މަކުނުދޫ ‘ބޮޑުފެންވަޅުގެ’

1868

މިއީ އަލްއަމީރު އަބްދުލްލާ އިމާދުއްދީނުގެ “ބަޣާވާތާ” ގުޅިގެން 18 ރަޖަބު 1343 ހ. (12 ފެބްރުވަރީ 1925 މ.) ގައި ކުރެވުނު ޝަރީއަތަށްފަހު އައްސައްޔިދު ހުސައިން އަފީފުއްދީން (ބޮޑުފެންވަޅުގޭ ސީދީ) މާމަކުނުދުވަށް އަރުވާލުމަށްފަހު އެރަށުން މީހަކާ ކައިވެނި ބައްލަވައިގެން އެޅުއްވި މަކުނުދޫ “ބޮޑުފެންވަޅުގެ” އެވެ.

މަކުނުދޫ ބޮޑުފެންވަޅުގެ

މިއީ އެ ޒަމާނަށް ބަލާއިރު ގެއާއި، ބަދިގެއާއި ބަނޑަހަގެއާއި، ވަޅުކޮޓަރި ފަދަ އިމާރާތްތަކާއި ހިޔާކުރި ބޮޑު ދޮރާއްޓާއެކު ހުރި ވަރަށް މޮޅުކޮށް، އަދި އެހާމެ ރީތިކޮށް އިމާރާތްކޮށްފައިވާ ވަރަށް ފުރިހަމަ ގެއެކެވެ. ސީދީ އެގޭގައި އުޅުއްވިއިރު އެގޭ ގޯތިތެރޭގައި ތަފާތު ބާވަތްބާވަތުގެ މޭވާ ގަސްތައްވެސް ހުރި ކަމަށްވެއެވެ.

އެރަށު މީހުން ބުނާ ގޮތުން މިގެއަކީ ސީދީގެ “ވަލީވެރިކަމަށްޓަކައި” އެރަށު ރައްޔިތުން ހިލޭ ސާބަހަށް އިމާރާތްކޮށްދިން ގެއެކެވެ. އެރަށު މީހުން ސީދީއަށް ބޮޑު ރުއްދަނޑެއްވެސް ހަދިޔާކުރިކަމަށްވެއެވެ. މިގޮތުން ސީދީއަކީ އެރަށު މީހުން ވަރަށް އިހުތިރާމުކުރާ އެބައިމީހުންގެ މުރުޝިދެއް ކަމުގައި ދެކޭ ބޭފުޅެކެވެ. އެހެންކަމުން އޭނާ އެރަށުގައި އުޅުއްވީ ވަރަށް އިއްޒަތުގައި ކަމަށްވެއެވެ.

މަކުނުދޫ ބޮޑުފެންވަޅުގެ

އެކަމަކު ސީދީގެ ކާފަދަރިކަނބަލެއް ކަމަށްވާ ޖެނިފާ މުސްތަފާ ލިޔުއްވާ ގޮތުން މި ގެއަކީ ސީދީގެ މަކުނުދޫ އަނބިކަނބަލުންގެ ދެދަރިކަލުން ފުރާވަރަށް އެރިފަހުން ސީދީ ބިނާކުރެއްވި ގެއެކެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން ސީދީ މި ގެ ބިނާކުރެއްވީ އޭނާގެ މަކުނުދޫ އަނބިކަނބަލުންނަށްޓަކައެވެ. އަދި ހަމަ އެހެންމެ މުސްކުޅި އުމުރު އެތަނުގައި ހޭދަކުރެއްވުމަށްޓަކައެވެ. އަދިވެސް އޭނާ ލިޔުއްވާފައިވާ ގޮތުން އެގެ ބިނާކުރެއްވުމުގެ ކުރިން ސީދީވަނީ މަކުނުދޫ އަނބިކަނބަލުންގެ އެއްބަނޑު މީހުންނަށްވެސް ގެ ހައްދަވައިދެއްވާފައެވެ. އޭނާ ލިޔުއްވާފައިވާ ގޮތުން އެރަށުގައި ފުރަތަމަ ބިނާކުރެވުނު މިފަދަ ގެތަކަކީ އެއީއެވެ.

ސީދީ މަކުނުދުވަށް އަރުވާލާފައި ހުންނެވިއިރު އެރަށު މާވަޑި އިދުރީސްގެ ހައްވައާ ކައިވެނިކުރެއްވިއެވެ. ސީދީގެ މުހައްމަދު މުސްތަފާ ހުސައިން އާއި އަހުމަދު މުޖުތަބާ ހުސައިން އަކީ މާމަކުނުދޫ ހައްވަގެ ބަނޑުން ލިބިވަޑައިގެންނެވި ދެބޭފުޅުންނެވެ. ފަހުން މި ހައްވައަށް ހައްވާދީދީ އޭ ކިޔަތެވެ.

މަކުނުދޫ

ސީދީ މާލެ ގެންނެވީ އެރަށަށް އަރުވާލާފައި ހުންނަވާތާ 8 އަހަރާއި 2 މަހާއި 14 ދުވަސް ވީ ތަނާ 14 ޝައްވާލު 1351 ހ. (10 ފެބްރުވަރީ 1933 މ.) ގައި ކަމަށްވެއެވެ.

މާމަކުނުދޫ ބޮޑުފެންވަޅުގެއަކީ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓަންޖެހޭ، ގިނަ ދުވަސްވީ ތަރިކައެކެވެ.

މައުލޫމާތު: އަލްމަރުހޫމް މުހައްމަދު ވަހީދު ނަދުވީ، އިބްރާހީމް ވަހީދު، ޖެނިފާ މުސްތަފާ

ނޯޓް: މިއީ މުއައްރިޚު ނާޖިހު ދީދީ ލިޔުއްވާފައިވާ ލިޔުމެކެވެ. ޝާޢިއުކޮށްފައި އެވަނީ އެއްވެސް އުނިއިތުރެއް ގެނައުމެއް ނެތިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.