މީހުން ދިރިއުޅޭ ސަރަހައްދާ ރަށުގެ ނިސްބަތުން ދުރު ސަރަހެއްދެކެވެ. އެސަރަހައްދަށް ދާން އޮންނަ މަގަކީ ދެފަރާތުގައި ގަސްތައް ހެދިފައިވާ ގުދުރަތީ ގޮތުން ހިތްހަމަ ޖެހުން އިހުސާަސްކޮށްދޭ މަގެކެވެ. މިއީ ނ.ޅޮހީ ނޭޗަރ ޕާރކް ސަރަހައްދަށް ދާން އޮތް މަގެވެ.

ފުރަތަމަ ވަދެވެން ހުރީ ހިޔާކޮށްފައިވާ ގެއެއް ހިމެނޭ ސަރަހައްދަށެވެ. އެތަނުގައި މަޑުކޮށްލެވެން ހުއްޓެވެ. އެތަނުން ނިކުމެގެން ކުރިއަށްދާނެ މަގު ވަނީ ތައްޔާރުކޮށްފައެވެ. ޗަކަ ބިމުގެ ވަށައިގެން ވަނީ ގަސްތަކެވެ. ޚައްޞަކޮށް މެދުގައި ހުރި ބޮޑު ކުއްޅަވަށްގަހުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބެއެވެ. މިރަށަކީ ކޮންމެވެސް ވަރަކަސް ކުއްޅަވަށް ގަސްހުރި, ކުއްޅަވަށް ހެދޭ ރަށެކެވެ.
މަގުގެ ދެފަރާތުން ގަސްތަކުގެ ތެރެއިންގޮސް ނިކުމެވޭ އެންމެ ހިތްގައިމު ސަރަހައްދަކީ އިރުއޮއްސޭ މަންޒަރު ބަލަން ޚާއްޞަކޮށްފައިވާ ސަރަހައްދެވެ. މައްޗަށް އަރާ މަޑުކޮށްލެވޭ ގޮތަށް ވަނީ ތައްޔާރުކޮށްފައެވެ. ނިކުމެވެނީ ދޮންވެލި ތުނޑި އަށެވެ. މަޑުކޮށްލައިގެން ތިބޭއިރު ރާޅު ޖަހާ ހިތްގައިމު އަޑު އިވެމުން ދިއުމާއެކު ސަރަހައްދުގެ ހިތްގައިމުކަމާއި, ހިތަށް ލިބޭ ފިނިކަން ބޮޑެވެ.

މިއީ ކޮންމެވެސް ވަރަކަސް ފަތުރުވެރިންވެސް ޒިޔާރަތްކުރާ ސަރައްހެއްދެ ކަމަށް ކައުންސިލް މެމްބަރު އަރީން ވިދާޅުވިއެވެ. މިސަރަހައްދަށް މަދުވަނީ ކޮފީ ބޯލެވޭނެ އިންތިޒާމެކެވެ. މިއީ އަދިވެސް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރެވެން އޮތް ސަރަހައްދަކަށް ވާތީ އިތުރު ވަޞީލަތްތައް ގާއިމްކޮށް ފުރިހަމަކަން ގެންނާނެކަމަށް އުއްމީދުކުރެވެއެވެ.

މީގެ އެންމެ ޚާއްޞަކަމަކީ އަދި ފާހަގަކުރަން ޖެހޭކަމަކީ މިއީ ރަށުގެ ޖަމްއިއްޔާއެއްގެ މަސައްކަތް ކަމެވެ. ޖަމްއިއްޔާގެ ހަދިޔާއެއް ކަމެވެ. މިއީ އައިލެންޑް ކޮންވަރޒޭޝަން ޕްރޮޖެކްޓް (އައިސީޕީ) ގެ ހަދިޔާއެކެވެ.
ނޯޓް: ލިޔުމާ ގުޅޭ ވީޑިއޯ މަތީގައި އެވަނީއެވެ.
