ގުދުރަތީ ގޮތުން މުއްސަނދި ކުނަހަންދޫ ގައި ޚާއްޞަ ގިނަ ކަންތައްތަކެއް އެބަހުރި

1237

މިއީ ފަތުރުވެރިކަމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދޭނެ ރަށެކެވެ. ރަށުގެ އިހުތިސާސްގެ ތެރޭގައި, ރަށާ ކައިރީގައި އޮތް ދެ ފަޅު ރަށާއެކު ޑޮލަރުން ރައްޔިތުންގެ ޖީބުތައް މުއްސަނދި ކުރުމުގެ ފުރުޞަތޮ އޮތް ރަށެކެވެ. އަދި ކައިރީގައި އޮތް މެންދުއާއި ގުޅިގެންވާގޮތަށް އޮތް ކުޅިއަކީވެސް ގުދުރަތީ ގޮތުން މުއްސަނދި ރީތި, ސަރަހައްދެކެވެ. މިހާރުވެސް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަމާލުކަން ހުއްޓޭ ސަރަހައްދެކެވެ. ލޯކަލް ޓޫރިޒަމް ފައްކާކުރަން ބޭނުންކުރެވޭނެ ހިތްގައިމު ސަރަހައްދެކެވެ.

ކުނަހަންދޫ ޗަކަ ކުޅި

އެއާއެކު ފެހިކަން ގަދަ މަގުތަކުން ދަތުރުކޮށް ދެވެން އޮތްނަ ޗަކަ ކުޅިއަކީ ވެސް މިރަށުގެ ޚާއްޞަ ތަނެކެވެ. ފަތުރުވެރިންނަށް ޚާއްޞަކޮށް ތަރައްޤީކުރެވޭނެ މަގްބޫލް ސަރަހައްދަކަށް ހެދިދާނެއެވެ. ވަށައިގެންވާ ގަސްތަކާއެކު ކުޅި ހިމެނޭ ސަރަހައްދުން ފެންނަނީ ގުދުރަތީ މުއްސަނދި ކަމެވެ.

މިއީ އަނބުވެސް ތިޔާގި ރަށެކެވެ. ރަށުތެރެއަށް އަރައިގެންދާއިރު ކޮންމެ ދިމާއަކުންވެސް އަނބުގަސްތައް ފެންނަން ހުރެއެވެ. އަނބުގެ ވިޔަފާރިންވެސް ރަނގަޅު ނަފާއެއް ހޯދައެވެ.

މީގެއިތުރުންވެސް ރަށު ތެރޭގައާއިމީހުން ދިރިނޫޅޭ ސަރަހައްދަށް ދިއުމަށް އޮންނަ މަގުތަކާއި, ރަށުގައި މޫދުއެރުމާއި ޕިކްނިކް ދިއުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތަކަސް ދާން އޮންނަ މަގުތަކަކީވެސް ރުށްގަސްތަކާއެކު ފެހިކަން ގަދަ މަގުތަކެވެ. ރަށުގެ ދެ ސަރަހެއްދައި ޕިކްނިކް ދިއުމާއި, މޫދު އެރުމަށް ޚާއްޞަ ދެ ސަރައްހައްދެއް މިހާރުވެސް އެބައޮތެވެ.

ކުނަހަންދޫގައި މޫދަށް އެރިލަން އޮތް އެންމެ ހިތްގައިމު ސަރަހައްދު

ރަށުގެ ގުދުރަތީ ރީތިކަމުގެ ނަފާ ހޯދުމަށް ކުނަހަންދޫ ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ ހިތަދުއާއި ކުނަހަންދޫ އާއި ދެމެދު ކޯޒްވޭއަކުން ގުޅާލެވި, އެދެމެދުގައި އޮތް މެންދޫގައި އެއަޕޯރޓެއް އެޅުމެވެ.

މެންދޫ އެއަޕޯރޓް ހަގީގަތަކަށް ވެއްޖިއްޔާ މިހާރު ހިތަދޫ ކުޅިއަށް ޒިޔާރަތްކުރާ ވަރަށްގިނަ މީހުން ކުނަހަންދޫއަށް ޒިޔާރަތްކުރާނެ ކަމަށް ފެންނަނީ, ހިތަދޫ ކުނަހަންދޫ އެއް ކޯޒުވޭއަކުން ގުޅިފަ އޮވެއްޖިއްޔާ. އުއްމީދުކުރަނީ ކުނަހަންދޫވެސް ވެގެންދާނީ މުސްތަގުބަލުގައި މީހުން ޒިޔާރަތްކުރާ ހިތްގައިމު ރަށަކަށޭ. ކުނަހަންދޫ މީހުންނަކީ މީހުންނަށް ވަރަށް އިހުތިރާމްކުރާ, މެހުމާންދާރީ އަދާކުރާ ރަށެއް.

އިބްރާހީމް ޝަކީބު/ ކުނަހަންދޫ ކައުންސިލްގެ ރައީސް

ކުނަހަންދޫއަކީ ބިންބޮޑު ރަށެކެވެ. 92 ހެކްޓަރުގެ މިރަށުގައި ދަނޑުވެރިކަން ކުރެއެވެ. ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބާވަތްތައް އެތެރެނުކޮށް ލިބޭވަރަށް ދަނޑުވެރިން ހައްދައެވެ. ކައުންސިލް ރައީސް ޝަކީބު ވިދާޅުވީ ޚާއްޞަކޮށް ރޯދައަށް ރަށުން ބޭރުން ގެންނަންޖެހެނީ ވަރަށް މަދު ބާވަތެއް ކަމަށެވެ. ބިން ބޮޑު މިރަށުގައި މީހުން ދިރިއުޅެނީ ތިންބައިކޮޅަ ދެބައިގަ އެވެ.

ކުނަހަންދޫ ޗަކަ ކުޅިއަށް ދާ މަގު

ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު ގިނަ މްޝްރޫޢުތަކެއް ފެށި ނަމަވެސް, މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ކައުންސިލްގެ އެބައޮތެވެ. ރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަސައްކަތަކީ ފެނަކަ އޮފީސް އިމާރާތާއި, ޞިއްޙީ މަރުކަޒުގެ ވަށާފާރުގެ މަސައްކަތެވެ. އެހެން މަސައްކަތްތައް ހުރީ ހުއްޓިފައެވެ. ފެށި ނަމަވެސް ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރޭގައި:

– ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް

– ސްކޫލަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް

– ފުޓްސަލް ދަނޑުގެ މަސައްކަތް

ނަރުދަމާގެ މަސައްކަތް ނިންމާ ނުލެވި އޮތުމަކީ ރަށުގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ތަކުލީފެވެ. ރަށުގެ ފެންތިލަ ވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ބޮޑެވެ. މިއީ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ޚާއްޞަކޮށް ކްރިކެޓްގައެވެ. ގައުމީ ކްރިކެޓް ޓީމްގައި މިރަށު ކުޅުންތެރިން ގިނައެވެ. މީގެއިތުރުން ފުޓްސަލް އާއި, ވޮލީ އާއި ބަށްޓަކީވެސް މިރަށުގެ ޒުވާނުން ކުޅޭ ކުޅިވަރުތަކެވެ. ގުދުރަތީ ވިނަޔާއެކު ރީތި ފުޓްބޯޅަ ދަނޑެއް މިރަށުގައި އެބައޮތެވެ.

ލ.ކުނަހަންދޫ

ގްރޭޑް 10 އަށް ކިޔަވައިދޭ މިރަށަށްވެސް އެހެން ގިނަ ރަށްތަކަށް ދިމާވެފައިވާ ހިޖުރަކުރުމުގެ މައްސަލަ ބޮޑެވެ. ކޮންމެ އަހަރަކުވެސް ދެ އާއިލާއެއް ރަށް ދޫކޮށް ހިޖުރަކުރެއެވެ. ނަތީޖާއަކީ ރަށުގައި ފަޅުގެތައް ހުރުމެވެ. މިއީ ހާހެއް ހަމަނުވާ އާބާދީއެކެވެ. ރަށުގައި ހައްސަތޭކައެއްހ މީހުން ދިރިއުޅެއެވެ.

މިރަށަށްވެސް ޒިޔާރަތްކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރެވެ. މާލެއިން, ވައިގެ މަގުން ކައްދޫއަށް އަދި ކައްދޫން ކުނަހަންދޫއަށް ދިއުމަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

ރިޕޯޓާއި ގުޅޭ ވީޑިއޯ މަތީގައި އެވަނީ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.