ލޯފަން ޒުވާނުން މ.އަތޮޅުގެ ހުރިހާ ރަށަކަށް ކުރި ދަތުރުގައި ހިއްސާކުރީ އެމީހުންނަށް ހުރި ގޮންޖެހުންތަކެއް. ތަޖުރިބާކުރަން ޖެހިފައިވާ ހިތްދަތި ކަންތައްތަކެވެ. ޚިދުމަތް ލިބިގައިތުމުގައި ހުރި ބޮޑަތި ގޮންޖެހުންތަކާއި, ތަފާތުކުރުން ތަކެވެ. ޚިދުމަތް ދޭ ފަރާތްތަކުން އެނގުމާއި ނޭންގުމުގެ ތެރޭގައި ވެފައިވާ އިހުމާލު ތަކެވެ.

ޚިދުމަތުގެ ގޮންޖެހުންތަކުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރިއެވެ. ސަރުކާރުގެ މައި އެއްކުންފުނި އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމުންވެސް އެޒުވާނުން ތަޖުރިބާ ކުރަން ޖެހިފައިވަނީވެސް އުނދަގޫތަކެވެ. ދެވެނީ ކޮން ރަށަކަށް ކަން, ބަނދަރު ކުރީ ކޮން ރަށަކަށް ކަން, އިނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އާރުޓީއެލް ފެރީގެ ނިޒާމުން އެކަނި އެކަން އެނގިފައި އޮތުމަކީ ހައްލެއް ނޫންކަމަށް އެޒުވާނުން އަޑު އުފުލިއެވެ. މ.އަތޮޅަކީ އެމްޓީސީސީގެ ލޯންޗް އަދި ދޯނި ފެރީގެ ނިޒާމެއް އޮތް އަތޮޅެކެވެ. އެޒުވާނުންގެ އަޑު މ.އަތޮޅުގެ ފެރީތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ހަމައަށް ފޯރިއެވެ.
ލޯފަން ޒުވާނުން މ.އަތޮޅުގެ ފަސް ރަށެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ނިންމުމަށްފަހު ހަވަނަ ރަށަށް ދަތުރުކުރި އިރު ބަދަލެއް ފާހަގަކުރެވުނެވެ. އެމްޓީސީ ފެރީން ދަތުރަށް ފެށީ ދެން ދާން އޮތް މަންޒިލް ބުނެދިނުމަށްފަހުއެވެ.

މިއީ އުސޫލަށް ވަކި ބަދަލެއް ގެނެސްގެން, ނުވަތަ ޤާނޫނަކުން, ގަވާއިދަކުން ލާޒިމްކޮށްގެން ގެނައި ހެޔޮ ބަދަލެއް ނޫނެވެ. އަދި ކުންފުނިން އަންގައިގެން ގެނައި ބަދަލެއްވެސް ނޫނެވެ. ލޯފަން ޒުވާނުންގެ އެ ކަންބޮޑުވުންތައް ލޯންޗްގެ ކެޕްޓަނާއި ފަޅުވެރިންނަށް ފޯރުމުން އެމީހުން އަމިއްލައަށް ގެނައި ބަދަލެކެވެ. މިބަދަލުގެ އިތުރުން އެމްޓީސީސީ ފެރީގެ ކެޕްޓަނާއި, ފަޅުވެރިންގެ ފަރާތުން ޚާއްޞަ ގާތްކަމަކާއި އެހީތެރިކަން މިދަތުރުގައި ލބިގެން ދިޔައެވެ. އެމީހުން ވަނީ މުއައްސަސާ ތަކަށް އަމާޒުކޮށްގެން ދިއްގަރުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ވެސް ބައިވެރިވެފައެވެ. މ.އަތޮޅަށް ލޯފަން ޒުވާނުން ކުރި ދަތުރުގައި އެތެރޭގެ ދަތުރުތައް އެމްޓީސީސީގެ ފެރީގެ ނިޒާމުން އެޒުވާނުން ކުރީ ‘ހިލޭ’ އެވެ. އެކަމަށް ހައްގު ޝުކުރު އަދާކުރަމެވެ.
މިވަރަކުން ނުފުދެއެވެ. ދަތުރުފަތުރުގެ ޚިދުމަތްދޭ ހުރިހާ ފަރަތްތަކުން މިބަދަލު ގެންނަން ޖެހެއެވެ. ކުޑަ އެހެނަސް މުހިއްމު މިބަދަލު ގެނެސް ލޯފަން ޒުވާނުންނަށް އެކަނި ދަތުރުފަތުރުކުރުމުގައި އެހީތެރިވާން ޖެހެއެވެ.