ފެންކަޅި ނުވާ ލޮލެއް ނެތެވެ. ފިރިހެނުންގެ ލޮލުން ކަރުނައެވެ. މެދުއުމުރުގެ އަންހެނުން މޭޒުމަތީ ބޯ އަޅައިގެން ރޮނީއެވެ. ޒުވާން އަންހެން ކުދިންގެ ތެރެއިން ބައެއް ޒުވާނުން ޓިޝޫއިން ދެލޯ ފޮހެނީއެވެ. އަނެއް ބަޔަކު ފެންކަޅިވެފައެވެ. އެމީހުންގެ ކުރިމަތީގައި ހުއްޓިތިބެ އަސަރާއެކު ވާހަކަދައްކަމުން ދިޔައީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ޒުވާނުންނެވެ. ހިއްސާކުރަމުން ދިޔައީ އެމީހުން ކުރިމަތިވި, އަދި މިއަދުވެސް ކުރިމަތިލަމުންދާ ގޮންޖެހުންތަކާއި, ހުރަސްތަކެވެ.

ހަޔާތުގެ އެކި މަރުހަލާގައި ކުރިމަތިވި ހިތްފަޅައިގެންދާ ފަދަ ޖުމްލަތަކެވެ. އެއަޑު އަހަން ރަތްމަންދޫގެ ކުޑަ އާބާދީއަށް ކެތެއް ނުކުރެވުނެވެ. މ.އަތޮޅުގެ އެހެން ރަށްތަކުންވެސް އެމަންޒަރު ފެނުނެވެ. ނަމަވެސް ރަތްމަންދޫގައި އެވާހަކަ އަޑުއަހަމުންދިޔަ އިރު ފެނުނު މަންޒަރު މާބޮޑަށްވެސް ތަފާތެވެ.
މިވާހަކަ ދައްކާކަށް އަޅުގަނޑަށް ހިތަކަށްވެސް ކުޅަދާނައެއް ނޫން. ވަރަށް އަސަރުކުރި. ވަރަށް ވަރަށް އަސަރުކޮށްފި
ރަތްމަންދޫ ސޭޓް
މިއީ ލޯފަން ކުދިންގެ ޖަމްއިއްޔާއިން އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި, ހުރަސްތަކުގެ ވާހަކަ ދައްކާ މުޖުތަމައު ހޭލުންތެރި ކުރުމަށް ކުރާ ދަތުރުގައި މ.އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ ތެރެއިން ރަތްމަންދޫގައި މަޑުކޮށް ކުރިއަށް ގެންދިޔަ ސެސަންގެ ވާހަކައެވެ. ސެޝަންގައި ބައިވެރިވި ރަތްމަންދޫ ރައްޔިތުންނަށް ކުރި އަސަރެވެ. އެވާހަކަތަކާއެކު ލޯފަން ޒުވާނުންގެ ހިތްވަރާއި, ގޮންޖެހުންތަކުގެ ތެރެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަތްތަލަބަޑީގެ ބާރު އަޑުން ހޯލް ގުގުމަމުން ދިޔައެވެ. ނަތީޖާ އަކީ ލޯފަން ޒުވާނުންގެ ލޮލުންވެސް ކަރުނަ ފާއްދާލުމެވެ.
ސެޝަން ނިންމާލީ އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރަތްމަންދޫގެ ރައްޔިތުންގެ އަތުން ލިޔެ. އޭގެ ހައްލުވެސް ހުށަހަޅައިދިނުމަށްފަހު އެވެ. އަދި އިތުރު ދަތުރަކަށް ދައުވަތު ދެމުންނެވެ. އެދަތުރުގެ ހުރިހާ ޚަރަދެއް ރަތްމަންދޫ ކައުންސިލުން ކުރާ ގޮތަށެވެ.

ހިތްވަރާއެކު ލޯފަން ޒުވާނުން ދެއްކި ވާހަކައަށް ދިން ހިތްވަރާއި ތަރުހީބާއި އުއްމީދުން ހޭލުންތެރި ކުރުވުމުގެ މިމަސައްކަތުގައި ދެމިތިބުމުގެ ހިތްވަރު ޖަމްއިއްޔާގެ މެމްބަރުންނަށް މާބޮޑު ވެއްޖެއެވެ.
މ.އަތޮޅަށް ކުރާ ދަތުރުގައި ދެދުވަހު މަޑުކުރި ހަމައެކަނި ރަށަކީ ރަތްމަންދޫ އެވެ. އިހުސާސްކުރެވުނީ އަމިއްލަ ރަށްކަމުގެ އިހުސާސެވެ. ރަށުގެ ކޮންމެ މީހަކީ އާއިލާ މެމްބަރެއް ފަދައެވެ. އުޅެވުނީ އަމިއްލަ ގެތަކުގައެވެ. ކާން ލިބުނީ ކާން ބޭނުންވި ކޮންމެ އެއްޗެކެވެ. ކެފޭއެއް ނެތް އެރަށުގެ ކޮންމެ ގެއަކީ ދަތުރުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ ކެފޭ އެކެވެ. މިފަދަ އެތައް މަންޒަރެއް މ.އަތޮޅުގެ އެހެން ރަށްތަކުންވެސް ފެނުނެވެ. ތަޖުރިބާ ކުރިއެވެ. މިއީ ރަތްމަދޫގެ ވާހަކައެވެ.

ރަތްމަންދޫ ކައުންސިލުން ވަނީ ލޯފަންކުދިންގެ ޖަމްއިއްޔާއިން އެރަށަށް ޒިޔާރަތްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރި މަސައްކަތް ފާހަގަކުރައްވާ ހަނދާނީ ފިލައެއްވެސް ދެއްވާފައެވެ.