ލ.ކުނަހަންދޫއަކީ އާބާދީގައި ހާހެއް ހަމަނުވާ ރަށެކެވެ. ކުރިއަށް ދިއުމުގައި ހުރަސްތަކެއް ހުރި, އެކަމަކު ކުރިއަށްދާން ފުރުޞަތުތަކެއްވެސް އޮތް ރަށެކެވެ. އަތުނުޖެހޭ ވަރަށް ދެމިގަންނަން ކުނަހަންދޫއަށް އޮތް ފުރުޞަތަކީ އެރަށުގެ އިހުތިސާސްގެ ތެރޭގައި ދެ ފަޅު ރަށް އޮތުމެވެ.

ކުނަހަންދޫގެ އިހުތިސާސްގެ ތެރޭގައި އޮތް ދެ ރަށަކީ ‘އޮޅުތޮޅު’ އާއި ‘ބޮޑުހުރާ’ އެވެ. މީގެތެރެއިން ބޮޑުހުރާ ވަނީ ތިން އަހަރަށް ކުއްޔަށް ދީފައެވެ. ކައުންސިލުން ބުނީ އެރަށް ކުއްޔަށް ދިނީ ބެލެހެއްޓުމަށް ކަމަށެވެ. އެރަށުގައި ދަނޑުވެރިކަން ކުރެއެވެ. ކުކުޅު ގެންގުޅެއެވެ. ދެން އޮތް އޮޅުތޮޅު ފަތުރުވެރިކަމަށް ތަރައްޤީކުރުމަކީ ކައުންސިލްގެ ތަސައްވަރެވެ. އެތަސައްވަރު ކުރަހާ ލޭންޑް ޔޫޒް ޕްލޭންގައި ދަނީ ހިމަނަމުންނެވެ.
އިހުތިސާސްގެ ތެރޭގައި އޮތް ދެރަށްވެސް އޮތީ ކައުންސިލުން ރަށުގައި ތަރައްޤީކުރާ ރިއިމޭޖިންގ ޓޫރިޒަމް ސަރަހައްދާ ދިމާގައެވެ. އެއީ ކައުންސިލުން ތަރައްޤީކުރާ ޕިކްނިކް ސަރަހައްދެވެ. ރަށުގެ ރައްޔިތުންނަށާއި, ރަށަށް ޒިޔާތަތްކުރާ ފަރާތްތަކަށާއި, ކުރިމަގުގައި ފަތުރުވެރިންނަށްވެސް ޚާއްޞަ ސަރަހައްދެވެ.

އެސަރަހައްދު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކައުންސިލުން ވަނީ ފަށާފައެވެ. އެގޮތުން ކުޑައާއި, ހަޓްތައް ވަނީ ޖަހާފައެވެ. ކުޑަކުދިންގެ އުނދޯލި އެލުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެސަރަހައްދުގެ މޫދުގައި ބެޑެއް އަޅާ ފުރިހަމަ ތަނަކަށް ހެދުމުގެ ތަސައްވަރަކާއެކު ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
މިސަރަހައްދު ތަރައްޤީކުރަން ނިންމާފަ މިއޮތީ މިތަނުގައި (މޫދުގައި) ބެޑެއްލާފައި, މިސަރަހައްދު އެއްކޮށް ކޮނެލާފަ, ކުދިންނަށް މޫދު އެރެވޭގޮތަށް. ބާބަކިޔު ހެދޭނެ އިންތިޒާމް ހަމަޖައްސަން މަސްކަނޑާތަނެއް ހެދޭނެ. މިސަރަހައްދުގައި ގެއާއި ބަދިގެ އަޅާނެ, މަޑުކޮށްލެވޭނެ ތަންތަން ހަދާނެ. ފެންވަރާނެ ސަރަހައްދެއް ގާއިމްކުރާނެ.
އިބްރާހީމް ޝަކީބު/ ލ.ކުނަހަންދޫ ކައުންސިލް ރައީސް
ކައުންސިލުގެ ވިސްނުމަކީ ރިމިމޭޖިންގ ޓޫރިޒަމްގެ ގޮތުގައި ތަރައްޤީކުރާއިރު އޮޅުތޮޅުގައި ގެސްޓްހައުސް ހެދުމެވެ. ފަތުރުވެރިންނަށް ޚާއްޞަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްޤީކުރުމެވެ. އެއާއެކު ކުނަހަންދޫން އެރަށަށް ކެނޯގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި މިވަގުތު ކުއްޔަށްދީފަ އޮތް ބޮޑުހުރާ އަށްވެސް ކެނޯގައި ގޮސް ދަނޑުވެރިކަންކުރާ ސަރަހައްދާއި, ކުކުޅު ގެންޅު ގެންގުޅޭ ސަރަހައްދު ފަތުރުވެރިންނަށް ދައްކައިގެންވެސް އާމްދަނީގެ ދޮރުތަކެއް ހުޅުވުމެވެ. އިހުތިސާސްގެ ތެރޭގައި އޮތް ދެރަށަށްވެސް ކެނޯގައި ފަތުރުވެރިންނާއި, ރަށަށް ޒިޔާރަތްކުރާ އެހެން ފަރާތްތަކަށްވެސް ދެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އެދެރަށަކީ ފަތުރުވެރިންގެ މަގްބޫލް ދެރަށަށް ހެދުމެވެ. މުޅި ކުނަހަންދޫ ބަދަލުކޮށްލުމެވެ.
ނޯޓް: ކުނަހަންދޫއަށް ދެވުނު ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން ސާފް ވީޑިއޯއާއި އެކު ރީތި މަންޒަރުތަކެއް ނުނެގުނީއެވެ.