ކަނޑިތީމް ‘ނިކަމަތި’

1176

މަގުގެ ދެފަރާތުގައި ވަނީ ރުށްގަސް ތަކެވެ. މަގުން ކުރިއަށްދާއިރު ހިތަށް ހަމަޖެހުން ލިބެއެވެ. ގުދުރަތީ މާހައުލުން ހަމަޖެހުން ގެނެސްދެއެވެ. މަގުން ކުރިއަށް ގޮސް މަޑުކޮށްލަން މަޖުބޫރުވާ ހިސާބަކީ ބޮޑު ނިކަގެހެވެ.

ކަނޑިތީމް ނިކަމަތި

ނިކަގަހަށް އަރަން ހަދާފައިވާ ސިޑި ފެނުމުން އެތަނަށް ސަމާލުކަން ހުއްޓެއެވެ. ސިޑީގެ ކަނާތްފަރާތުގައި ބަހައްޓާފައިވާ ބޯޑްގައި ޖަހާފައި ވަނީ ‘ނިކަމަތި’ އެވެ. އަދި ތަނުގެ ސާފްތާހިރުކަމަށް ބާރު އަޅާފައި ވެއެވެ. ސިޑިން މައްޗަށް އަރަމުން ދިޔަވަރަކަށް ހިތްހަމަ ޖެހުން ގެނެސްދިނެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް މަޑުކޮށްލީ ނިކަގަހުގެ މަތީގައި އަޅާފައިވާ ޑެކުގައެވެ. މިއީ ނިކަގަހުގެ މަތީގައި ތައްޔާރުކޮށްފައިވާ ހިތްފަސޭހަ މައިދާން ‘ނިކަމަތި’ އެވެ.

އެތަނުގައި ކޮފީ މޭޒު ވަނީ ބަހައްޓާފައެވެ. އުނދޯލި ހުއްޓެވެ. ތަން މާބޮޑެއް ނޫނެވެ. ނަމަވެސް ގްރޫޕަކަށް އެކުގައި އައިސް މަޑުކޮށްލެވޭ ވަރުގެ ހިތްގައިމު ތަނެކެވެ. ކަޕްލް އަކަށް އަދި މާ ސަޅިވާނެއެވެ.

ކަނޑިތީމް ނިކަމަތި

އެތަނުގައި ހުއްޓި ބަލާލާއިރު ދެން ފެންނަ މަންޒަރުގެ ހިތްގައިމުންވެސް ބޮޑެވެ. ވަށައިގެން ގަސްތަކެވެ. ކުރިމަތިން ފެންނަނީ ނޫ ކަނޑެވެ. އަދި ކައިރިން މީހުން ދިރިއުޅޭ ބޮޑު ރަށެއް ރީތިކޮށް ފެންނަން އޮވެއެވެ. އެއީ ށ.ގޮއިދޫ އެވެ.

މިތަނުގައި އަދި މިތާ ކައިރީގައި ކޮފީ ޝޮޕެއް ނެތެވެ. އެކަމަކު މިއީ ހަމަ ކޮފީ ޝޮޕެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ ހިތްގައިމު މާހައުލެކެވެ. ރަށުގެ ކޮންމެ ކެފޭއަކުންވެސް އޯޑަރު ކޮށްލުމުން އޯޑަރު ކުރާ އެއްޗެއް މިތަނަށް ގެނެސްދެއެވެ. ކޮފީ ވިޔަސް, އަދި ކެއުމެއް ވިޔަސް މެއެވެ. މިއީ ސަޅި ކަމެކެވެ.

މިތަނުގެ އެންމެ ސަޅި ކަންތައް ދެން އޮތީ އެވެ. މިއީ މިރަށުގެ ޒުވާނުންގެ އިޖުތިމާއީ މަސައްކަތެކެވެ. ހިލޭ ސާބަހަށް ކުރި މަސައްކަތެކެވެ. ރަށުގެ ބައެއް ވިޔަފާރި ވެރިންނާއި, އަމިއްލަ ފަރާތްތަކުން އެހީތެރިވިއެވެ. އިޖުތިމާއީ މިމަސައްކަތަށް އޮތީ ތައުރީފެވެ.

ކަނޑިތީމް ނިކަމަތި

މިތަނުގެ އިތުރުންވެސް ކަނޑިތީމަށް ޒިޔާރަތްކޮށް ބަލާލަން, ވަގުތު ހޭދަކޮށްލަން ސަޅި ތަނެއް އެބައޮތެވެ. އެއީ ބޮޑު ދޮންވެލި ދުނޑިއެވެ. މާދުރަށް ފެތުރިފައިވާ ސާފް ދޮންވެލި ތުނޑިއެކެވެ. ތުނޑީގައި ތިބެ ބަލާލާއިރުވެސް ކައިރިން ފެންނަން އޮތީ އަވަށްޓެރި ގޮއިދޫއެވެ. ދޮންވެލި ތުނޑިއާ ދިމާއަށް އަންނައިރުވެސް ހިތްހަމަޖެހުން އިހުސާސް ކޮށްދެއެވެ.

މި ދެސަބަބު އެކަނިވެސް ނުވަތަ މިދެތަން ކަނޑިތީމްގައި އޮތުން އެކަނިވެސް މިރަށަށް ޒިޔާރަތްކޮށްލަން ރަނގަޅު ސަބަބަކަށް ފުދެއެވެ.

މިރަށަށް އަންނަން ބޭނުންނަމަ މިރަށުގެ އާއިލާއަކުން އޮޕަރޭޓްކުރާ ‘ފްލައިންގ ފިޝް’ ސްޕީޑް ލޯންޗް އެބައޮތެވެ.

ނޯޓް: ލިޔުމާ ގުޅޭ ވީޑިއޯ މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.