި ކުރިން ހުރި ގަސްތައް ވަނީ ކަނޑާފައެވެ. ބަދަލުގައި އެހެން ގަސްތައް އިންދާ ހައްދަނީއެވެ. އެގަސްތައް އިންދުމަށްފަހު ބަލަހައްޓަމުން ދަނީ އެގަސްތަކާ ދިމާގައި ދިރިއުޅޭ ގެތަކުގެ ރައްޔިތުންނެވެ. މިއީ ޕްރޮގްރާމް ފަރުމާކުރެވިފައިވާ ގޮތެވެ.

ތާރު މަގުތަކުން ގޮސް ނިކުމެވޭ ބައެއް މަގުތަކަކީ މަގު މެދުގައި ހުރި ބަނބުކެޔޮ ގަސްތަކުން ހިޔާ ލިބިދޭ ގަސްތަކެވެ. ވަކި ދުރުމިނެއްގައި ތަރުތީބުން ހައްދާފައިވާ ބަނބުކެޔޮ ގަސްތަކާއި, އެނޫން ބައެއް ބާވަތްތަކުގެ ގަސްތަކާއެކު ހަގީގަތުގައިވެސް މަގުތައް ވަރަށް ޗާލެވެ. ތާރު އެޅިޔަސް ރަށުގެ މަގުތަކުން ގުދުރަތީ ހިތްހަމަޖެހުން ލިއްބައި ދެއެވެ. މިއީ ވިއްސަކަށް އަހަރުވީ ގަސްތަކެއް ކަމަށް ކައުންސިލުން މައުލޫމާތުދެއްވި އެވެ.

ރަށުގެ ސްކޫލާއި, މިސްކިތް އަދި ކޯޓް ކުރިމައްޗަށް ވާގޮތަށް ނަލަކޮށް, ޒީނަތްތެރި ކުރަމުންދާ ބުރަކީވެސް ރަށުގެ ހިތްގައިމުކަން ބޮޑުކޮށްދޭނެ ބުރެކެވެ. މަޑުކޮށްލައިގެން ތިބެވޭގޮތަށް ހަދަމުންދާ އެތަނުގައިވެސް ގަސްތައް އެބަހުއްޓެވެ. ބަނދަރު ކައިރީގައި ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާރކުންވެސް ފެންނަނީ ފެހިކަމެވެ. ފެހިކަން ނުގެއްލޭނެ ގޮތަށް, ފެހިކަން ގަދަވާނެ ހުރިހާ ވިސްނުމެއް އެކުލެވިގެން ތަރައްޤީ ކުރާ ޕާކަކީވެސް މިލަންދޫއަށް ޒިޔާރަތްކުރާ ފަރަތްތަކުގެވެސް މަންޒިލަކަށް ވާނެކަމަށް ޔަގީން ކުރެވެއެވެ. އަދި އެސަރަހައްދުގައި ހުރި ބުރުވެސް ސަޅި އެވެ. ބުރުގެ މެދުގައި ހުރި ކަދުރު ރުކާއެކު ހިތްގައިމުކަން ބޮޑެވެ. ރަށުގައި ތަރައްޤީކޮށްފައިވާ ދެ ބީޗުގެ ތެރެއިން އެއް ބީޗުވެސް އޮތީ މާދުރަކު ނޫނެވެ.

މިއީ 2695 މީހުންގެ އާބާދީއެއް އޮތް މިލަންދޫ އެވެ. ހަގީގަތުގައިވެސް ފެންނަނީ ޒަމާނީ ތަރައްޤީއެވެ. ގުދުރަތީ ރީތިކަމަށް ވިސްނައިގެން ބަދަލުކުރަމުން, ބަދަލު ގެންނަމުންދާ ރަށެކެވެ. ރަށުގެ އާބާދީގެ ތެރެއިން 2450 އެއްހާ މީހުން ދިރިއުޅެނީ ރަށުގައެވެ. ތަފާތު އެކި މަސައްކަތްތަކުގައި 100 އަށްވުރެ ގިނަ ބިދޭސީންވެސް ދިރިއުޅެއެވެ.
މިއީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ފުދުންތެރި ރަށެކެވެ. ޚާއްޞަކޮށް ކޮންސްޓްރަކްޝަން ދާއިރާގައި ފުންނާބު އުސް ރަށެކެވެ. ފައިބަރުގެ މަސައްކަތުގައިވެސް އޮތީ ކުރީސަފުގައެވެ. ތިން ރެސްޓޯރަންޓް ރަށުގައި އެބަހުއްޓެވެ. ވުޑް ލޭންޑް ރެސްޓޯރަންޓަކީ އެންމެ މަގްބޫލް ރެސްޓޯރެންޓެވެ. ގެސްޓްހައުސް އަށް ބަލާއިރު ‘ސަންދާ’ ގެސްޓް ހައުސް ހަގީގަތުގައިވެސް ވަރަށް ސަޅި އެވެ. އެހެން ގެސްޓްހައުސްތައްވެސް އެބަހުއްޓެވެ. އަދި ގޭގެއިންވެސް 500 ރުފިޔާ އަށް ކޮޓަރި ލިބެއެވެ.

ދަތުރުފަތުރަށް ބަލާއިރު 15 މިނިޓުން ދެވޭ ހިސާބުގައި ފުނަދޫ އެއަޕޯރޓް އެބައޮތެވެ. އެއަޕޯރޓް ފެރީ އެބައޮތެވެ. ފްލައިޓް ޓިކެޓްގެ އަގާއި, އެއަޕޯރޓް ފެރީގެ އަގު އެއްކޮށްލުމުން ޖުމްލަ އަގު ކޮޅަކަށް 1600 ރުފިޔާއެވެ. ލޯންޗްގައި މާލެއިން މިލަންދޫއަށް ދެވޭނެއެވެ. ހޯޕް ޓްރެވަލްސްގެ ހޯޕް ފެރީތައް މިލަންދޫ އަށް ދަތުރުކުރެއެވެ. ދަތުރުކުރަން މިއީ އިތުބާރުހުރި ރަނގަޅު ނިޒާމެކެވެ. އެކަމަކު ރަށުގެ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ އެއަޕޯޓެއް ރަށުގައި އެޅުމާއެވެ.
މިހާރު މިލަންދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދަކީ މިރަށުގައި ވީހާވެސް އަވަހަކަށް އެއަޕޯރޓް އެޅިގެން ދިއުން. މިރަށަށް މިހާރު ލިބޭނެ އެންމެ ބޮޑު ތަރައްޤީއަކީ އެއަޕޯޓެއް ޤާއިމްކުރުން ކަމަށް ގިނަ ރައްޔިތުން މިދެކޭ ހުވަފެނަކީ
މުހައްމަދު އަޝްރަފް/ މިލަންދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް
މިލަންދޫގައި އެއަޕޯޓެއް އެޅުމަކީ މިސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިޚާބުގައި ވީ އެވައުދު ހަނދާނުގައި ބެހެއްޓުމަށް ބިލްބޯޑްތައް މިހާރުވެސް ރަށުގެ ބައެއް މަގުތަކުގެ ކަންމަތީގައި އެބަހުއްޓެވެ. މިލަންދޫއަށް ޒިޔާރަތްކޮށްލަން ސަޅި އެހެން ބައެއް ސަބަބުތަކުގެ ތެރޭގައި ޕިކްނިކް ދިއުމާއި މޫދަށް އެރުމަށް ޚާއްޞަ ދެ ސަރަހައްދު ތަރައްޤީކޮށްފައި އޮތުމާއި, ސިކުނޑި ކުޅި ހިމެނެއެވެ. އަވަހަށް ދަތުރު ހަދާށެވެ.
