ބީޗް ސަރަހައްދު ބޮޑެވެ. އެއް ބީޗްގައި ހުންނައިރު ދެވަނަ ބީޗް ފެންނަން އޮވެއެވެ. ދެ ބީޗަކީވެސް ކައުންސިލްގެ އިސްނެގުމާއެކު ތަރައްޤީކޮށްފައިވާ ދެ ބީޗެވެ. ދެ ބީޗުންވެސް ފެންނަނީ ތަފާތެވެ. ބީޗްގައި ހުރި ހަޓްތައްވެސް ތަފާތެވެ. ސަރަހައްދުގެ ބޮޑުކަމާއި, ރުށްތަކާއި, ރީތި ބީޗާއެކު ގުދުރަތީ ގޮތުން ބަލާއިރުވެސް ހިތްގައިމެވެ. ހަޓްތަކުގެ ކޮންސެޕްޓަށް ބަލާލުމުންވެސް ތަފާތު ވިސްނުމެއްގައި ޕްލޭންކޮށްގެން ތަރައްޤީކޮށްފައިވާ ތަނެއްކަން އިނގެއެވެ. ފޮޓޯ ނެގުަމަށް ޚާއްޞަ ސްޕޮޓް ހިމެނެއެވެ. ކުޑަކުދިންނަށް ޚާއްޞަ އުދޯނލިތައް ވަނީ އެލުވާފައެވެ.

މި ބީޗަކީ މިއީ ކައުންސިލާއި, މިލަންދޫ ފެނަކަ ބްރާންޗާއި, ޒުވާނުން ގުޅިގެން ތަރައްޤީ ކުރި ބީޗެކެވެ. ގުޅިގެން ރައްޔިތުންނަށް ޓަކައި ކޮށްފައިވާ ނަމޫނާ މަސައްކަތެކެވެ. ރަށަށް މެހުމާނުން ޒިޔާރަތްކުރުމަށް އުފަންކުރި ސަބަބެކެވެ. މިބީޗްގައި ހުރެ ބަލާލާއިރު އެހެން ކޮންސެޕްޓެއްގައި ތަރައްޤީކޮށްފައިވާ ދެވަނަ ބީޗް ސަރަހައްދެއް ފެންނަން އޮވެއެވެ. އެސަރަހައްދުގެ ހަޓްތައް އަދި މުޅިން ތަފާތެވެ. އިހުގެ ހޮޅުއަށްޓާއި, އުނދޯލިގެއެއް ހުރުމުން މިތަނުން އިހުސާސްވީ އާއިލާ ތަކަށް, އުމުރުން ދުވަސްވީ ފަރާތްތަކާއެކު އައިސް އުފާވެރި ވަގުތުތަކެއް ހޭދަކޮށްލަން މާސަޅި ސަރަހައްދެއްގެ ގޮތުގައެވެ. ބާބިކިޔު ހެދޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ފެންވެރޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

މިއީ ކައުންސިލުން ތަރައްޤީކުރި ބީޗެކެވެ. ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޝްރަފް ވިދާޅުވީ މިއީ ކައުންސިލުން ޕްލޭންކޮށްގެން, ބަޖެޓްކޮށްގެން, ފިޔަވަހިތަކަށް ބަހާލައިގެން ތަރައްޤީކުރަމުން އައި ބީޗެއް ކަމަށެވެ. ސަރަހައްދު ކިތަންމެ ބޮޑު ނަމަވެސް ތަނުގެ ސާފްތާހިރުކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރެވުނެވެ. މިތަނަކީ ހަފްތާ ބަންދާއި, ހަވީރުގެ ވަގުތަށް ބާރުބޮޑު ސަރަހައްދެކެވެ.

މިލަންދޫގައި ތަރައްޤީކޮށްފައިވާ ދެ ބީޗަކީ މިލަންދޫއަށް ޒިޔާރަތްކޮށްލަން ރަނގަޅު ދެސަބަބެވެ. މިރަށުގައި ރަނގަޅު ޗުއްޓީއެއް ހަދާލަން ފަހިކޮށްދީފައިވާ ރަނގަޅު ފުރުޞަތެކެވެ. ހަގީގަތުގައިވެސް މިލަންދޫގައި ތަރައްޤީކޮށްފައިވާ ދެ ބީޗްވެސް ތަފާތެވެ.
މިއީ އަހަރީ ދަތުރުގައި މިލަންދޫއަށް ކުރި ދަތުރުގައި ތައްޔާރުކުރި އެއް ރިޕޯޓެވެ. އިތުރު ރިޕޯރޓްތައް ކުރިއަށް ހުރީއެވެ. ލިޔުމާއި ގުޅޭ ވީޑިއޯ މަތީގައި އެވަނީއެވެ.