މިރަށަށް މާލެ ދަތުރުކުރާ އުޅަނދެއް ނުޖައްސާ!

2375

މިރަށުގެ ރަޖިސްޓްރީގައި އޮތީ 233 މީހުންގެ ނަމެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 150 އެއްހާ މީހުންނެވެ. އެކަމަކު އެއިން ކޮންމެ މީހަކީވެސް ތަފާތު އެކި ބޭނުންތަކުގައި ވެރިރަށް މާލެ ސިޓީއަށް ދަތުރުކުރަން ޖެހޭ މީހެކެވެ. އެހެން ކޮންމެ ރަށެއްގެ ކޮންމެ މީހެކޭ އެއްފަދައިން ތަފާތު އެކި ޒަރޫރީ ބޭނުންތަކާއި, ޞިއްހީ ސަބަބުތަކަށް ޓަކައި މާލެ ނުގޮސް ވާކަށް ނެތެވެ. އެކަމަކު އެކަމަށް މިރަށުގެ ރައްޔިތުންނަށް އޮތް ގޮންޖެހުން ބޮޑެވެ.

ޑިންގީ އެއް ރަތްމަންދޫ ޖެޓީއާ ކައިރިކުރަނީ

މިރަށުގެ ޖެޓީއަށް މާލެ ދަތުރުކުރާ އެއްވެސް އުޅަނދެއް ކައިރިއެއް ނުކުރެއެވެ. މާލެ ދަތުރުކުރާ ސްޕީޑް ލޯންޗް ފަހަރުން ވެސް މިރަށް އޮންނަނީ ބާކީ ކޮށްފައެވެ. އެއިން ލޯންޗެއްގައި މާލެ ދާން ބޭނުންނަމަ ކައިރީގައި އޮތް ދިއްގަރު ނުވަތަ މަޑުއްވަރި އަށް ދިއުން ނޫން ގޮތެއް ނެތެވެ. އެއީ ފަނަރަ ވަރަކަށް މިނިޓްގެ އިތުރު ދަތުރެކެވެ. އެހެން ނޫންނަމަ ދެން އޮތް ގޮތަކީ ދެ މިނިޓުން ދެވޭ ހިސާބުގައި އޮތް ރިސޯރޓަށް ދަތުރުކުރާ ސީޕްލޭން ޖާގައެއް ބޮޑު އަގުގައި ހޯދުމެވެ. މިއީ މ.ރަތްމަންދޫ ރައްޔިތުން އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފެކެވެ.

އަޅުގަނޑުމެން މާލެ ދާން ބޭނުންވާ ފަރާތްތަކުން އެއީ ބަލިމީހެއް ކަމުގައި ވިޔަސް މިޖެހެނީ ކައިރި މިއޮތް މަޑުއްވަރި ނުވަތަ ދިއްގަރަށް އިތުރު ދަތުރެއް ކުރަން. މިއީ މިވަގުތު ރަތްމަންދޫގައި ދިރިއުޅޭ މަދު އާބާދިއަށް ދިމާވާ ވަރަށްބޮޑު ގޮންޖެހުމެއް.

އިސްމާއީލް ނާހިދު/ ރަތްމަންދޫ ކައުންސިލް ރައީސް

ދަތުރުފަތުރުގައި ރަތްމަންދޫއަށް މިވަގުތު ލިބިފައިވާ ހިތްހަމަ ޖެހުމަކީ މިދިޔަ ދައުރުގެ ފަހުކޮޅު މ.އަތޮޅުގައި އެމްޓީސީސީން ސްޕީޑް ލޯންޗްގެ ފެރީ ދަތުރުތައް ފެށުމެވެ. އަތޮޅުގެ ހުރިހާ ރަށެއް ގުޅާލުމުން އަތޮޅުގެ ކޮންމެ ރަށަކަށް ފަސޭހަކަމާއެކު ދެވޭނެ މަގު ތަނަވަސްވުމެވެ. ނަމަވެސް އެއީ ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ވަގުތުގައި ލިބޭ ފުރުޞަތެވެ. އެއީ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލައަށް އޮތް ހައްލެއް ނޫނެވެ.

ރަތްމަންދޫއާ އެއް ފަޅެއްގައި އޮންނަ ރިސޯރޓް

ދަތުރުފަތުރަށްފަހު ރަތްމަންދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތައުލީމީ ހާލަތެވެ. ރަށުގެ އާބާދީ މަދުކަމާއެކު ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް ހަޔަކަށެވެ. ނަތީޖާއަކީ އެހިސާބުން ހިޖުރަ ކުރަން ޖެހުމެވެ. ރަށުގެ އާބާދީ ރަށުގައި ހިފެހެއްޓޭކަށް ނެތެވެ.

އާބާދީ ކުޑަޔަސް މިދިޔަ ދައުރުގެ ތެރޭގައި ރަތްމަންދޫއަށް ލިބުނު ހިތްހަމަޖެހުންވެސް ބޮޑެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކެއް ފެށުމެވެ. މުޅިން ނިންމާ ނުލެވުނަސް ފެނާއި ނަރުދަމާގެ މަސައްކަތްވެސް ނިމުމަކާ ގާތަށް މަސައްކަތް ކުރިއެވެ. މިވަގުތު މަސައްކަތް ހުއްޓިފައި އޮތަސް, މަސައްކަތް ނިންމަން ބޭނުންވާ ސާމާނުވެސް ހުރީ ރަށުގައެވެ. ކައުންސިލްގެ އާއިދާރާގެ މަސައްކަތުގެ ބޮޑުބައެއްވެސް ވަނި ނިމިފައެވެ. ފެނަކަ އިންޖީނުގެ މުޅިން ނިންމާ ޚިދުމަތް ދެނީ އާ އިންޖީނުގޭގައެވެ.

މ.ރަތްމަންދޫ

އާބާދީ މަދަސް, ރަށް ކުޑަޔަސް ރަތްމަންދޫ އަކީ ސަޅި މާހައުލެކެވެ. ގުދުރަތީ ގޮތުން ބަލާއިރު އެންމެ ރީތި ރަށަކަށް ނުވިޔަސް ހިތްގައިމު ރަށެކެވެ. ކުށުގެ ވެށްޓާ ދުރު އަމާން މާހައލުލެކެވެ.

ނޯޓް: ރަށުގެ އިތުރު މައުލޫމާތާއި, ރީތި މަންޒަރުތައް މަތީގައިވާ ވީޑިއޯ ރިޕޯރޓުން ބަލާލެލޭނެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.