މ.ވޭވަށުގެ އެންމެ ޚާއްޞަ ތަނަކީ ހުކުރު މިސްކިތް

1146

މ.އަތޮޅު ކައުންސިލްގެ ވެބްސައިޓްގައިވާ ގޮތުން ވޭވަށު ހުކުރު މިސްކިތަކީ 450 އަހަރަށްވުރެ ގިނަ ދުވަސްވީ މިސްކިތެކެވެ. އެއީ ހިރިގަލުން ފަތޮޅުކަނޑާ ހަދާފައިވާ މިސްކިތެކެވެ. ހިމާޔަތްކޮށްފައިވާ އެމިސްކިތުގެ އިންފާރު ތެރޭގައި ނަމާދު ވަގުތު ބެލޭގޮތަށް ހިރިގަލުން ހަދާފައިވާ ގަލެއް އޮވެއެވެ. އެމިސްކިތަކީ މިހާރުވެސް ނަމަދުކުރުމަށް ބޭނުންކުރާ މިސްކިތެކެވެ. މިސްކިތް ބަލަހައްޓަނީ ކައުންސިލުންނެވެ.

ވޭވަށު ހުކުރު މިސްކިތް

މިސްކިތުގެ ގޯތި ތެރޭގައި ވަނީ ބޮޑު ގަބުރުސްތާނެކެވެ. އެގަބުރުސްތާނުގެ ބޮޑު މިނުގައި 4 ހެކްޓަރު ހުންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ތުދެއްވިއެވެ. ގަބުރުސްތާނުގައި ވަރަށްގިނަ މަހާނަ ގާތައް މިހާރުވެސް އެބަހުއްޓެވެ. މިއީ އެންމެ ފުރަތަމަ މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެއްކަމަށް ބެލެވިދާނެ ނިޝާންތަކެކެވެ. މިސްކިތުގެ އިންފާރު ތެރޭގައި ހިރިގަލުން ހަދާފައިވާ ވަޅުވެސް ހުރެއެވެ. ސުނާމީ ކާރިސާއާ ހަމައަށްވެސް އެވަޅުގެ ފެން ބުއިމަށް ބޭނުންކުރިއެވެ. ކައުންސިލް ރައީސް މަމްދޫހު ވަހީދު ވިދާޅުވީ އެވަޅަކީ ފެން މީރު ވަޅެއް ކަމަށެވެ.

ވޭވަށަކީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. 2023 ވަނަ އަހަރު ނިމުނުއިރު އެރަށުގެ އާބާދީ އަކީ 365 އެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 280 އެއްހާ މީހުންކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. ރަށުގައި ދިރިއުޅޭ އާބާދީ އާމްދަނީ ހޯދުމަށް ތަފާތު މަސައްކަތްތައް ކުރެއެވެ. މަސްވެރިކަމާއި ފައިބަރުގެ މަސައްކަތްތަކެވެ. ފުޅާ ދާއިރާއެއްގައި މަސްކައްކާ ހިއްކައެވެ. އަންހެނުންގެ މައިގަނޑު މަސައްކަތަކީ ފަންގިވިނުމެވެ. އެމަސައްކަތް ރަނގަޅަށް ކުރާ އަންހެނުން ދުވާލަކު ދޭއް ނުވަތަ ތިން ބޮނޑި ވިދެލައެވެ. ފަންބޮނޑިއެއް ވިއްކަނީ 90 ރުފިޔާ އަށެވެ.

ވޭވަށުގައި އަންހެންވެރިން ފަންގިވިންނަނީ

އާބާދީ ކުޑަޔަސް މިދިޔަ ދައުރުގެ ތެރޭގައި ތަރައްޤީގައި ކުރިއެރުންތަކެއް ލިބުމަކީ ރަށުގެ ރައްޔިތުންނަށް އޮތް ބޮޑު ހިތްހަމަ ޖެހުމެކެވެ. 800 ފޫޓް 300 ފޫޓްގެ ބަނދަރެވެ. ފެނަކަ އޮފީސް އިމާރާތާއި, އިންޖީނުގެ އެވެ. ރަށު ކޯޓްގެ އާ އިމާރާތެވެ. އައުޓްޑޯ ޖިމާއި, ކުޑަކުދިންގެ ޕާކެވެ. މިއީ މުޅިން ނިމި ބޭނުންކުރާ ތަންތަނެވެ. މީގެއިތުރުން މިދިޔަ ދައުރު ނިމުނުއިރު ނިންމާނުލެވުނު މަސައްކަތްތަކެއްވެސް އެބަހުއްޓެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ ނުލެވުނަސް މަސައްކަތް ފެށި ކުރިއަށް ދިއުމަކީ ރަށުގެ ރައްޔިތުންނަށް އޮތް ހިތްހަމަ ޖެހުމެކެވެ. ރަށު ކައުންސިލް އިދާރާގެ އާއިމާރާތާއި, ސްކޫލް ދެބުރި އިމާރާތާއި, ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީ ފަށައިގެން ކުރިއަށް ދިޔަނަމަވެސް މިދިޔަ ދައުރުގެ ތެރޭގައި ނިންމާ ނުލެވުނު މަސައްކަތްތަކެވެ.

ރަށުގެ އާބާދީއާ މާބޮޑަށްވެސް ނުބައްދަލު ތަރައްޤީ ރަށަށް ގެނެވިއްޖެ

މަމްދޫހު ވަހީދު/ ވޭވަށު ކައުންސިލް ރައީސް

ރަށަށް އޮތް ގޮންޖެހުންތަކަށް ބަލާއިރު ތައުމީލީ ދާއިރާއާއި ސިއްހީ ދާއިރާއިން އޮތް ގޮންޖެހުން ބޮޑެވެ. އާބާދީ މަދު ވޭވަށުގައި ކިޔަވައިދެނީ ގްރޭޑް ހަޔަކަށެވެ. މ.އަތޮޅު ކައުންސިލްގެ ވެބްސައިޓްގައި ވާގޮތުން ސްކޫލްގައި ކިޔަވަނީ 36 ދަރުވަރުންނެވެ. މީގެއިތުރުން ޕްރީސްކޫލްގައި 11 ދަރިވަރުން ކިޔަވައެވެ. ޞިއްހީ މަރުކަޒުގައި ޑޮކްޓަރަކާއި ދެ ނަރުހުން ޚިދުމަތް ދެއެވެ.

ވޭވަށުގައި ބަނދަރެއް ވަނީ ހަަދައިދީފަ

ވޭވަށަކީ 45.2 ހެކްޓަރު ބޮޑު ރަށެކެވެ. ނަމަވެސް މީހުން ދިރިއުޅެނީ 5.2 ހެކްޓަރުގައެވެ. މިރަށާ މާލެއާ ދެމެދު ސްޕީޑް ލޯންޗްގައި ދެގަޑި ތިރީސް މިނިޓުން ދަތުރު ކުރެވެއެވެ. ކޮޅަކަށް 600 ރުފިޔާ ނަގައެވެ. މިއީ ވޭވަށެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.