މާލެއިން ފުރައިގެން ސްޕީޑް ލޯންޗްގައި ދެގަޑި ތިރީހަކަށް މިނިޓުން ދެވޭ މ.ނާލާ ފުށްޓަކީ 500 އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގެ އާބާދީގެ ބޮޑުބައި ދިރިއުޅެނީ ރަށުގައެވެ. 400 އަށްވުރެ ގިނަ މީހުން ރަށުގައި ދިރިއުޅެއެވެ. ރަށުގެ ގިނަ ޒުވާނުން ރަށާ ކައިރީގައި އޮތް ދެ ރިސޯރޓެއްގައި މަސައްކަތްކުރާތީ އެއާބާދީ އަކީވެސް ރަށުގައި ދިރިއުޅޭ އާބާދީއަކަށް އޮންނަނީ ވެފައެވެ.

ނާލާފުށި ކައުންސިލް ރައީސް އަހުމަދު ޒުބެއިރުގެ ސައިކަލް ފަހަތުގައި ރަށުތެރެ ބަލާލަން ހޭދަވީ ފަނަރަ ވަރަކަށް މިނިތެވެ. ކުޑަ ރަށެއް އިތުރަށް ކުޑަވީ ސައިކަލްގައި ނިކުތުމުންނެވެ. ސައިކަލް ދަތުރުގައި ދެކެވެނު ވާހަކަތަކުން ފާހަގަވީ ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ފަންގިވިނުން ކަމެވެ. އެކަމަކު ރަށް ކުޑަވުމުން ފަންގިވިނުމުގައި ދަތިތައް ހުރިކަން ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. ކައިރި ފަޅުރަށްތަކުގައި ރިސޯރޓް ހެދުމުން ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުޞަތު ތަނަވަސްވިޔަސް, ފަންގި ވިންނަ ފަރާތްތަކަށް އެކަންވީ ގޮންޖެހުމަކަށެވެ.
މީގެއިތުރުން ރިހާކުރުގައިވެސް ނާލާފުށްޓަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ދެ ބިމެއްގައި ފުޅާދާއިރާއެއްގައި އެމަސައްކަތް ކުރެއެވެ. ކައުންސިލް ރައީޒް ޒުބެއިރުގެ ބަހުން ނަމަ ދިއްގަރު ރިހާކުރި މަޝްހޫރީ ނަމުންނެވެ. ނާލާފުށި ރިހާކުރުގެ ރަހަ މާރަނގަޅު ވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތައުލީމީ ގޮތުން ނާލާފުށްޓަކީ ނިސްބަތުން ފަހަތުގައި އޮތް ރަށެކެވެ. ކިޔަވައިދެނީ ގްރޭޑް 8 އަށެވެ. ސާނަވީ ތައުލީމްގެ ފުރަތަމަ މަރުހަލާ ފެށީ މިއަހަރު އެވެ. އޭގެ މަތީ ގްރޭޑް ތަކަށް ކިޔަވަން ކޮންމެ ދުވަހަކު ދަރިވަރުން ދަނީ ކައިރީގައި އޮތް މުއްޔަށެވެ. އެއީ މ.އަތޮޅު ތައުލީމީ މަރުކަޒަށެވެ.
ރަށުގެ އެންމެ ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ރަށުގެ ވަށައިގެން ޖޯލިފަތި ތަކާއި ފިނި މައިދާންތައް ހުރުމެވެ. އަދި ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ފާހަގަކުރާ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. އެކަން އަޅުގަނޑަށްވެސް ފާހަގަކުރެވުނެވެ.
މިރަށުގެ ބޭފުޅުންނަކީ ވަރަށް ހިތްހެޔޮ ބޭފުޅުންތަކެއް. ދެން ހަމަ މަގުމަތިން ފެނުނަސް ގޮވާލާ ކީއްކުރާ ބައެއްތޯވެސް އަހާލާނެ. ރަށަށް ޒިޔާރަތްކުރާ މެހުމާނުން މިކަން ފާހަގަކުރޭ.
އަހުމަދު ޒުބެއިރު/ ނާލާފުށި ކައުންސިލް ރައީސް
ކުޑަ މިއާބާދީ އަށް މިދިޔަ ދައުރުގައި ތަރައްޤީގެ މަޝްރޫޢުތަކެއް ފެށިއެވެ. އެކަމަކު އެމަޝްރޫޢުތައް ނިންމާ ނުލެވުމުގެ ކަންބޮޑުވުން ކައުންސިލްގެ އެބައޮތެވެ. ފެނާއި ނަރުދަމާގެ މަސައްކަތްވެސް ފަށާފައެވެ. އެކަމަކު ނިންމާ ޚިދުމަތް ލިބޭ ވަރެއް ނުވެއެވެ. ސްކޫލް ދެބުރި އިމާރާތުގެ މަސައްކަތް ފެށިއެވެ. އެކަމަކު ވަކި ހިސާބަކުން ހުއްޓުނީ އެވެ. މިވަގުތުވެސް ހުރީ ހުއްޓިފައެވެ. ފެށި މަސައްކަތްތަކުގެ ތެރެއިން ނިންމާލެވުނީ ފެނަކަ އިމާރާތާއި, އައުޓްޑޯ ޖިމާއި, ފުޓްސަލް ދަނޑެވެ. މީގެތެރެއިން ފުޓްސަލް ދަނޑު ވަނީ މަރާމާތަށް ބޭނުންވެފައެވެ. ރަށުގެ މެދުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލުކުރެވުމަކީ ރަށުގެ ރައްޔިތުން ބޮޑު ތަކުލީފަކުން ސަލާމަތްވުމެވެ. ރަށު ކައުންސިލުން ކުޑަކުދިންނަށް ރީތި ނަލަ ޕާކެއް ވަނީ އަޅައިދީފައެވެ. މިދިޔަ ދައުރުގެ ކައުންސިލުން ހެދި އެޕާރކް ބަލަހައްޓަނީވެސް ކައުންސިލުންނެވެ.

މިވަގު ރަށަށް ވަރަށް ބޭނުންވެފައިވާ އެހެން މަޝްރޫޢުތަކެއްވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ފުޓްބޯޅަ ދަނޑު ކަމަސް އިޝާރާތްކޮށް ދެއްކީ ވަލެވެ. ފުޓްބޯޅަ ދަނޑު ހަދައިދިނުމަކީ މިދިޔަ ސަރުކާރާއި މިސަރުކާރުގެ ވެސް ވައުދެއް ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކުނި މެނޭޖް ކުރާނެ ނިޒާމެއް ގާއިމްކުރުމަށް ކައުންސިލުން ވަނީ ބިމެއް ކަނޑައަޅާފައެވެ. އެކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ވުމަކީ ހިތްހަމަޖެހުމެކެވެ.
އެންމެ އަވަސް ހައްލެއް ބޭނުންވާ ކަންތައްތަކުގެ ތެރެއިން ފާހަގަކުރެވުނު އެއް ކަމަކީ ކައުންސިލް އިދާރާއެވެ. ރާއްޖޭގައި ހުރި އެންމެ ބާ އެއް ކައުންސިލް އިދާރާ ހުރީ މިރަށުގައެވެ. ކައުންސިލުން އުއްމީދުކުރަނީ ކުރިއަށް އޮތް އަހަރު އާ އިމާރާތެއް ކިބިގެން ދިއުމެވެ.

ނާލާފުށްޓަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކޮމަދޭބަން ހަމަޖެއްސުމެވެ. ގެސްޓް ހައުސްއެއް ނެތެވެ. މީހުން ދިރިއުޅޭ ގެތަކުންވެސް ކޮޓަރި ހޯދުން ފަސޭހައެއް ނޫނެވެ. ނަމަވެސް އަލަށް ގެތައް އިމާރާތްކުރަނީ މެހުމާނުންވެސް ޒިޔާރަތްކުރާނެ ކަމަށް ބަލައިގެންނެވެ. ރަށުގައި ދެކެފޭ ހުރެއެވެ. މިއީ އާބާދީގައި 540 މީހުންގެ ދަފްތަރެއް އޮތް ނާލާފުށްޓެވެ. ފުޅާ މިނުގައި 600 ފޫޓްގެ މިރަށަށް މާލެއިން ދިއުމަށް ކޮޅަކަށް 600 ރުފިޔާ ހޭދަވާނެއެވެ.
