ލޯފަން ކުދިންގެ އަހަރީ ކޭމްޕްގައި މިއަހަރު ދަތުރުކުރި މ.އަތޮޅުގެ ފަހު މަންޒިލަކީ ކުޑަ އާބާދީއެއް އޮތް މަޑުއްވަރި އެވެ. މ.އަތޮޅުގެ ހުރިހާ ރަށެއްގެ މުޖުތަމައު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރި ދަތުރުގެ އެންމެ ފަހު މަންޒިލް ވެގެންދިޔައީ އެހެން ރަށްތަކުން ނުފެންނަ ތަފާތު ކަންތައްތަކެއް ފެނުނު ދަތުރުގެ ބައިވެރިން ޝައުގުވެރިވި އަދި ހިތްހަމަޖެހުނު މުޖުތަމައު އަކަށެވެ.
މަޑުއްވަރިއަށް ފޭބުމާއެކު ރަށު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި, މުވައްޒަފުން އަދި މުއައްސަސާ ތަކާއި, ރައްޔިތުންގެ އިތުރު ސްކޫލް ދަރިވަރުންގެ ހޫނު މަރުހަބާއިން ދޭހަކޮށްދިނީ ހަގީގަތުގައިވެސް ލޯފަން ޒުވާނުންގެ އަޑު އަހާ އެމީހުންގެ ތަޖުރިބާތައް އިނގެން ބޭނުންވެފައިވާ މިންވަރެވެ.

އެހެން ރަށްތަކާ ހިލާފަށް މަޑުއްވަރީގައި ފުރަތަމަ އޮތީ ރަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ރަށުގެ ހުރިހާ މުއައްސަސާތަކުން ޖަމްއިއްޔާގެ މެމްބަރުންނާ ބައްދަލުކުރުމެވެ. ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައި އޮތް ބައްދަލުވުމުގައި ފުލުހުންވެސް ހިމެނޭ ގޮތަށް ރަށުގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވިއެވެ. ބައްދަލުވުން ފައްޓަވަމުން ކައުންސިލްގެ ރައީސް އިސްމާއީލް ނާފިއު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް މަޑުއްވަރީގެ މުޖުތަމައު ބައްޓަން ކުރަން ބޭނުންވާ ކަމަށާއި, އެމަގަށް ގެންދިއުމަށް ކުރަންވީ ކޮން ކަންތައްތަކެއްކަން ސާފްކޮށް އިނގެން ބޭނުންވާކަމަށެވެ. ލޯފަން ކުދިންތަކެއް މަޑުއްވަރިއަށް އަންނާތީ އުފާވެރިކަމެއް އިހުސާސްވިޔަސް މަރުހަބާ ކިޔަންވީ އަދި ކަންކަން އިންތިޒާމްކުރަންވީ ކޮންގޮތަކަށް ކަން ހަގީގަތުގައި އިހުސާސް ނުކުރެވުނު ކަމަށް ވިދާޅުވިއެވެ. އެއާ ވިދިގެން ދެއްވީ އެޒުވާނުންގެ ވާހަކަތައް އަޑު އަހާ, އެންމެންނަށް ފަހި މާހައުލަކަށް މަޑުއްވަރި ހަދާނެ ކަމުގެ ޔަޤީންކަމެވެ. ދަތުރުގައި ބައިވެރިވި ލޯފަން ޒުވާނުން ފަހަރަކު މީހަކު ވާހަކަ ދައްކާ ނިމުމުން ކައުންސިލް ރައީސް ވަގުތުކޮޅަކަށް މަޑުޖެހުނެވެ.
ހަގީގަތުގައި ނުކުޅެދެނީ ތިޔަބޭފުޅުންނެއް ނޫން. ނުކުޅެދެނީ މުޖުތަމައު. އަޅުގަނޑުމެންގެ މުޖުތަމައު ނުކުޅެދެނީ.
އިސްމާއީލް ނާފިއު/ މަޑުއްވަރި ކައުންސިލް ރައީސް
ބައްދަލުވުމުގައި ބައިވެރިވި އެރަށުގެ ފުލުސް އިންޗަރޖްވެސް ވިދާޅުވީ މިއަދަށްފަހު އޭނާ ހަވާލުވާ ކޮންމެ ރަށެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިވެރުނިކޮށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އެޔަޤީންކަމާއެކު ލޯފަން ޒުވާނުންގެ ހޫނު ތަރިހީބެއް ލިބިގެން ދިޔައެވެ. ރަށު ސިއްހީ މަރުކަޒުންވެސް ދެއްވީ އެފަދަ ޔަޤީންކަމެވެ.

އޭގެފަހުން މެންދުރަށް ޝެޑިއުލްކޮށްފައި އޮތީ މަޑުއްވަރީ ސްކޫލް ދަރިވަރުންނަށް ޚާއްޞަ ސެޝަނެކެވެ. މިއީ މިދަތުރުގައި ސްކޫލް ދަރިވަރުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދިޔަ ހަމައެކަނި ސެޝަނެވެ. އެއިންތިޒާމް ހަމަޖައްސާ, މަޑުއްވަރީ ކައުންސިލުން އެކަމަށް އެދުމުން ކުރިއަށް ގެންދިޔަ ސެޝަނަކީ ހަގީގަތުގައިވެސް އެންމެ ކާމިޔާބު އެއް ސެޝަނަށެވެ. ކުޑަކުދިން ނަމަވެސް ވަރަށް ރަނގަޅަށް, ކަނުލާ ވާހަކަތައް އަޑުއަހާ ސުވާލުތައް ކުރިއެވެ. ފޮތް ކިޔަނީ ކިހިނެއްތޯ އާއި ޢާއްމު ދިރިއުޅުމުގެ އެހެން ބައެއް ކަންކަން ކުރާ ގޮތާ މެދުވެސް ސުވާލުކުރިއެވެ. ލޯފަން ޒުވާނުންގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހަމުން ދިޔައިރު އެތުއްތު ކުދިންގެ މޫނުމަތިން ހަމަ ރަނގަޅަށްވެސް ހިތްދަތިކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ބައެއް ކުދިންނަށް އިހުތިޔާރުން ބޭރުން ބޯހޫރާލެވެމުން ދިޔައެވެ.

ރަށުގެ މުއައްސަސާތަކަށް ޚާއްޞަކުރި ސެޝަންވެސް ވެގެންދިޔައީ ބައިވެރިވުން ބޮޑު ސެޝަނަކަށެވެ. ބިނާކުރަނިވި މަޝްވަރާތަކެއްކޮށް, ރަނގަޅު ހުށަހެޅުންތަކެއް ހުށަހެޅިއެވެ. އެއާއެކު މަޑުއްވަރީގެ މުޖުތަމައުއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ރަށްޓެހި މާހައުލަކަށް ހަދާނެ ކަމުގެ ޔަޤީންކަން ދިނެވެ. ކޮންމެ މުއައްސަސާއަކުންވެސް އެމުއައްސަސާއެއްގެ ޒިންމާ އެކަމުގައި އަދާކުރައްވާނެކަމުގެ ޔަޤީންކަން ދިނެވެ.
ދަތުރުގެ ތަފާތު ކަންތައްތަކެއް ފެނުނު މަޑުއްވަރީގައި ހަވީރު އޮތީ ޚާއްޞަ ފުޓްބޯޅަ މެޗެވެ. ލޯފަން ޒުވާނުންނަށް ޚާއްސަ ބޯޅައިން އެޒުވާނުންނާއި މަޑުއްވަރީ ރައްޔިތުންގެ ތެރެއިން ޓީމަކާ ދެމެދު ކުޅުނު ޚާއްޞަ މެޗެވެ. އެމެޗުގައި މަޑުއްވަރީ ޓީމްވެސް ކުޅުނީ ކަނުބަދެ, ލޯފަން ޒުވާނުންގެ ހާލަތުގައި ތިބެއެވެ. މިއީވެސް އުފާވެރިކަން ގެނުވި ތަޖުރިބާއެކެވެ.

މަޑުއްވަރީގެ އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ދަތުރުގެ ބައިވެރިން ފާހަގަކުރީ ކެއުމެވެ. ކޮންމެ ވަގުތެއްގެ ކެއުން މޫދު ކައިރީގައި ބީޗްގައި ތައްޔާރުކޮށްފައި އޮތުމުން އެހިތްހަމަޖެހުން އެޒުވާނުންނަށް ބޮޑުވިއެވެ. ސުފުރާމަތި ވެސް ފެނުނީ މުޅިން ތަފާތު ކޮށެވެ. ދިވެހި ވަންތަ ކެއުންތަކެވެ. ޚާއްޞަ މުނާސަބަތު ތަކުގައި ލިބޭ ދިވެހިންގެ ޖާފަތް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބުނެވެ. މިދަތުރުގައި ކެއުމުގައި މަޑުއްވަރި އަކީ އެއްވަނަ އެވެ. އެހެން ރަށްރަށުގައިވެސް ސުފުރާމަތި ތިޔަގި ނަމަވެސް މަޑުއްވަރިން ފެނުނީ ކެއުމުގެ މާހައުލާއި, ތައްޔާރުކޮށްފައި ހުރި ގޮތާއި, ބާވަތްތަކާއެކު މާ ތަފާތު ކޮށެވެ.
ރަށުން ފުރައިގެން ދިޔައީ މަޑުވަރީ ކައުންސިލްގެ ޚާއްޞަ ހަދިޔާ ހިފައިގެންނެވެ. މަޑުއްވަރިން ނިންމާލި ދަތުރަކީ ހަގީގަތުގައިވެސް މ.އަތޮޅުން ބަދަލުތަކެއް ފެންނާނެ ކަމުގެ އުއްމީދާއި ޔަޤީންކަން ލިއްބައިދިން ދަތުރެކެވެ.